މުވައްޒަފުން

އަޙްމަދު ޝިޔާމް - ޑިރެކްޓަރ ޖެނެރަލް

އަލްފާޟިލް އަޙްމަދު ޝިޔާމް، މި އޮފީހާ ގުޅިވަޑައިގަތީ، 31 އޯގަސްޓް 2014 ގައި ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލްގެ ގޮތުގައެވެ. އޭގެ ފަހުން 04 ޖެނުއަރީ 2015 ގައި ޑިރެކްޓަރ ޖެނެރަލްގެ މަޤާމަށް ބަދަލުކުރެއްވިއެވެ.

އަޙްމަދު ޝިޔާމަކީ، 35 އަހަރަށްވުރެ ގިނަދުވަހު ސަރުކާރުގެ ގިނަ އޮފީސްތަކާއި އަމިއްލަ  ޖަމްޢިއްޔާތަކުގެ އިސް މަޤާމުތަކެއް ފުރުއްވައިފައިވާ ޤާބިލު، ތަޖުރިބާކާރު ބޭފުޅެކެވެ. އެގޮތުން ވަޒީފާ އަދާކުރެއްވި އޮފީސްތަކުގެތެރޭގައި މިނިސްޓްރީ އޮފް ޕަބްލިކް ސޭފްޓީއާއި މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީއާއި ސިލެކްޓެޑް އައިލެންޑް ޑިވެލޮޕްމެންޓް ޔުނިޓާއި މިނިސްޓްރީ އޮފް އިންފޮމޭޝަން، އާޓްސް އެންޑް ކަލްޗަރާއި ޕަބްލިކް ކޮމްޕްލައިންޓްސް ބިއުރޯއާއި މިނިސްޓްރީ އޮފް ހޯމް އެފެއާޒް ހިމެނެއެވެ. މީގެ އިތުރުން ދިވެހި މީޑިއާގެ ދާއިރާގައި 20 އަހަރަށްވުރެ ގިނަދުވަހު ޚިދުމަތް ކުރައްވައިފައިވެއެވެ.

މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ގަވާއިދު ވުޖޫދަށް އައުމާއި ހަމައިން ފެށިގެން ވޭތުވެދިޔަ 7 އަހަރުދުވަހު އެގަވާއިދު ތަންފީޒު ކުރުމުގެ މަސައްކަތުގައި އަމަލީގޮތުން ހަރަކާތްތެރިވެ 102 ރަށަކަށް ޒިޔާރަތްކުރައްވައި 11,000 ވުރެ ގިނަމީހުންނަށް މި ޙައްޤާ ބެހޭ މަޢުލޫމާތު ދެއްވައިފައިވެއެވެ.

އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުގެ ޑިރެކްޓަރ ޖެނެރަލްގެ ހައިސިއްޔަތުން އަޙްމަދު ޝިޔާމް ކުރައްވަމުން ގެންދަވާ މައިގަނޑު މަސައްކަތްތަކަކީ، މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނު ތަންފީޒުކުރުމަށް ޓަކައި ހިންގޭ ހޭލުންތެރިކުރުމުގެ ތަމްރީނު ޕްރޮގްރާމްތައް ހިންގެވުމާއި ދައުލަތުގެ އިދާރާތަކުން މަޢުލޫމާތު ނުލިބިގެން ހުށަހެޅޭ މައްސަލަތައް ބައްލަވައި ކަމާބެހޭ ގޮތުން އަޅުއްވަންޖެހޭ ފިޔަވަޅުތައް އެޅުއްވުމެވެ.

މީގެ އިތުރުން ޝިޔާމަކީ، މި އޮފީހުގެ މުރާޖަޢާ ކޮމިޓީއާއި ޖިންސީ ފުރައްސާރަ ކުރުމާއި ގޯނާކުރުން ހުއްޓުވުމުގެ ކޮމިޓީގެ މެންބަރެކެވެ.

 

ޙަސަން ޝާކިރު މުޙައްމަދު - ޑިރެކްޓަރ ޖެނެރަލް

އަލްފާޟިލް ޙަސަން ޝާކިރު މުޙައްމަދު، މި އޮފީހާ ގުޅިވަޑަގަތީ، 12 އޮކުޓޫބަރު 2014 ގައި ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލްގެ ގޮތުގައެވެ. އޭގެ ފަހުން 04 ޖެނުއަރީ 2015 ގައި ޑިރެކްޓަރ ޖެނެރަލްގެ މަޤާމަށް ބަދަލުކުރެއްވިއެވެ. މި އޮފީހުގައި ޙަސަން ޝާކިރު މުޙައްމަދުގެ މައިގަނޑު މަސްއޫލިއްޔަތަކީ، އިދާރީ ހިންގުމާއި ފައިސާއާ ބެހޭ އެންމެހައި ކަންތައްތައް ބެލެހެއްޓެވުމެވެ. ޝާކިރަކީ، މި އޮފީހުގެ މާލީ ޒިންމާދާރުވެރިޔާގެ އިތުރުން، ބިޑު ކޮމިޓީއާއި އެޗް.އާރު.ޑީ.ކޮމިޓީގެ މެންބަރެކެވެ.

