މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނު ތަންފީޒުކުރުން ހަރުދަނާކުރުމުގެ މަގުސަދުގައި ގާނޫނީ ވަކީލުންނަށް ޚާއްސަކޮށްގެން 2025 މޭ 4ވަނަ ދުވަހު މަސައްކަތު ބައްދަލުވުމެއް ބާއްވައިފިއެވެ. މި މަސައްކަތު ބައްދަލުވުމަކީ އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހާއި، ދިވެހި ރާއްޖޭގެ ބާ ކައުންސިލާއި، ޓްރާންސްޕޭރަންސީ މޯލްޑިވްސްއާއި ސެންޓަރ ފޯރ ލޯ އެންޑް ޑިމޮކްރަސީ ގުޅިގެން ބޭއްވި މަސައްކަތު ބައްދަލުވުމެކެވެ،.
މި މަސައްކަތު ބައްދަލުވުމުގެ މައިގަނޑު މަގުސަދަކީ ޤާނޫނީ ވަކީލުންނަކީ މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނީ އޮނިގަނޑަށް ފުރިހަމައަށް އަހުލުވެރިވެ، އެ އޮނިގަނޑުގެ މައްޗަށް ޢަމަލުކުރުމުގެ ގާބިލުކަން ލިބިފައިވާ ބަޔަކަށް ހެދުމެވެ. މީގެ އިތުރުން، ޤާނޫނީ ވަކީލުންގެ މަސައްކަތުގެ ތެރެއިން މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނާ ގުޅޭ ގޮތުން ވަކާލާތުކޮށް، އެ ޙައްޤުގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ހިފުމަށް ބޭނުންވާ މަޢުލޫމާތާއި ހުނަރު ފޯރުކޮށްދީ، ޤާނޫނަށް އަހުލުވެރިކުރުވުމަކީ ވެސް މި ޕްރޮގްރާމްގެ މުހިންމު މަގުސަދެކެވެ. ޖުމުލަ 21 ޤާނޫނީ ވަކީލުން ބައިވެރިވެފައިވާ މި މަސައްކަތު ބައްދަލުވުމުގައި މަޢުލޫމާތު ފޯރުކޮށްދެއްވާފައިވަނީ މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤާ ގުޅޭ ބައިނަލްއަގުވާމީ މާހިރެއް ކަމަށްވާ ސެންޓަރ ފޮރ ލޯ އެންޑް ޑިމޮކްރަސީގެ އެގްޒެކެޓިވް ޑިރެކްޓަރ ޓޯބީ މެންޑަލްއެވެ.