އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން ކުރިއަށްގެންދާ މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނަށް ހޭލުންތެރިކުރުމުގެ ސިލްސިލާ ތަމްރީން ޕްރޮގްރާމްގެ ތެރެއިން 2025 ފެބުރުވަރީ 2 ވަނަ ދުވަހު މ. ދިއްގަރުގައި ތަމްރީނު ޕްރޮގްރާމެއް ބާއްވައިފިއެވެ.
މި ތަމްރީން ޕްރޮގްރާމަކީ މ.ދިއްގަރު ކައުންސިލާ ގުޅިގެން، އެ ކައުންސިލްގެ އެހީތެރިކަމާ އެކު ކުރިއަށްގެންދެވުނު ޕްރޮގްރާމެކެވެ. ޖުމުލަ 26 މީހުން ބައިވެރިވެފައިވާ މި ޕްރޮގްރާމް އަމާޒުކޮށްފައިވަނީ މ. ދިއްގަރު، މަޑުއްވަރި، ވޭވަށް، މުލި، ރަތްމަންދޫ އަދި ނާލާފުށީގެ ރަށު ކައުންސިލްތަކާއި، ސްކޫލްތަކާއި، މެޖިސްޓްރޭޓް ކޯޓުތަކާއި އަދި ހެލްތު ސެންޓަރުތަކުގެ މުވައްޒަފުންގެ އިތުރުން އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ މެންބަރުނަށެވެ.
މި ތަމްރީން ޕްރޮގްރާމްގެ މަޤްޞަދަކީ މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނަށް ރައްޔިތުން ހޭލުންތެރިކުރުވުމާއި، ދައުލަތުގެ އިދާރާތަކުން މަޢުލޫމާތު ދޫކުރުމުގައި ޢަމަލުކުރަންޖެހޭ އުސޫލުތަކާ ބެހޭ ގޮތުން ހޭލުންތެރިކުރުމެވެ. މި ފަދަ ތަމްރީން ޕްރޮގްރާމްތައް އެހެން އަތޮޅުތަކުގައި ވެސް ކުރިއަށް އޮތް ތަނުގައި ބޭއްވުމަށް ވަނީ ރޭވިފައެވެ.