އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހަށް ހުށަހަޅާފައިވާ މައްސަލައަކާ ގުޅިގެން އާންމު އަޑުއެހުމެއް ބާއްވައިފި

ސެޕްޓެންބަރު 15, 2021

ޤާނޫނު ނަންބަރު 1/2014 (މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނު)ގެ 59 ވަނަ މާއްދާއިން އިންފޮމޭޝަން ކޮމިޝަނަރަށް ލިބިދޭ ބާރުގެ ދަށުން އާންމުކޮށް ހުޅުވައިލައިގެން އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުގައި 14 ސެޕްޓެންބަރު 2021 ގައި ބާއްވައިފިއެވެ.

އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުގައި ބޭއްވި އަޑުއެހުމަކީ މޯލްޑިވްސް އެއަރޕޯރޓްސް ކޮމްޕެނީ ލިމިޓެޑްގެ މުވައްޒަފުންގެ މުސާރަ އާއި އިނާޔަތްތަކުގެ ތަފުސީލު ހޯއްދަވަން އެދި އަލްފާޟިލް އަޙްމަދު އައިމަން ލަޠީފް ހުށަހަޅުއްވާފައިވާ މައްސަލައިގެ އަޑުއެހުމެވެ. އަލްފާޟިލް އަޙްމަދު އައިމަން ލަޠީފް ބޭނުންވި މަޢުލޫމާތު މޯލްޑިވްސް އެއަރޕޯރޓްސް ކޮމްޕެނީ ލިމިޓެޑްގެ އިންފޮމޭޝަން އޮފިސަރު 21 ދުވަހުގެ ތެރޭގައި ދެއްވި ޖަވާބާމެދު ހިތްހަމަޖެހިވަޑައިނުގެން، އެ ޖަވާބު މުރާޖަޢާކޮށްދެއްވުމަށް އެދި މުރާޖަޢާ ކޮމިޓީއަށް އެދުމުން، 30 ދުވަސް ހަމަވުމުން ވެސް އެ ހުށަހެޅުމަށް މޯލްޑިވްސް އެއަރޕޯރޓްސް ކޮމްޕެނީ ލިމިޓެޑުން އަލްފާޟިލް އަޙްމަދު އައިމަން ލަޠީފްއަށް ލިޔުމުން ޖަވާބު ނުދިން މައްސަލައިގައެވެ. މި މައްސަލައިގެ ނިންމުމުގައިވަނީ، މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް އަށް މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނު ގެ ދަށުން މީގެ ފަހުން ހުށަހަޅާ ހުށަހެޅުންތަކަށް މަޢުލޫމާތު ހޯދަން އެދޭ ސަބަބު ބަޔާންކުރުމަށް ފޯމު ހުށަހަޅާ ފަރާތުގެ ކިބައިން އެދިވަޑައެއް ނުގަނެވޭނެ ކަމަށާއި ވީހާވެސް އަވަހަށް ފޯމު ބަލައިގަތްކަމުގެ ރަސީދުކޮޅު ހުށަހަޅާ ފަރާތައް ދިނުމަށާއި، އަދި އެ ކުންފުނީގައި މުރާޖައާ ކޮމެޓީއެއް އެކުލަވައިލުމަށް އިންފޮމޭޝަން ކޮމިޝަނަރު އިލްތިމާސްކުރެއްވިއެވެ. އަދި އަޙްމަދު އައިމަން ލަޠީފް އެދިފައިވާ މަޢުލޫމާތަކީ ޤާނޫނު ނަންބަރު: 1/2014 (މަޢުލުމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނު) ގެ 37 ވަނަ މާއްދާގެ (ފ) ގައި ދައުލަތުގެ ކޮންމެ އިދާރާއަކުންވެސް ހާމަކުރުމަށް ލާޒިމް ކުރާ މަޢުލޫމާތެއް ކަމަށާއި، މި މަޢުލޫމާތަކީ އިސްވެ ދެންނެވުނު ޤާނޫނުގެ ހަތްވަނަ ބާބުގައި ބަޔާންކުރާ އިސްތިސްނާ ޙާލަތަކަށް ފެތޭ މަޢުލޫމާތެއް ނޫންކަން ފާހަގަކޮށް އެ މަޢުލޫމާތު މައްސަލަ ހުށަހެޅި ފަރާތައް 7 ދުވަހުގެ މުއްދަތުގެ ތެރޭގައި ދޫކުރުމަށް ކަނޑައަޅައި މި މައްސަލަ އިންފޮމޭޝަން ކޮމިޝަނަރު ނިންމަވައިލެއްވިއެވެ.