ޕްރެކްޓިސް ޕާލަމެންޓް ފޯ ޔޫތުގައި މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގާ ގުޅޭ ގޮތުން ސެޝަނެއް ނަގައިދީފި

އޮކްޓޯބަރު 13, 2025

ރައްޔިތުންގެ މަޖިލީހުގެ އިދާރާއާއި ޔޫ.އެން.ޑީ.ޕީ މޯލްޑިވްސް ގުޅިގެން ސިލްސިލާކޮށް ކުރިއަށް ގެންދާ ޕްރެކްޓިސް ޕާލަމަންޓް ފޯ ޔޫތުގެ 5ވަނަ ޕްރޮގްރާމްގައި އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުގެ ފަރާތުން މައުލޫމާތު ހޯދައި ލިިބިގަތުމުގެ ހައްގާ ގުޅޭ ގޮތުންް ސެޝަނެއް ނަގައިދީފިއެވެ. 2025 އޮކްޓޯބަރ 8 ވަނަ ދުވަހު ކުރިއަށް ގެންދެވުނު މި ސެޝަންގައި ޑިމޮކްރެޓިކް މުޖުތަމައެއްގައި ހާމަކަން ބޮޑު ގޮތެއްގައި މައުލޫމާތު ހާމަކުރުމާއި ޖަވާބުދާރީވުމުގެ މުހިްންމުކަމަށް އަލިއަޅުވައިލެވުނެވެ. އަދި އަސާސީ ހައްގެއްގެ ގޮތުގައި މިކަން މުހިންމުވާ ސަބަބާއި މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ބޭނުންކޮށްގެން ލިބިފައިވާ ކާމިޔާބީތަކުގެ ވާހަކަ ބައިވެރިންނާ ހިއްސާ ކުރެވުނެވެ .

ޕްރެކްޓިސް ޕާލަމެންޓް ފޯ ޔޫތުއަކީ ޒުވާނުންނަށް ދައުލަތުގެ ކަންކަމުގައި ބައިވެރިވުމަށް ހިތްވަރުދީ ހޭލުންތެރި، ޒިންމާދާރު ބައެއް ތަރުބިއްޔަތު ކުރުމުގެ މަގުސަދުގައި ކުރިއަށްގެންދާ ޕްރޮގްރާމެކެވެ. މި ސެޝަންގައި 36 ޒުވާނުން ބައިވެރިވިއެވެ.