ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ޚާއްސަކޮށް މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނަށް ހޭލުންތެރިކުރުމުގެ ޕްރޮގްރާމެއް ހިންގައިފި.

ނޮވެންބަރު 2, 2024

އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހާއި ޓްރާންސްޕޭރެންސީ މޯލްޑިވްސް ގުޅިގެން، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ޚާއްސަކޮށްގެން މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނާ ގުޅޭ ގޮތުން ހޭލުންތެރިކުރުމުގެ ތަމްރީން ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފިއެވެ.

މި ޕްރޮގްރާމްގައި ބައިވެރިންނަށް މައުލޫމާތު ފޯރުކޮށްދީފައި ވަނީ މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ އަސާސްތަކާއި، މައުލޫމާތު ހޯދުމަށް ހުށަހަޅާނެ ގޮތާއި، މައުލޫމާތު ހޯދުމުގެ މަރުހަލާތަކުގެ އިތުރުން މަހޯލި ޕޯޓަލް ބޭނުންކުރާނެ ގޮތާ ބެހޭ ގޮތުންނެވެ. ބައްދަލުވުމުން ކުރިއަށް ދިޔައިރު މައުލޫމާތު ހޯދުމަށް އިދާރާތަކަށް ރިކުއެސްޓް ކުރުމުގައި ބައިވެރިންނަށް މިހާރު ދިމާވާ ގޮންޖެހުންތަކާ އަދި އެކަންކަން ރަނގަޅު ކުރުމަށް ކުރެވިދާނެ ކަންކަމާ ގުޅޭގޮތުން ޚިޔާލު ހޯދައި މަޝްވަރާ ކުރެވުނެވެ.

މިއީ މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤާ ގުޅޭ ގޮތުން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ޚާއްސަކޮށްގެން ހިންގުނު މިފަދަ ފުރަތަމަ ތަމްރީން ޕްރޮގްރާމެވެ. މި ޕްރޮގްރާމްގައި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް ތަމްސީލުކުރާ ޖަމިއްޔާތައް ހިމެނޭ ގޮތަށް ޖުމުލަ 30 ފަރާތަކުން ބައިވެރިވެފައިވެއެވެ.