އައިކޮމްގެ 2024ގެ އަހަރީ ރިޕޯޓުން ފާހަގަ ކުރެވުނު ބައެއް ކަންކަން

މާރިޗު 13, 2025

ވޭތުވެދިޔަ އަހަރުތަކަށް ބަލާއިރު، މިދިޔަ 2024ވަނަ އަހަރު އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހަށް ގިނަ މައްސަލަތަކެއް ހުށަހެޅިފައިވެއެވެ. އެއީ ޖުމުލަ 666 މައްސަލައެވެ. އޭގެތެރެއިން ރަޖިސްޓްރީ ކުރެވިފައިވަނީ 566 މައްސަލައެވެ. އެހެންކަމުން 2023 އާއި 2024ވަނަ އަހަރާ އަޅައި ބަލާއިރު، 2024ވަނަ އަހަރު ރަޖިސްޓްރީކުރެވުނު ޖުމުލަ މައްސަލަތަކުގެ އަދަދު 61 އިންސައްތަ މި ވަނީ އިތުރުވެފައެވެ. 2024ވަނަ އަހަރު ރަޖިސްޓްރީކުރެވިފައިވާ މައްސަލަތަކުގެ ތެރެއިން ގިނަ މައްސަލަތަކަކީ މައުލޫމާތު ހޯދުމަށް ހުށަހަޅާ ހުށަހެޅުންތަކަށް އިދާރާތަކުން އިޖާބަދިނުމަށް ޤާނޫނުގައި ކަނޑައަޅާފައިވާ މުއްދަތުގެ ތެރޭގައި އެ ހުށަހެޅުން ލިބިފައިވާ އިދާރާތަކުން އެއްގޮތަކަށް ވެސް އިޖާބަދީފައިނުވާތީ ހުށަހެޅި ޝަކުވާތަކެވެ.

އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން 2024ވަނަ އަހަރު ހިންގާފައިވާ ހަރަކާތްތަކަށް ބަލާއިރު މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނާ ގުޅޭ ގޮތުން ދައުލަތުގެ އިދާރާތަކުގެ މުވައްޒަފުންނަށް ތަމްރީން ޕްރޮގްރާމްތައް ހިންގުމުގެ އިތުރުން އާންމުން ހޭލުންތެރިކުރުމުގެ ހަރަކާތްތައް ވެސް ކުރިއަށް ގެންދެވުނެވެ. މި ގޮތުން 39 ތަމްރީނު ޕްރޮގްރާމާއި ހޭލުންތެރިކުރުމުގެ 9 ޕްރޮގްރާމެއް ކުރިއަށްގެންދެވުނެވެ. މި ހަރަކާތްތަކުގައި ޖުމުލަ 173 އިދާރާއަކުން 944 މީހުން ބައިވެރިވެފައިވެއެވެ. ބައިވެރިންގެ ތެރޭގައި 141 އިންފޮމޭޝަން އޮފިސަރުން ހިމެނެއެވެ. މީގެ އިތުރުން އެހެނިހެން އިދާރާތަކާއި ޖަމުއިއްޔާ ޖަމާއަތްތަކުގެ އެހީތެރިކަމާ އެކު ވެސް ގިނަ ހަރަކާތްތަކެއް ހިންގިފައިވެއެވެ.

އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުގެ މައްސޫލިއްޔަތު އަދާކުރުމުގައި ދިމާވެފައިވާ ގޮންޖެހުންތަކުގެ ގޮތުގައި ފާހަގަކުރެވިފައިވާ ކަންކަމުގެ ތެރޭގައި އޮފީހުގެ އިމާރާތުގެ ހާލަތު ފާހަގަކޮށްލެވެއެވެ. އޮފީސް އިމާރާތުގެ އެކި ހިސާބުތަކަށް ފެން ފޭބުމާއި މޯލްޑް ޖެހުމުގެ ސަބަބުން އޮފީސް މާހައުލަކީ، މިހާރު ސިއްހީ ގޮތުން މުވައްޒަފުންނަށް އެކަށީގެންވާ މާހައުލަކަށް ނުވެއެވެ.

ހަމަ އެއާ އެކު، އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހަށް ހުށަހެޅޭ މައްސަލަތައް އަހަރުން އަހަރަށް އިތުރުވަމުން ދާއިރު، މައްސަލަތައް ބެލުމާއި، މައްސަލަތައް ދިރާސާކުރުމަށް އެކަށީގެންވާ އަދަދަށް މުވައްޒަފުންނެތްކަން ފާހަގަ ކުރެވެއެވެ.

މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނުގައި ދައުލަތުގެ އިދާރާތަކުން އަމިއްލަ އިސްނެގުމުގެ މަތިން މައުލޫމާތު ހާމަކުރުން ލާޒިމުކޮށްފައިވީ ނަމަވެސް މިކަމަށް ގިނަ އިދާރާތަކުން މާބޮޑު އަހަންމިއްޔަތުކަމެއް ނުދޭކަން ފާހަގަ ކުރެވެއެވެ. ޤާނޫނުގައި ބަޔާންކޮށްފައިވާ މިންވަރަށް އަމިއްލަ އިސްނެގުމުގެ މަތިން ހާމަކުރަންޖެހޭ މައުލޫމާތު މިހާތަނަށް ހާމަކޮށްފައިވަނީ ދައުލަތުގެ އެންމެ 11 އިދާރާއިންނެވެ.

މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނު ތަންފީޒު ކުރުމަށް އިދާރާތަކުން ދޭންވާ އަހަންމިއްޔަތުކަން ނުދިނުމަކީ ވެސް ދިމާވެފައިވާ ވަރަށް ބޮޑު ގޮންޖެހުމެކެވެ. އެ ގޮތުން އިދާރާތަކަށް ހުށަހެޅޭ ހުށަހެޅުންތަކަށް އެއްވެސް ޖަވާބެއްފޯރުކޮށް ނުދިނުމާއި، މުރާޖާކުރުމަށް ހުށަހެޅޭ ހުށަހެޅުންތަކަށް ވެސް އެއްވެސް ޖަވާބެއް ނުދިނުމަކީ އިންފޮމޭޝަން ކޮމިޝަނަރަށް ހުށަހެޅޭ މައްސަލަތައް އިތުރުވުމުގެ މައިގަނޑު ސަބަބުކަން ފާހަގަކުރެވެއެވެ. އަދި ހުށަހެޅިފައިވާ ހުށަހެޅުމަށް ޖަވާބުދިނުމުގައި ޤާނޫނުގައި މައުލޫމާތު ފޯރުކޮށް ދިނުމުގެ ޒިންމާ އުފުލަންޖެހޭ އިންފޮމޭޝަން އޮފިސަރުން ހުށަހެޅޭ ހުށަހެޅުމަށް ގޮތްނިންމުމުގައި އިދާރާގެ އިސްވެރިން ބައިވެރިކުރަންޖެހުމަކީ ޤާނޫނުގައި ކަނޑައަޅާފައިވާ މުއްދަތަށް މައުލޫމާތު ފޯރުކޮށްދިނުމަށް ދިމާވާ އެންމެ ބޮޑު އެއް ދަތިކަން ދަނީ ފާހަގަކުރެވެމުންނެވެ.