މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤާ ގުޅޭ ތަމްރީނު ޕްރޮގްރާމެއްގައި ބައިވެރިވުމަށް އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުގެ މުވައްޒަފުންނާއި ދައުލަތުގެ ބައެއް އިދާރާތަކުގެ އިންފޮމޭޝަން އޮފިސަރުން ހިމެނޭ ޓީމެއް އިންޑިއާއަށް ފުރައިފި

އޮކްޓޯބަރު 22, 2023

އިންޑިއާގެ ނެޝަނަލް ސެންޓަރ ފޮރ ގުޑް ގަވަނަންސް (އެން.ސީ.ޖީ.ޖީ) އާއި، އިންޑިއާގެ ސެންޓްރަލް އިންފޮމޭޝަން ކޮމިޝަން އާއި، ދިވެހިރާއްޖޭގައި ހުންނަ އިންޑިއަން ހައިކޮމިޝަން ގުޅިގެން އެއް ހަފުތާގެ މުއްތަދަށް ނިއުދިއްލީގައި ކުރިއަށް ގެންދާ ތަމްރީން ޕްރޮގްރާމެއްގައި ބައިވެރިވުމަށް އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުގެ 10 މުވައްޒަފަކާއި އެކިއެކި އިދާރާތަކުން 16 އިންފޮމޭޝަން އޮފިސަރަކު މިއަދު ފުރައިފިއެވެ.

އޮކްޓޯބަރ 22-28 ށް ކުރިއަށްދާ މި ދަތުރުގައި މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްޤު އިންޑިއާގައި ފެށިގެން އައިގޮތާއި، ސެންޓަރަލް އިންފޮމޭޝަން ކޮމިޝަންގެ ދައުރާއި، ހުށަހެޅޭ ޝަކުވާތަކާއި އެޕީލްތައް ކުރިއަށްދާގޮތާއި، ޕަބްލިކް އޮތޯރިޓީ ތަކުގެ ދައުރާއި، އިންފޮމޭޝަން އޮފިސަރުންގެ ކެޕޭސިޓީ އިތުރުކުރުމާއި، މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްޤަށް ޢާއްމުން އެވެއަރނެސްކުރުން ގެންދާނެގޮތުގެ މައްޗަށް ބައިވެރިންނަށް މަޢުލޫމާތު ލިބިގެންދާނެއެވެ. އަދި މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްޤުގެ އެންމެހައި ކަންކަން އިތުރަށް ހަރުދަނާކުރުމާ ގުޅޭ ގޮތުންނާއި ދިމާވާ ދަތިތަކާއި ގޮންޖެހުންތަށް ހައްލު ކުރުމަށް ކުރެވިދާނެ ކަންކަމުގެ އިތުރުން މައުލޫމާތު ހޯދަން ބޭނުންވާ ފަރާތްތަކަށް މިހާރަށްވުރެ ރަނގަޅަށް ޚިދުމަތް ދިނުމަށް ބޭނުންވާ ހުނަރު އިތުރުކުރުމާ ގުޅޭ ތަމްރީންތަކުގައި ބައިވެރިވުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން މައުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤާ ގުޅޭ ކަންކަން ކުރިއަށްގެންދާ ގޮތް ތަޖުރިބާކޮށް މައުލޫމާތު އޮޅުން ފިލުވުމުގެ ގޮތުން އިންޑިއާގެ ސެންޓްރަލް އިންފޮމޭޝަން ކޮމިޝަނަށް ޒިޔާރަތްކުރުމަށް ވެސް ވަނީ ހަމަޖެހިފައެވެ.

މިއީ މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްޤާ ގުޅޭ ކަންކަން ތަރައްޤީކޮށް ހަރުދަނާ ކުރުމަށް އިންޑިޔާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހަށް ލިބިފައިވާ ފުރުސަތެކެވެ.