
އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުގެ މަސައްކަތްތަކާއި، 2020 ވަނަ އަހަރަށް ރޭވިފައިވާ ބައެއް މުހިންމު ކަންތައްތަކާ ބެހޭ މަޢުލޫމާތު، އިންފޮމޭޝަން ކޮމިޝަނަރު މީޑިއާއާ ޙިއްޞާކުރައްވައިފި
އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުގެ މަސައްކަތްތަކާއި، 2020 ވަނަ އަހަރަށް ރޭވިފައިވާ ބައެއް މުހިންމު ކަންތައްތަކާ ބެހޭ މަޢުލޫމާތު، އިންފޮމޭޝަން ކޮމިޝަނަރު އަލްފާޟިލް ޙުސައިން ފިޔާޒު މޫސާ މީޑިއާއާ ޙިއްޞާކުރައްވައިފިއެވެ.
މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނުގައި ބަޔާންކުރާ "އިންފޮމޭޝަން ކޮމިޝަނަރަށް އަހަރީ ރިޕޯޓު ހުށަހަޅާ ފޯމު" ދައުލަތުގެ އެންމެހާ އިދާރާތަކުން ހުށަހެޅުމާ ބެހޭ ގޮތުން އިންފޮމޭޝަން ކޮމިޝަނަރު ހިއްސާ ކުރެއްވި މަޢުލޫމާތުގައި އެ ފޯމަކީ ދައުލަތުގެ އިދާރާތަކުން ރިޕޯޓު ހުށަހެޅުއްވުމަށް ފަސޭހަކޮށްދެއްވުމަށް ތައްޔާރު ކުރައްވާފައިވާ ފޯމެއް ކަމުގައި ކޮމިޝަނަރު ފާހަގަކުރެއްވިއެވެ.
އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން ދައުލަތުގެ އެންމެހާ އިދާރާތަކަށް ފޮނުވި 460/CIR/2019/41 ނަންބަރު ސާކިއުލާގައި ބުނެފައިވާ ގޮތުގައި ވޭތުވެދިޔަ ފަސް އަހަރު، ރިޕޯޓު ފޮނުއްވާފައި ނުވާ އިދާރާތަކުން މިއަހަރު ނިމުމުގެ ކުރިން ކޮންމެ އަހަރެއްގެ މަޢުލޫމާތު ވަކިން އެނގޭނޭ ގޮތަށް، ފަސް އަހަރުގެ ރިޕޯޓު ފޮނުއްވުމަށާއި 2019 ވަނަ އަހަރުގެ ރިޕޯޓު 2020 ޖެނުއަރީ 31 ގެ ކުރިން ފޮނުވައިދިނުމަށް ވެސް ވަނީ އެދިފައެވެ.
މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ބައިނަލްއަޤްވާމީ ދުވަސް ފާހަގަކުރުމުގެ ގޮތުން ދައުލަތުގެ އިދާރާތަކަށް ދެވެމުން ދިޔަ "ރަންވަނަ އެވޯޑު" 2020 ވަނަ އަހަރު ދައުލަތުގެ އިދާރާތަކުގެ އިތުރުން ނޫސްވެރިންނަށާއި ނޫސް އިދާރާތަކަށް ވެސް ދެއްވުމަށް ހަމަޖައްސަވާފައި ވާކަން ކޮމިޝަނަރު ހާމަކުރެއްވިއެވެ.
ރަންވަނަ އެވޯޑަަކީ ވޭތުވެ ދިޔަ އަހަރުތަކުގައި ވެސް އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުގެ އިސް ނެގުމުގެ މަތީން، ދައުލަތުގެ އިދާރާތަކުގެ ތެރެއިން އެންމެ ރަނގަޅަށް މި ޤާނޫނު ތަންފީޒުކުރުމުގައި މަސައްކަތް ކުރައްވާފައިވާ އިދާރާއަކަށް ދެމުން އައި އެވޯޑެކެވެ. އެގޮތުން އެންމެ ފަހުން، 2017 ވަނަ އަހަރު މި އެވޯޑް ހާސިލްކޮށްފައިވަނީ އެންޓިކޮރަޕްޝަން ކޮމިޝަނާއި ތިލަދުންމަތީ އުތުރުބުރީ އަތޮޅު ކައުންސިލްގެ އިދާރާއިންނެވެ.