Information Commissioner's Office
  • ފުރަތަމަ ސަފުހާ
  • ތަޢާރުފު
  • އިރުޝާދު
  • ޚަބަރު
  • ބްލޮގް
  • ހަރަކާތްތައް
  • ތަމްރީނު
  • އިންފޮމޭޝަން އޮފިސަރުން
  • ހުށަހެޅޭ މައްސަލަ
  • މަހޯލި
  • ޑައުންލޯޑު
  • ސުވާލާއި ޖަވާބު
  • ގުޅުއްވަން
  • ފަހުގެ
  • ފޮޓޯޯ

ކޮވިޑް-19 ފުރަބަންދާ ގުޅިގެން އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން ދައުލަތުގެ އިދާރާތަކަށް ފޮނުވުނު އާންމު ސިޓީ

28 އެޕްރީލް 2020

މިހާރު ކުރިމަތިވެފައިވާ ކޮވިޑް-19 ގެ ސިއްޙީ ކުއްލި ނުރައްކަލުގެ ޙާލަތުގައި ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވަމުން ދިއުމާއި، ދައުލަތުގެ އިދާރާތައް އާންމު އުސޫލުން ހުޅުވުން ބަންދުކޮށްފައިވުމުގެ ސަބަބުން ޤާނޫނު ނަންބަރު: 2014/1 (މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނު) ތަންފީޒުކުރުމަށް ދަތިތަކެއް ހުރިކަން ފާހަގަކުރެވެއެވެ.

ނަމަވެސް، މި ޙާލަތުގައި ވެސް ބައެއް ދާއިރާތަކުން އިސްނެގުމާއެކު ރައްޔިތުންނަށް މަޢުލޫމާތު ފޯރުކޮށް ދެއްވުމަށް މަސައްކަތްކުރައްވަމުން ގެންދަވާކަން ފާހަގަކުރަމެވެ. ތެދު މައުލޫމާތު ލިބުމާއި ސިއްޙީ ކުއްލި ނުރައްކަލުގެ ޙާލަތުގައި ދައުލަތުގެ އިދާރާތަކުން ރައްޔިތުންނަށް ލިބޭނެ ޚިދުމަތްތަކާއި ޚިދުމަތްތައް ފޯރުކޮށްދިނުމުގައި ރޭވިފައިވާ ގޮތްތައް އާންމުކޮށް އާންމުކޮށްފައި އޮތުމަކީ ބޭނުންތެރި، އަދި ދައުލަތާމެދު ރައްޔިތުންގެ އިތުބާރު ދެމެހެއްޓުމަށް މުހިންމު ކަމެއް ކަމަށް ފެންނާތީ، ތިރީގައި ބަޔާންކޮށްފައިވާ ކަންކަން ކުރުން މުހިންމު ކަމަށް މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނުގެ 53 މާއްދާގެ ދަށުން ދައުލަތުގެ އެންމެހާ އިދާރާތަކަށް ދަންނަވަމެވެ.

1. ދައުލަތުގެ އިދާރާތަކުގެ ހިންގުމާއި، ދޭ ޚިދުމަތްތަކާ ގުޅޭ މައުލޫމާތަކީ މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނުގެ 37 ވަނަ މާއްދާގައި ބަޔާންކުރާ ގޮތުން، އެ އިދާރާއެއްގެ އަމިއްލަ އިސްނެގުމަށް ޝާއިޢުކުރަންޖެހޭ މައުލޫމާތަށް ވީހިނދު، ސިއްޙީ ކުއްލި ނުރައްކަލުގެ ޙާލަތުގައި ހިދުމަތް ދޭނަމަ ޚިދުމަތް ދިނުމަށް ރޭވިފައިވާ ގޮތް އެ އިދާރާއެއްގެ ވެބްސައިޓްގައި ޝާއިޢުކުރުން.

2. ކޮވިޑް-19 އާ ގުޅޭ ގޮތުން ކުރަމުންދާ މަސައްކަތްތަކާ ގުޅޭ މައުލޫމާތު އަމިއްލަ އިސްނެގުމަށް ވީ އެންމެ ފުޅާމިނެއްގައި ހާމަކުރަމުން ދިއުމާއި ލިޔެކިޔުންތައް އަރުޝީފުކުރުމާއި، މައުލޫމާތުތައް އޮންލައިންކޮށް ލިބެން ހުރުން.

3. ސިއްޙީ ކުއްލި ނުރައްކަލުގެ ޙާލަތުގައި ސަރުކާރުގެ އިދާރާތަކުން އޮންލައިންކޮށް ދެއްވެން ހުރި ހުރިހާ ޚިދުމަތެއް އޮންލައިންކޮށް ދެއްވަމުން ގެންދެވުމަށާއި، އޮފީސްތައް ނުހުޅުވާ މުއްދަތުގެ ތެރޭގައި ދައުލަތުގެ އިދާރާއަކުން ކޮންމެހެން ދޭންޖެހޭ ޚިދުމަތެއް ދިނުމަށްޓަކައި، އެ އިދާރާއެއްގެ އެންމެ އިސްވެރިއަކު ކަނޑައަޅުއްވާ ގޮތެއްގެ މަތިން އެ އިދާރާއަކުން ކުރަންޖެހޭ މަސައްކަތްތައް ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އަންގަވާފައިވާކަން ފާހަގަކުރަމެވެ. ވުމާއެކު، ކޮންމެ އިދާރާއަކުން ވެސް އޮންލައިކޮށް ދޭ ޚިދުމަތްތަކަކީ ކޮބައިކަން އާންމުކޮށް އެނގޭ ގޮތަށް ޝާއިޢުކުރުން.

