ހާމަކަން ބޮޑުގޮތެއްގައި މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤު ލިބިދިނުން ހަރުދަނާކުރުމަށް އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން ފަސް އަހަރުގެ ސްޓްރެޓީޖިކް އެކްޝަން ޕްލޭން އިފްތިތާޙްކޮށްފި

އޮގަސްޓު 20, 2026

އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުގެ (އައި.ސީ.އޯ) މަސައްކަތްތައް އިތުރަށް ހަރުދަނާކޮށް، ދިވެހިރާއްޖޭގައި ދެފުށް ފެންނަ، ޖަވާބުދާރީވަނިވި، އަދި މަޢުލޫމާތު ފަސޭހައިން ލިބޭނެ މަގު ތަނަވަސްކުރުމަށްޓަކައި އެކުލަވައިލި 2026-2031 ގެ ސްޓްރެޓީޖިކް އެކްޝަން ޕްލޭން އިފްތިތާޙްކޮށްފައިވަނީ ދިވެހިރާއްޖޭގައި ފުރަތަމަ ފަހަރަށް ބޭއްވި ނޭޝަނަލް އާރް.ޓީ.އައި ސިމްޕޯޒިއަމް 2026 ހުޅުވުމުގެ ރަސްމިއްޔާތުގައެވެ. މި ސްޓްރެޓީޖިކް އެކްޝަން ޕްލޭންގައި، އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހަކީ އަމިއްލަ އިސްނެގުމުގައި މަސައްކަތްކުރާ، ހަރުދަނާ އަދި ނަތީޖާ ނެރެދޭ މުއައްސަސާއަކަށް ހެދުމަށާއި، މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނު ތަންފީޛުކުރުމަށް ކުރެވޭ މަސައްކަތްތައް ފުޅާކުރުމުގެ އަމާޒަށް ވާސިލްވުމަށް ބޭނުންވާ ކަންކަން ވަރަށް ފުރިހަމައަށް ހިމެނިފައިވެއެވެ.

މި ޕްލޭން އެކުލަވައިލާފައިވަނީ ޔޫރަޕިއަން ޔޫނިއަންގެ އެހީތެރިކަމާއެކު ޔޫ.އެން.ޑީ.ޕީ މޯލްޑިވްސް އާއި ގުޅިގެން ކުރިއަށްގެންދާ "އެކައުންޓެބިލިޓީ އެންޑް އިންޓެގްރިޓީ މެޓަރސް" (އެއިމް) ޕްރޮޖެކްޓްގެ ދަށުންނެވެ. މި ސްޓްރެޓީޖިކް އެކްޝަން ޕްލޭން މައިގަނޑު ގޮތެއްގައި ބިނާކޮށްފައިވަނީ އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުގެ ޤާބިލުކަން ހުރި މިންވަރު ދެނެގަތުމަށް 2025 ވަނަ އަހަރު ކުރިއަށްގެންދިޔަ ކެޕޭސިޓީ ނީޑްސް އެސެސްމަންޓުން ފާހަގަވި ކަންކަމުގެ ތެރެއިން އެންމެ މުހިންމު ކަންކަމުގެ މައްޗަށް އިސްކަންދީގެންނެވެ.

"ދެފުށް ފެންނަ ސަގާފަތެއްގެ ތެރެއިން އާންމު މަޢުލޫމާތު ފަސޭހައިން ލިބިގަނެވޭ، ކޮންމެ މީހަކަށްވެސް ބާރުވެރިކަން ލިބިފައިވާ ޤައުމެއް ބިނާކުރުން" މި ތަޞައްވުރުގެ ދަށުން އެކުލަވައިލި މި ޕްލޭން އަމާޒުކޮށްފައިވަނީ މައިގަނޑު ތިން ދާއިރާއަކަށެވެ. އެ ދާއިރާތަކަކީ ދެފުށް ފެންނަ އަދި ޖަވާބުދާރީވަނިވި ސަގާފަތެއް ކުރިއެރުވުން، ޑިޖިޓަލް އަދި ޓެކްނޮލޮޖީގެ ވަސީލަތްތައް ބޭނުންކުރުން، އަދި މުއައްސަސާގެ ޤާބިލުކަން އިތުރުކުރުމާއި، މަޢުލޫމާތުގެ ދާއިރާގައި މަސައްކަތްކުރާ ރާއްޖެއާއި ބޭރުގެ ފަރާތްތަކާ އޮންނަ ގުޅުންތައް ބަދަހިކުރުމެވެ.

