ށ. ފުނަދޫގައި އަމިއްލަ އިސްނެގުމުގައި މަޢުލޫމާތު ހާމަކުރުމާ ގުޅޭ ތަމްރީން ޕްރޮގްރާމެއް ބާއްވައިފި

ޑިސެންބަރު 12, 2024

ށ. އަތޮޅުގެ ހުރިހާ ކައުންސިލްތަކަކީ މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނުގެ ދަށުން އަމިއްލަ އިސްނެގުމުގައި މަޢުލޫމާތު ހާމަކުރާ ކައުންސިލްތަކަކަށް ހެދުމަށް އެހީތެރިވުމުގެ ގޮތުން ތަމްރީން ޕްރޮގްރާމެއް ށ. ފުނަދޫގައި ބާއްވައިފިއެވެ.

2024 ޑިސެންބަރު 11 އިން ފެށިގެން 2 ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދިޔަ މި ތަމްރީން ޕްރޮގްރާމުގައި ށ. އަތޮޅުގެ ހުރިހާ ކައުންސިލްތަކަކުން ބައިވެރިވިއެވެ. މި ތަމްރީން ޕްރޮގްރާމުގައި، ކައުންސިލްތަކުން އަމިއްލަ އިސްނެގުމުގައި މަޢުލޫމާތު ހާމަކުރުމުގައި ދިމާވެފައިވާ ގޮންޖެހުންތަކާ ގުޅޭގޮތުން މަޝްވަރާކުރެވުނެވެ. އަދި އެކަމާ ގުޅުންހުރި ލިޔެކިޔުންތައް ތައްޔާރުކުރުމަށް ބޭނުންވާ އެހީތެރިކަން އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުގެ ފަރާތުން ފޯރުކޮށްދެވުނެވެ.

މި ތަމްރީން ޕްރޮގްރާމްގެ މަޤްޞަދަކީ ށ. އަތޮޅުގެ ހުރިހައި ކައުންސިލްތަކަކީ މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނުގެ 37 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތަށް، އަމިއްލަ އިސްނެގުމުގައި ހާމަކުރަންޖެހޭ ހުރިހައި މަޢުލޫމާތެއް ހާމަކޮށްފައިވާ ކައުންސިލްތަކަކަށް ހެދުމެވެ.

މިއީ އިންޓަނޭޝަނަލް ރިޕަބްލިކަން އިންސްޓިޓިއުޓް (އައި.އާރް.އައި) އާއި އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީސް ގުޅިގެން ކުރިއަށް ގެންދިޔަ ޙަރަކާތެކެވެ. މި ޕްރޮގްރާމްގެ ސަބަބުން ށ. އަތޮޅުގެ ކައުންސިލްތަކުން އަމިއްލަ އިސްނެގުމުގައި މަޢުލޫމާތު ހާމަކުރުމުގެ މަސައްކަތް އިތުރަށް ހަރުދަނާވެގެންދާނެ ކަމަށް އުންމީދު ކުރެވެއެވެ.