މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްޤުގެ ޤާނޫނާ ގުޅޭ ކަންކަން ހަރުދަނާ ކުރުމުގެ ގޮތުން ފުވައްމުލަކު ސިޓީ ކައުންސިލަށް އައިކޮމްގެ ޓީމެއް ޒިޔާރަތްކޮށްފި

ޖަނަވަރީ 16, 2024

އިންޓަނޭޝަނަލް ރިޕަބްލިކަން އިންސްޓިޓިއުޓް (އައި.އާރް.އައި) އިން އިންތިޒާމްކޮށްގެން ކުރިއަށް ގެންދާ ކޮލެބޮރޭޓިވް ޑިވެލަޕްމަންޓް ޕްރޮގްރާމް (ސީ.ޑީ.ޕީ) ގެ ދަށުން މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްޤުގެ ޤާނޫނާ ގުޅުން ހުރި ކަންކަމުގައި ފުވައްމުލަކު ސިޓީ ކައުންސިލްގެ ޤާބިލްކަން އިތުރުކުރުމާއި މަސައްކަތްތައް ހަރުދަނާކުރުމަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އައިކޮމްއާއި އައި.އާރް.އައި.ގެ ޓީމެއް ފުވައްމުލަކަށް ޒިޔާރަތްކުރައްވައިފިއެވެ.

މި ދަތުރުގައި، މިދިޔަ ޑިސެންބަރު މަހުގައި ކ.ތުލުސްދޫގައި ބޭއްވުނު ސީ.ޑީ.ޕީ ތަމްރީން ޕްރޮގްރާމްގައި މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްޤުގެ ޤާނޫނުގެ ދަށުން އަމިއްލަ އިސްނެގުމުގައި މައުލޫމާތު ހާމަކުރުމާ ގުޅޭ ގޮތުން ފުވައްމުލަކު ސިޓީ ކައުންސިލުން ކަނޑައަޅާފައިވާ ލަނޑުދަނޑިތައް ހާސިލު ކުރުމަށް މިހާތަނަށް ކުރެވިފައިވާ މަސައްކަތްތަކާއި، ދިމާވެފައިވާ ގޮންޖެހުންތަކާއި އަދި ބޭނުންވާ ކަންކަން ދެނެގަނެ، އެ ކައުންސިލަކީ އަމިއްލަ އިސްނެގުމުގައި މައުލޫމާތު ފޯރުކޮށްދޭ ނަމޫނާ ކައުންސިލަކަށް ހެދުމުގައި ބޭނުންވާ އެހީތެރިކަން ފޯރުކޮށް ދެވޭނެއެވެ. މީގެ އިތުރުން މި ދަތުރުގައި މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްޤުގެ ދަށުން މައުލޫމާތައް އެދުމުން އިދާރާއިން އަމަލުކުރާނެ ގޮތާއި އިސްތިސްނާ ޙާލަތްތަކާ، ރެކޯޑްސް މެނޭޖު ކުރާނެ ގޮތްތަކުގެ އިތުރުން މޮނިޓަރިންގ އިވެލުއޭޝަން ލާރިންގ ކޮންސެޕްޓްއާ ގުޅޭ ގޮތުން ފުވައްމުލަކު ސިޓީ ކައުންސިލަށް މައުލޫމާތު ފޯރުކޮށްދެވޭނެއެވެ.

ސީ.ޑީ.ޕީ ޕްރޮގްރާމް މިފަހަރު އަމާޒުކޮށްފައިވަނީ ފުވައްމުލަކު ސިޓީ ކައުންސިލްގެ އިތުރުން ށ އަތޮޅު ކައުންސިލާއި މ.މުލަކު ކައުންސިލް އިދާރާއަށެވެ. މި ޕްރޮގްރާމްގައި މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްޤާ ގުޅޭ ކަންކަމުގެ އިތުރުން ކުނި މެނޭޖްކުރުމާއި ޕްލާސްޓިކް މަދުކުރުމާއި ކައުންސިލްތަކުގެ ހިންގުން ހަރުދަނާކުރުމަށް އާންމުންގެ ބައިވެރިވުން އިތުރުކޮށް ނިންމުންތައް ނިންމުމުގައި ޑޭޓާ ބޭނުންކުރުމަށް އަހުލުވެރިކުރުވުމާ ގުޅޭ ބައިތައް ހިމެނެއެވެ. ދަތުރުގައި އައިކޮމްގެ ފަރާތުން ބައިވެރިވެވަޑައިގަންނަވަނީ އިންފޮމޭޝަން ކޮމިޝަނަރު އަޙްމަދު އާހިދު ރަޝީދާއި ސެކްރެޓަރީ ޖެނެރަލް އިދުރީސް އިސްމާއީލާއި ޕްރޮގްރާމްސް އޮފިސަރ މަރްޔަމް ޒުމްނާ އެވެ.