މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ދުވަހުގެ ހަފްލާ

ސެޕްޓެންބަރު 28, 2022

ބައިނަލްއަގްވާމީ މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން އިންފޮމޭޝަން ކޮމިޝަނަރުގެ އޮފިހުގެ ފަރާތުން ހަފްލާއެއް ބާއްފައިފިއެވެ. 28 ސްޕްޓެންބަރު 2022 ވީ ބުދަ ދުވަހުގެ ރޭ ބާއްވާފައިވާ މި ހަފްލާ ޝަރަފުވެރި ކޮށްދެއްވާފައި ވަނީ މޯލްޑިވްސް ބިޔުރޯ އޮފް ސްޓެޓިސްޓިކްސްގެ، ޗީފް ސްޓެޓިސްޓީޝަން، އަލްފާޟިލާ ޢާއިޝަތު ޙަސަންއެވެ. މި ހަފުލާ ޙާއްސަކޮށްފައިވަނީ މައުލޫމާތު ހޯދުމަށް ހުށަހަޅާ ފަރާތްތަކަށާއި، ދައުލަތުގެ އިދާރާތަކުން މައުލޫމާތު ފޯރުކޮށްދޭ ފަރާތްތަކަށާއި، މައުލޫމާތު ހޯދުމުގެ ހައްގު ކުރިއަރުވާ އެކަމަށް ހޭލުންތެރިކުރުވާ ފަރާތްތަކަށެވެ.

މި ހަފްލާގައި އިންފޮމޭޝަން ކޮމިޝަނަރު ދެއްކެވި ވާހަކަފުޅުގައި، މަޢޫލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤަކީ އަސާސީ އިންސާނީ ޙައްޤެއްކަން ފާހަގަކުރެއްވިއެވެ. ދައުލަތުގެ އިދާރާތަކަށް މައުލޫމާތު ހޯދުމަށް އެދި ހުށަހަޅާ ހުށަހެޅުންތައް އަހަރަކަށްވުރެ އަހަރެއް އިތުރުވަމުންދާކަމާއި އަދި ފާއިތުވި 12 މަސްދުވަހު މިފަދަ ހުށަހެޅުންތަކުގެ އަދަދު ރިކޯޑު މިންވަރަކަށް އިތުރުވެފައިވާކަން ފާހަގަ ކުރެވޭ ކަމުގައި ކޮމިޝަނަރު ފާހަގަ ކުރެއްވިއެވެ. ދުވަހުގެ މުނާސަބަތުގައި އިންފޮމޭޝަން އޮފިސަރުންނަށާއި، ޓްރާންސްޕޭރަންސީ މޯލްޑީވްސް އާއި އެސޯސިއޭޝަން ފޯރ ޑިމޮކްރަސީ އިން ދަ މޯލްޑިވްސްއިން މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގައި ކުރައްވާ މަސައްކަތްތަކަށް ޝުކުރުއަދާ ކުރައްވާފައިވެއެވެ.

މި އަހަރުގެ މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ދުވަހުގެ ޝިއާރަކީ އާޓިފިޝަލް އިންޓެލިޖެންސް، އީ-ގަވަނަންސް އެންޑް އެކްސެސް ޓު އިންފޮމޭޝަންއެވެ. މި ޝިއާރުން ރަމްޒުކޮށްދެނީ މައުލޫމާތު ފޯރުކޮށްދިނުމާއި ހިންގުންތެރިކަމުގައި ޓެކްނޮލޮޖީގެ އަދާ ކުރާ ރޯލުގެ މުހިއްމު ކަމެވެ.

މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގަށް މިއަހަރު ތެރޭގައި އައި އިންގިލާބީ ކުރިއެރެމަކީ އީގަވަނަންސްގެ ދާއިރާއިން ތައާރަފު ކުރެވުނު މަހޯލި ޕޯޓަލްއެވެ. މިޕޯޓަލް މެދުވެރިކޮށް ދައުލަތުގެ 240 އަށް ވުރެ ގިނަ އިދާރާއަށް މައުލޫމާތައް އެދި ހުށަހެޅުން ހުށަހެޅުމުގެ ފުރުސަތު މިހާރުވަނީ ތަނަވަސްވެފައެވެ.

މި ހަފުލާގައި ރައީސުލް ޖުމްހޫރިއްޔާގެ އޮފީހުގެ ފަރާތުން ތައްޔާރުކުރަމުންދާ އޯޕަން ޑޭޓާ ސޯސްގެ މައުލޫމާތު ހިއްސާކުރެވުނެވެ. އަދި އޯޕަން ޑޭޓާއާއި، އޯޕަން ޑޭޓާއާ މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގާ ހުރި ގުޅުމުގެ މައްޗައް ބަލާލެވިފައިވެއެވެ.

މި ހަފުލާގައި މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ދަށުން އަމިއްލަ އިސްނެގުމުގައި މައުލޫމާތު ހާމަކުރުމުގައި މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުގެ ތަޖުރިބާ އެ އޮފީހުގެ ފަރާތުން ހިއްސާކުރިއެވެ.