މަޢުލޫމާތު ހޯދައި ލިބިގަތުމުގައި ބޭނުންކުރާނެ އޮންލައިން ޕޯޓަލެއް އައިކޮމްއިން ތަޢާރަފް ކޮށްފި

މޭ 18, 2022

މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނުގެ ދަށުން މަޢުލޫމާތަށް އެދުމުގައި ބޭނުންކުރާނެ އޮންލައިން ޕޯޓަލެއް މަހޯލި ޕޯޓަލްގެ ނަމުގައި މިއޮފީހުން މިއަދު ވަނީ ތަޢާރަފު ކޮށްފައެވެ.

މި ޕޯޓަލަކީ، މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނުގެ ދަށުން މަޢުލޫމާތު ހޯދުމަށް ޓަކައި ރައްޔިތުންނަށް މިހާރަށް ވުރެ ފަސޭހަކޮށްދިނުމުގެ ގޮތުން ފަރުމާކޮށްފައިވާ ޕޯޓަލެކެވެ. މަޢުލޫމާތަށް އެދޭ ފަރާތްތަކުން މަޢުލޫމާތު ހޯދުމަށް އެދުމުގައި ދައުލަތުގެ އިދާރާތަކަށް މި ޕޯޓަލް މެދުވެރިކޮށް ހުށަހެޅޭނެއެވެ. އަދި ދައުލަތުގެ އިދާރާތަކަށް މަޢުލޫމާތަށް އެދި ހުށަހަޅާ ހުށަހެޅުންތަކަށް މި ޕޯޓަލް މެދުވެރިކޮށް ޖަވާބު ދާރީ ވެވޭނެއެވެ. މީގެ އިތުރުން ދައުލަތުގެ އިދާރާތަކުން މަޢުލޫމާތު ނުލިބިގެން އިންފޮމޭޝަން ކޮމިޝަނަރަށް ހުށަހަޅާ ޝަކުވާ ނުވަތަ އިލްތިމާސް ހުށަހެޅުމުގެ ނިޒާމުވެސް މި ޕޯޓަލް މެދުވެރިކޮށް ވަނީ ހަމަޖެހިފައެވެ.

މި ޕޯޓަލް ތަޢާރަފް ކުރެވިފައި މި ވަނީ ދައުލަތުގެ 50 އަށް ވުރެ ގިނަ އިދާރާތަކާ އެކުގައެވެ. މީގެ ތެރޭގައި މިނިސްޓްރީތަކާއި، މިނިވަން މުއަސްސަސާތަކާއި ކައުންސިލްތައް ހިމެނެއެވެ. އަދި ކުރިއަށް އޮތް ދުވަސްތަކުގައި ދައުލަތުގެ އެހެން އިދާރާތައް ވެސް މި ޕޯޓަލްގެ ވިއުގައާ ގުޅި ޕޯޓަލް ބޭނުން ކުރާ އިދާރާތައް އިތުރުވަމުން ދާނެކަން މި ފުރުސަތުގައި ފާހަގަކުރަމެވެ.

މައުލޫމާތު ހޯދައި ލިބިގަތުމުގެ ގާނޫނުން ރައްޔިތުންނަށް ލިބިދީފައިވާ ހައްގު ފުރިހަމަ ގޮތުގައި ބޭނުން ކުރުމަށާއި ދައުލަތުގެ އިދާރާތަކުން ފޯރުކޮށްދޭން ޖެހޭ މައުލޫމާތު ފޯރުކޮށް ދިނުމުގެ ނިޒާމަށް މި ޕޯޓަލްގެ ސަބަބުން ހެޔޮ ބަދަލުތަކެއް އަންނާނޭކަމަށް އައިކޮމްއިން އުންމީދު ކުރަމެވެ.