2021 ވަނަ އަހަރު ނިންމާފައިވާ މައްސަލަތައް 152 އިންސައްތަ އިތުރުވެއްޖެ

މާރިޗު 3, 2022

2021 ވަނަ އަހަރު އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހަށް 104 މައްސަލައެއް ވަނީ ހުށަހެޅިފައެވެ. މީގެ ތެރޭގައި ހިމެނެނީ މައުލޫމާތަށް އެދުނު އިދާރާގެ އިންފޮމޭޝަން އޮފިސަރުން ޖަވާބު ނުދީގެން ހުށަހެޅު 65 މައްސަލައާއި، މުރާޖައާ ކޮމިޓީން ޖަވާބު ނުލިބިގެން ހުށަހަޅާފައިވާ 12 މައްސަލައާއި، މުރާޖައާ ކޮމިޓީން ދިން ޖަވާބާއި މެދު ހިންހަމަނުޖެހިން ހުށަހެޅުނު 15 މައްސަލައާއި އަދި ރަޖިސްޓަރ ނުކުރެވޭ 12 މައްސަލައެވެ. 2020 ވަނަ އަހަރާ އަޅާ ބަލާއިރު، 2021 ވަނަ އަހަރު ހުށަހެޅިފައިވާ މައްސަލަތައްވަނީ 96 އިންސައްތަ އިތުރުވެފައެވެ. އަދި 2021 ވަނަ އަހަރަކީ އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހަށް އެންމެ ގިނަ އަދަދަކަށް މައްސަލަތައް ހުށަހެޅުނު އަހަރެވެ.

ވަނަ އަހަރު ހުށަހެޅުނު މައްސަލަ ތަކުގެ ތެރެއިން 63 މައްސަލަ ނިމިފައިވެއެވެ. އަދި ކުރީ އަހަރުތަކުގައި ހުށަހެޅިފައިވާ މައްސަލަތަކާއެކު، ޖުމުލަ 73 މައްސަލަ 2021 ވަނަ އަހަރު ބަލައި ނިމިފައިވެއެވެ. 2020 ވަނަ އަހަރާ އަޅާ ބަލާއިރު، 2021 ވަނަ އަހަރު ނިންމިފައިވާ މައްސަލަތައްވަނީ 152 އިންސައްތަ އިތުރުވެފައެވެ. އަދި 2021 ވަނަ އަހަރަކީ އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން އެންމެ ގިނަ އަދަދަކަށް މައްސަލަތައް ނިންމުނު އަހަރެވެ.

ދައުލަތުގެ އިދާރާތަކުގެ ތެރެއިން 2021 ވަނަ އަހަރު ނިންމިފައިވާ މައްސަލަތައް ރައްދުވާ އިދާރާތަކުގެ ތެރޭގައި ހިމެނެނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީސް އަދި މިނިސްޓްރީތަކަށް ރައްދުވާ 35 މައްސަލަ، ދައުލަތުގެ ކުންފުނިތަކަށް ރައްދުވާ 12 މައްސަލަ، ކައުންސިލްތަކަށް ރައްދުވާ 10 މައްސަލަ، މިނިވަން މުއައްސަސާތަކަށް ރައްދުވާ 5 މައްސަލަ، ތައުލީމީ ދާއިރާގެ އިދާރާތަކަށް ރައްދުވާ 3 މައްސަލަ، ސިޔާސީ ޕާޓީތަކަށް ރައްދުވާ 2 މައްސަލަ، ކޯޓުތަކަށް ރައްދުވާ 1 މައްސަލަ، ޖަމުއްޔާތަކަށް ރައްދުވާ 1 މައްސަލަ އަދި އެހެނިހެން އިދާރާތަކުގެ ބައިން ހުށަހެޅުނު 4 މައްސަލައެވެ.