4. މައުލޫމާތު ހޯދުމަށް އެދި ހުށަހަޅާ ހުށަހެޅުން އޮންލައިންކޮށް ނުވަތަ އީ-މެއިލްގެ ޒަރިއްޔާއިން ބަލައިގަތުމާއި ދޫކުރުން، އަދި މައްސަލަ ބަލައިގަތްކަން އީ-މެއިލުން ނުވަތަ އެސް.އެމް.އެސްއިން އެންގުން.

5. ދައުލަތުގެ އިދާރާތަކަށް ހުށަހެޅޭ މައްސަލަތަކަށް، ޚާއްސަކޮށް ކޮވިޑް-19ގެ ހާލަތާ ގުޅޭ ގޮތުން މައުލޫމާތު ހޯދަން ހުށަހަޅާ މައްސަލަތަކުގައި އަވަހަށް އިޖާބަ ދެވޭނެ އިންތިޒާމެއް ހަމަޖެއްސުން.

6. މައުލޫމާތު ހޯދުމަށް ހުށަހަޅާފައިވާ މައްސަލަތަކަށް އިޖާބަ ދޭންޖެހޭ ނުވަތަ ޖަވާބު ދޭންޖެހޭ މުއްދަތު، ސިއްޙީ ކުއްލި ނުރައްކަލުގެ ޙާލަތާ ގުޅިގެން ފާއިތުވެގޮސްފައި އޮތުމަކީ މައްސަލައިގެ މައުޟޫއަށް ބަދަލެއް އަންނާނެ ކަމަކަށް ނުވާތީ، މި ހާލަތަށް ފަހު އޮފީސް ހުޅުވުމުން، ނުވަތަ އެހެން އިންތިޒާމެއްގެ ދަށުން އޮފީހުގެ ހިންގުން ކުރިއަށް ގެންދަން ނިންމުމުން، އެ މައްސަލަތަކަށް ލަސްނުކޮށް ޖަވާބު ދިނުން.

7. ފުރަބަންދުގެ ހާލަތުގައި އޮފީސް ހުޅުވައިގެން ހޯދަންޖެހޭ މައުލޫމާތެއް ދޫކުރުމަށް ދަތިވާނަމަ، އެކަން ބަޔާންކޮށް ޖަވާބު ދިނުމާއި، ފުރަބަންދަށް ފަހު އެފަދަ މައްސަލަތަކަށް އަވަހަށް ޖަވާބު ދިނުން.

ސިއްޙީ ކުއްލި ނުރައްކަލުގެ ހާލަތުގައި އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން މައްސަލަތައް ބަލައިގަތުމަށް ނިންމާފައިވަނީ އީ-މެއިލުންނެވެ. އަދި މައްސަލަތައް ކުރިއަށް ގެންދާނީ އޮންލައިންކޮށް ކަމަށް ވެސް ދަންނަވަމެވެ.

  • އިންފޮމޭޝަން ކޮމިޝަނަރަށް ހުށަހަޅާ އަހަރީ ރިޕޯޓު ފޮނުވުމަށް ދައުލަތުގެ އިދާރާތަކަށް އަންގައިފި

    11 ޖަނަވަރީ 2021
  • މުއާމަލާތް ކުރުމާއި އިހުތިރާމު ކުރުމާ ގުޅޭ ގޮތުން މައުލޫމާތު ދިނުމުގެ ބައްދަލުވުމެއް ބާއްވައިފި

    02 ޑިސެންބަރު 2020
  • ނަފްސާނީ ދުޅަހެޔޮކަމާ ގުޅޭ ގޮތުން މައުލޫމާތު ދިނުމުގެ ބައްދަލުވުމެއް ބާއްވައިފި

    19 ނޮވެންބަރު 2020
  • 2019 ވަނަ އަހަރުގެ އަހަރީ ރިޕޯޓާ ގުޅޭ ގޮތުން ޕްރެސެންޓޭޝަނެއް ހުށަހަޅައިދީފި

    18 ނޮވެންބަރު 2020
  • މަހޯލި ހަރަކާތްތެރިން އުފެއްދުމުގެ މަސައްކަތު ބައްދަލުވުން ފެށިއްޖެ

    15 ނޮވެންބަރު 2020
އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީސް
ބިއްލޫރިޖެހިގެ، މަޖީދީ މަގު، ގަލޮޅު، ޕޯސްޓަލް ކޯޑު: 20131
އީމެއިލް: info@icom.mv
ފޯނު ނަންބަރު: 3010990 (960+), ފެކްސް ނަންބަރު: 3010959 (960+)
Designed and Developed by CodeFish Pvt Ltd