މަހޯލި ދުވަހާއި ގުޅިގެން ރޭޑިއޯ ޕެނަލްޑިސްކަޝަނެއް ބާއްވައިފި

ސެޕްޓެންބަރު 28, 2022

މަޢުލޫމާތު ހޯދާ ލިބިގަތުމުގެ ޙައްޤުގެ ދުވަހާ ގުޅިގެން އައިކޮމް އިން ރޭވި ޕްރޮގްރާމް ތަކުގެ ތެރެއިން ރޭޑިއޯ ޕެނަލް ޑިސްކަޝަނެއް ބާއްވައިފިއެވެ. މިޕެނަލް ޑިސްކަޝަންގެ މައުޟޫއަކީ ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި މަޢުލޫމާތު ފޯރުކޮށްދިނުމެވެ.

މި ޑިސްކަޝަނުގައި ޕެނަލިސްޓުންގެ ގޮތުގައި ތިއްބެވީ ލޯކަލްގަވަރމަންޓް އޮތޯރިޓީގެ ޑިރެކްޓަރ ޖެނެރަލް އާދަމް ޝަރީފް އަދި އެސޯސިއޭޝަން ފޮރ ޑިމޮކްރެސީ އިންދަ މޯލްޑިވްސްގެ ޕްރޮޖެކްޓް ކޯރޑިނޭޓަރ އައިމަން ލަތީފެވެ. އަދި އައިކޮމްގެ ފަރާތުން ޑިރެކްޓަރ ޖެނެރަލް އަހުމަދު ޝިޔާމްއެވެ.

އެލްޖީއޭގެ ފަރާތުން ރާއްޖޭގެ ހުރިހާ ރަށެއް އެއް ވިއުގައަކުން ގުޅާލުމަށް މިހާރު ކުރެވެމުންދާ މަސައްކަތުގެ ތަފްސީލް އާދަމް ޝަރީފް ކިޔާ ދެއްވިއެވެ. އަދި ކޮންމެ ރަށެއްގެ ރަށު ކައުންސިލްގައި ވެބްސައިޓް ހެދިފައި ނެތުމުން އެކަމުގައި ބޭނުންވާ ޓެކްނިކަލް ކަންކަމުގައި އެހީ ތެރިވެދެވޭނެ ގޮތްތަކާއި ބެހޭ ގޮތުން ވެސް މިހާރުން މިހާރަށް ކުރެވިދާނެ ކަންތަކުގެ މަޢުލޫމަތު ދެއްވިއެވެ.

މަޢުލޫމާތު ހޯދައި ލިބިގަތުމަށްޓަކައި އައިކޮމް އިން ތައާރަފް ކޮށްފައިވާ މަހޯލި ޕޯޓަލްގެ ސަބަބުން ލިބިގެންދިޔަ ފަސޭހަތައް އޭޑީއެމްގެ އައިމަން ލަތީފުގެ ވާހަކައިގައި ފާހަގަ ކުރެއްވިއެވެ. ނަމަވެސް ކައުންސިލްތަކާއި އަތޮޅުތަކުގެ އެހެނިހެން އިދާރާތަކުގައި މުވައްޒިފުން މަދުވުމަކީ މަޢުލޫމާތު ލިބިގަތުން ލަސްވެ ގިނަ ދުވަސްތަކަށް ދިގުދެމިގެން ދިއުމަށް މެދުވެރިވާ ސަބަބެއް ކަމުގައިވެސް އައިމަން ލަތީފު ފާހަގަކުރެއްވިއެވެ.

މި ޑިސްކަޝަންގައި ފުވައްމުލަކު ކައުންސިލްއާއި ކުޅުދުއްފުށީ ކައުންސިލްގެ އިންފޮމޭޝަން އޮފިސަރުން ވެސް ފޯނު މެދުވެރިކޮށް ވަނީ ވާހަކަދައްކަވާފައެވެ.

މި ޑިސްކަޝަން ރޭޑިއޯ މެދުވެރިކޮށް ވަގުތުން ފޮނުވީ މަހޯލި ދުވަސްކަމަށްވާ ސެޕްޓެންބަރު މަހު 28 ވަނަ ދުވަހު މެންދުރު ފަހު 2 ން 3 އަށް ދިވެހިރާއްޖޭގެ އަޑުންނެވެ.