ރާއްޖޭގެ މިނިވަން މުއައްސަސާތަކުގެ އިސްވެރިންނަށް އަމާޒުކޮށްގެން އޮސްޓްރޭލިއާ ސަރުކާރުން ކުރިއަށްގެންދިޔަ "25-2024 ކެންބެރާ ފެލޯޝިޕް" ޕްރޮގްރާމްގައި އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުގެ ސެކްރެޓަރީ ޖެނެރަލް އަލްފާޟިލް އިދުރީސް އިސްމާޢީލް ބައިވެރިވެވަޑައިގެންފިއެވެ.
މިއީ އޮސްޓްރޭލިއާގެ ތަޖުރިބާ ހިއްސާކުރުމަށް ޓަކައި 2018 އަހަރުން ފެށިގެން ކުރިއަށްގެންދާ ހައި-ޕްރޮފައިލް ވިސިޓް ޕްރޮގްރާމެކެވެ. މި އަހަރުގެ ޕްރޮގްރާމްގައި ބައިވެރިވި ފަރާތްތަކަށް އޮސްޓްރޭލިއާގެ ކަމާ ބެހޭ ތަޖުރިބާކާރުންނާ އަދި އިސް އޮފިޝަލުންނާ ބައްދަލުކޮށް، އެ ޤައުމުގެ ސިޔާސަތުތަކާއި ހިންގުމުގެ އުސޫލުތަކާ ބެހޭ ގޮތުން މަޝްވަރާކުރުމަށް ފުރުޞަތު ތަނަވަސް ވެގެން ދިޔައެވެ. މި ގޮތުން ވެސްޓަރން އޮސްޓްރޭލިއާގެ އިންފޮމޭޝަން ކޮމިޝަނަރ ކެތަރިން ފްލެޗަރއާ ބައްދަލުކޮށް މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤާ ގުޅޭ ކަންކަމާ ބެހޭ ގޮތުން މަޝްވަރާކުރެވުނެވެ.
މި ސެޕްޓެންބަރު މަހު 16 އިން 20 އަށް ކުރިއަށް ގެންދިޔަ މި ޕްރޮގްރާމްގައި އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީސް ހިމެނޭ ގޮތަށް ރާއްޖޭގެ 6 އިދާރާއަކުން ބައިވެރިވެފައިވެއެވެ.