ބ. ގޮއިދޫގައި އަމިއްލަ އިސްނެގުމުގައި މަޢުލޫމާތު ހާމަކުރުމާ ގުޅޭ ތަމްރީން ޕްރޮގްރާމެއް ބާއްވައިފި 

ޖަނަވަރީ 27, 2025

އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހާއި އިންޓަނޭޝަނަލް ރިޕަބްލިކަން އިންސްޓިޓުޓާ ގުޅިގެން މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނުގެ ދަށުން އަމިއްލަ އިސްނެގުމުގައި މަޢުލޫމާތު ހާމަކުރުމާ ގުޅޭ ގޮތުން ބ.ގޮއިދޫ ކައުންސިލްގެ މުވައްޒަފުން އަހުލުވެރިކުރުމަށް ޓަކައި 2025  ޖެނުއަރީ 20 އިން 21 އަށް ތަމްރީން ޕްރޮގްރާމެއް ބާއްވައިފިއެވެ. 

މި ތަމްރީން ޕްރޮގްރާމްގައި، އަމިއްލަ އިސްނެގުމުގައި މަޢުލޫމާތު ހާމަކުރުމުގައި ޤާނޫނުގައި ބަޔާންކޮށްފައިވާ ކަންކަން ތަފުސީލުކޮށް ކިޔައިދެވުނެވެ. އަދި ކަމާ ގުޅުންހުރި ލިޔެކިޔުންތައް ތައްޔާރުކުރުމަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނެވެ. މީގެއިތުރުން، ބ.ގޮއިދޫ ކައުންސިލަށް މަޢުލޫމާތު ހާމަކުރުމުގައި ދިމާވެފައިވާ ގޮންޖެހުންތަކާ ގުޅޭގޮތުން މަޝްވަރާކުރެވި، އެކަންކަން ހައްލުކުރެވޭނެ ގޮތްތަކާ ބެހޭ އިރުޝާދު އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުގެ ފަރާތުން ދިނެވެ.

މި ދަތުރުގައި، އިންފޮމޭޝަން ކޮމިޝަނަރ އަލްއުސްތާޒު އަޙްމަދު އާހިދު ރަޝީދު، ބ.ގޮއިދޫގެ އިތުރުން ބ.ފެހެންދުއާއި ބ.ފުޅަދުއަށް ވަޑައިގެން ސަރުކާރުގެ އިދާރާތަކާ ވެސް ބައްދަލުކުރެއްވިއެވެ. މި ބައްދަލުވުންތަކުގައި އަމިއްލަ އިސްނެގުމުގައި މަޢުލޫމާތު ހާމަކުރުމުގައި ދިމާވާ ގޮންޖެހުންތަކާއި، އެކަންކަން ހައްލުކުރުމަށް އެޅިދާނެ ފިޔަވަޅުތަކާ ގުޅޭ ގޮތުން މަޝްވަރާ ކުރެއްވިއެވެ.