މި ޕްލޭންގެ މައިގަނޑު އެއް މަޤްޞަދަކީ ހަމައެކަނި މަޢުލޫމާތަށް އެދުމުން އެ މަޢުލޫމާތެއް ފޯރުކޮށްދިނުމުގެ ބަދަލުގައި، އިދާރާތަކުން އަމިއްލައަށް އިސްނަގައިގެން މަޢުލޫމާތު ހާމަކުރުމުގެ ސަގާފަތެއް އަށަގެންނެވުމެވެ. މީގެ އިތުރުން، މަޢުލޫމާތަށް އެދުމާއި މަޢުލޫމާތު ފޯރުކޮށްދިނުމުގެ މަރުހަލާތައް ފަސޭހަކޮށްދިނުމުގެ ގޮތުން އައި.ސީ.އޯ އިން ތަޢާރަފުކޮށްފައިވާ "މަހޯލި ޕޯޓަލް" އިތުރަށް ތަރައްޤީ ކުރުމާއި ކޭސް މެނޭޖްމަންޓް ސިސްޓަމެއް ތަޢާރަފުކޮށް، މުވައްޒަފުންގެ ހުނަރު އިތުރުކުރުމަށްވެސް މި ޕްލޭންގައި ވަނީ ހަރަކާތްތަކެއް ހިމަނާފައެވެ.

ސިމްޕޯޒިއަމް ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އިންފޮމޭޝަން ކޮމިޝަނަރު އަލްއުސްތާޛު އަޙްމަދު އާހިދު ރަޝީދު ވިދާޅުވީ، އުންމީދަކީ 2031 ވަނަ އަހަރާ ހަމައަށްދާއިރު، ރާއްޖޭގެ ކޮންމެ ސަރަޙައްދެއްގައި ހުރި މީހަކަށްވެސް ދައުލަތުގެ އިދާރާއަކުން މަޢުލޫމާތު ހޯދުމަށް އެދުމުން އެ މަޢުލޫމާތު ލިބޭނެ މަގު ފަހިވެފައި އޮތުމެވެ. އަދި ދެފުށް ފެންނަ ގޮތަށް ކަންކަން ކުރުމަކީ ބަލިކަށިކަމެއް ނޫން ކަމާއި، އެއީ ރައްޔިތުންގެ އިތުބާރު ހޯދުމުގެ އަސާސްކަން މުއައްސަސާތަކަށް ފުރިހަމައަށް ވިސްނިފައި އޮތުމެވެ.

މި ޕްލޭން އިފްތިތާޙްކުރުމަކީ މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނު (2014/1) ތަންފީޛުކުރުމަށާއި، ދައުލަތުގެ އިދާރާތަކުން މަޢުލޫމާތު ފޯރުކޮށްދިނުމުގައި އަދާކުރަންޖެހޭ ޒިންމާތައް ފުރިހަމައަށް އަދާކުރުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ.

މި ސިމްޕޯޒިއަމްގެ ތެރެއިން އާރް.ޓީ.އައި ޓްރެއިނިންގ އީ-މޮޑިއުލްތަކެއްވެސް ތަޢާރަފުކުރެވުނެވެ. އީ-މޮޑިއުލްތަކަކީ ދައުލަތުގެ އިދާރާތަކުގެ މުވައްޒަފުންނާއި އާންމުންނަށް މި ދާއިރާގެ މަޢުލޫމާތު ފަސޭހައިން އުނގެނުމަށް ފަރުމާކޮށްފައިވާ ވަސީލަތެކެވެ.

މާލޭގައި ކުރިއަށްދިޔަ މި ސިމްޕޯޒިއަމަކީ ދައުލަތުގެ އިދާރާތަކާއި، މަދަނީ ޖަމްޢިއްޔާތަކާއި، މީޑިއާ އަދި ތަޢުލީމީ ދާއިރާގެ ބޭފުޅުން ބައިވެރިވެ، މަޢުލޫމާތު ހޯދުމުގެ ޙައްޤު ފުޅާކޮށް ހަރުދަނާ ކުރުމާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކޮށް ތަޖުރިބާ ޙިއްޞާކުރުމަށް ބޭއްވުނު ހަރަކާތެކެވެ. މި ސިމްޕޯޒިއަމް ބޭއްވުމަށް ޔޫރަޕިއަން ޔޫނިއަންގެ އިތުރުން ޑެންމާކް، ލަގްޒެމްބާގް އަދި ކޮރެޔާ ރިޕަބްލިކުންވެސް އެހީތެރިކަން ފޯރުކޮށްދީފައިވެއެވެ.