އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން އިންތިޒާމްކޮށްގެން، ދައުލަތުގެ އިދާރާތަކުގެ އިންފޮމޭޝަން އޮފިސަރުންނަށް ޚާއްސަކޮށްގެން މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤަށް އަހުލުވެރިކުރުމުގެ އެއް ދުވަހުގެ ތަމްރީނު ޕްރޮގްރާމެއް 2024 ނޮވެންބަރު 13ވަނަ ދުވަހު ކުރިއަށް ގެންގޮސްފިއެވެ.
މި ތަމްރީނު ޕްރޮގްރާމްގައި އިންފޮމޭޝަން އޮފިސަރުގެ ޒިންމާ އަދާކުރައްވަމުންގެންދާ 19 މުވައްޒަފުން ބައިވެރިވިއެވެ. މި ޕްރޮގްރާމްގެ މައިގަނޑު މަގުސަދަކީ މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤާ ގުޅޭ ގޮތުން އިންފޮމޭޝަން އޮފިސަރުންގެ ހޭލުންތެރިކަން އިތުރުކުރުމެވެ. އަދި އިންފޮމޭޝަން އޮފިސަރުންގެ މަސައްކަތުގައި ދިމާވާ ގޮންޖެހުންތަކަށް ހައްލު ހޯދައިދީ ގާބިލުކަން އިތުރުކޮށްދިނުމެވެ.
ތަމްރީނު ޕްރޮގްރާމްގައި ބައިވެރިންނަށް ފޯރުކޮށްދެވުނު މަޢުލޫމާތުގެ ތެރޭގައި މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ އަސާސްތަކާއި، މަޢުލޫމާތު ހޯދުމަށް އިދާރާއަކަށް ހުށަހެޅުމުން އަމަލުކުރާނެ ގޮތާއި، މަޢުލޫމާތު ފޯރުކޮށްނުދީ ހިފެހެއްޓިދާނެ ޙާލަތްތަކާ ބެހޭ މަޢުލޫމާތު ވެސް ދެވުނެވެ. އަދި އިދާރާތަކުން އަމިއްލަ އިސްނެގުމުގައި މަޢުލޫމާތު ހާމަކުރުމުގައި ސަމާލުކަން ދޭންޖެހޭ ކަންތައްތަކާ ބެހޭ ގޮތުން ވެސް މަޝްވަރާކުރެވުނެވެ.
މި ތަމްރީނު ޕްރޮގްރާމްގެ ސަބަބުން ދައުލަތުގެ އިދާރާތަކުގައި މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤު ކަށަވަރުކުރުމަށް ބާރަކަށްވެ އިންފޮމޭޝަން އޮފިސަރުންނަށް އެ ބޭފުޅުންގެ މަސްއޫލިއްޔަތުތައް އަދާކުރުމަށް ފަސޭހަވެގެންދާނެއެވެ.