އަމިއްލަ އިސްނެގުމުގައި މަޢުލޫމާތު ހާމަކުރުމާ ގުޅޭ ތަމްރީން ޕްރޮގްރާމެއް މ. މުލީގައި ބާއްވައިފި

އޮކްޓޯބަރު 30, 2025

އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހާއި މ. އަތޮޅު ކައުންސިލް ގުޅިގެން މައުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ 37 ވަނަ މާއްދާގެ ދަށުން ދައުލަތުގެ އިދާރާތަކުން އަމިއްލަ އިސްނެގުމުގައި މައުލޫމާތު ހާމަކުރުމާ ގުޅޭ ގޮތުން މ.މުލީގައި 2025 އޮކްޓޯބަރ 28ވަނަ ދުވަހު ތަމްރީނު ޕްރޮގްރާމެއް ބާއްވައިފިއެވެ. މ. އަތޮޅު ކައުންސިލްގެ އިސްނެންގެވުމުގެ މަތިން އިންތިޒާމް ކުރެވުނު މި ތަމްރީނުގެ މައިގަނޑު މަގުސަދަކީ، މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނުގެ ދަށުން ދައުލަތުގެ އިދާރާތަކަށް އޮންނަ މަސްއޫލިއްޔަތުތައް އޮޅުންފިލުވައިދީ، އަމިއްލަ އިސްނެގުމުގައި މަޢުލޫމާތު ހާމަކުރުމުގެ ޒިންމާ އިތުރަށް ހަރުދަނާކުރުމަށް އެހީތެރިކަން ފޯރުކޮށްދިނުމެވެ. މ.އަތޮޅުގެ ހުރިހައި ކައުންސިލެއް ހިމެނޭ ގޮތަށް 23 ބައިވެރިންނާ އެކު ކުރިއަށް ގެންދެވުނު މި ތަމްރީނު ޕްރޮގްރާމްގައި، އަމިއްލަ އިސްނެގުމުގައި މަޢުލޫމާތު ހާމަކުރުމާ ގުޅޭ ގޮތުން ބައިވެރިންނަށް މައުލޫމާތު ފޯރުކޮށްދިނުމުގެ އިތުރުން، ކައުންސިލްތަކުން މިހާރަށްވުރެ ރަނގަޅަށް މަޢުލޫމާތު ހާމަކުރުމަށް ޓަކައި އިތުރަށް ކުރަންޖެހޭ ކަންކަމާ ގުޅޭ ގޮތުންނާއި ޤާނޫނުގެ ދަށުން ހާމަކުރަން ޖެހޭ މައުލޫމާތުތައް ތައްޔާރުކުރުމަށް ބޭނުންވާ އެހީތެރިކަން ވެސް ފޯރުކޮށްދެވުނެވެ. މި ތަމްރީނުގެ ސަބަބުން މ. އަތޮޅުގެ އިދާރާތަކުން މައުލޫމާތު ހާމަކުރުމުގެ މަސައްކަތް އިތުރަށް ހަރުދަނާވެގެންދާނެ ކަމަށް އުންމީދުކުރެވެއެވެ. އަމިއްލަ އިންނެގުމުގައި ހާމަކުރަންޖެހޭ ހުރިހައި މައުލޫމާތެއް ހާމަކޮށްފައިވާ އިދާރާތަކުގެ ތެރޭގައި މ. އަތޮޅު ކައުންސިލާއި މ. މުލަކު ކައުންސިލް ހިމެނެއެވެ.