ޖަރުމަންވިލާތުގެ ބާލިންގައި 2025 ޖޫން 23 ން 25 އަށް ކުރިއަށް ދިޔަ 16ވަނަ އިންޓަރނޭޝަނަލް ކޮންފަރެންސް އޮފް އިންފޮމޭޝަން ކޮމިޝަނަރސް (އައިސީއައިސީ)ގައި އިންފޮމޭޝަން ކޮމިޝަނަރު އަޙްމަދު އާހިދު ރަޝީދު ބައިވެރިވެވަޑައިގެންފިއެވެ.
އައިސީއައިސީއަކީ ކޮންމެ އަހަރަކު ބާއްވަމުން އަންނަ މުހިންމު ފޯރަމެކެވެ. މި ފޯރަމްގެ ބޭނުމަކީ އިންފޮމޭޝަން ކޮމިޝަނަރުންނާއި މައުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ގާނޫނުތައް ތަންފީޒުކުރުމުގެ ޒިންމާ އުފުލާ އެހެނިހެން ފަރާތްތައް ގުޅުވައިދީ މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގަކީ އިންސާނީ އަސާސީ ހައްގެއްގެ ގޮތުގައި ކުރިއަރުވައި ރައްކާތެރިކުރުމަށް ބާރުއެޅުމެވެ.
އިންފޮމޭޝަން ކޮމިޝަނަރު އަޙްމަދު ޢާހިދު ރަޝީދު ވަނީ މި ކޮންފަރެންސްގެ މައިގަނޑު ޕެނަލް ޑިސްކަޝަންތަކުގައި ބައިވެރިވެވަޑައިގެންފައެވެ. މި ކޮންފަރަންސްގެ ސަބަބުން، މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގު ދިވެހިރާއްޖޭގައި އިތުރަށް ހަރުދަނާކުރުމަށް ގިނަ ފުރުސަތުތަކެއް ފަހިވެގެންދާނެއެވެ. އަދި ބައިނަލްއަޤްވާމީ ފެންވަރުގައި އެހެން ގައުމުތަކުގެ ތަޖުރިބާތަކާއި ކާމިޔާބީތަކުން ތަޖުރިބާ ހާސިލްކޮށް ރާއްޖޭގެ ގާނޫނުތަކާއި އުސޫލުތައް އިތުރަށް ހަރުދަނާކުރުމަށް މި ފުރުސަތު ބޭނުންކުރެވޭނެއެވެ.
މިއަހަރުގެ ކޮންފަރަންސްގެ ޝިއާރެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ "އެކްސެސް ޓު އެންވަޔަރަމެންޓަލް އިންފޮމޭޝަން އިން ދަ ޑިޖިޓަލް އޭޖް" އެވެ. މިއީ ރާއްޖެއިން މި ކޮންފަރަންސްގައި ބައިވެރިވި 3ވަނަ ފަހަރެވެ.