މި އޮފީހާއި ގުޅިވަޑައިގެންނެވިއިރު ޝާކިރު މަސައްކަތް ކުރައްވަމުން ގެންދެވީ މާލޭ ސިޓީ ކައުންސިލްގެ އިދާރާގެ ޑެޕިއުޓި ޑިރެކްޓަރ ޖެނަރަލްގެ މަޤާމުގައެވެ.

ޙަސަން ޝާކިރު މުޙައްމަދަކީ، 28 އަހަރަށް ވުރެ ގިނަދުވަހު ސަރުކާރުގައި ވަޒީފާ އަދާކުރައްވައި އަދި ދިގު މުއްދަތަކަށް ގިނަ އޮފީސްތަކެއްގެ އިސް މަޤާމުތަކެއް ފުރުއްވާފައިވާ ހިންގުންތެރި ބޭފުޅެކެވެ. ޝާކިރު އަދާކުރައްވާފައިވާ މަޤާމުތަކުގެ ތެރޭގައި ކުއްލިއްޔަތުއްދިރާސާތިލް އިސްލާމިއްޔާގެ އެސިސްޓެންޓް ޑިރެކްޓަރުކަމާއި ހެންވޭރު އަވަށު އޮފީހުގެ އެސިސްޓެންޓް ޑިރެކްޓަރ ޖެނެރަލްކަމާއި މާލޭ ސިޓީ ކައުންސިލް އިދާރާގެ ޑެޕިއުޓި ޑިރެކްޓަރ ޖެނެރަލްކަމާއި މަދްރަސަތުލް އަމީރު އަޙްމަދުގެ ޑެޕިއުޓީ ޕްރިންސިޕަލްކަން ހިމެނެއެވެ. އަދި މާލޭ މުނިސިޕަލް ކައުންސިލްގެ ހެންވޭރު މެންބަރުކަމާއި އާޓް ކައުންސިލްގެ މެންބަރުކަމާއި ޒަކާތާބެހޭ ކޮމެޓީގެ މެންބަރުކަމާއި ކުއްލިއްޔާ މަޖިލީހުގެ މެންބަރުކަމާއި މޯލްޑިވްސް މީޑިއާ ކައުންސިލްގެ މެންބަރުކަން ވެސް ކުރައްވާފައިވެއެވެ.

ޝާކިރަކީ، ދިވެހިރާއްޖޭގެ ލިޔުންތެރީންގެ ޖަމިއްޔާ [ލިޔުންތެރީންގެ ގުޅުން] ގެ އެއް ނާއިބު ރައީސް ވެސް މެއެވެ. އިޖުތިމާޢީ އަދި އަދަބީ ޚިދުމަތުގެ ދާއިރާގައި ވެސް ގިނަ ޚިދުމަތްތަކެއް ކުރައްވަމުން ގެންދަވާ ބޭފުޅެކެވެ. ޝާކިރުވަނީ އަދަބީ ތަފާތު މުބާރާތްތަކުން މަތީ ވަނަތަކެއް ޙާޞިލު ކުރެއްވުމުގެ އިތުރުން، ދިވެހި ޅެންވެރިކަމުގެ ރޮނގުންނާއި ދިވެހި ބަހުން ވާހަކަދެއްކުންތެރިކަމުގެ ރޮނގުން ޢާންމު ޚިދުމަތުގެ ހިތްވަރު ދިނުމުގެ އިނާމުވެސް ޙާޞިލު ކުރައްވައިފައެވެ.

                                                                    

ޢާއިޝަތު ޔަޝްފާ - ސީނިއަރ ބަޖެޓް އޮފިސަރު

އަލްފާޟިލާ ޢާއިޝަތު ޔަޝްފާ، މި އޮފީހާ ގުޅިވަޑައިގަތީ، 31 އޯގަސްޓް 2014 ގައެވެ. ޢާއިޝަތު ޔަޝްފާ އަކީ، މި އޮފީހުގެ ބަޖެޓް އޮފިސަރެއްގެ މަޤާމުގައި އަދާކުރައްވާ ތަޖުރިބާކާރު ބޭފުޅެކެވެ. މި އޮފީހުގެ ބަޖެޓް ޔުނިޓްގައި ބަޖެޓް އެކައުންޓްތައް ކޮންޓްރޯލް ކުރެއްވުމާއި ފައިސާއާބެހޭ ވައުޗަރތައް ހެއްދެވުމާއި، މުވައްޒަފުންގެ މުސާރައާ ގުޅޭ އެންމެހާ މަސައްކަތްތައް ކުރައްވަމުން ގެންދަވަނީ ޔަޝްފާއެވެ. މީގެ އިތުރުން ޔަޝްފާއަކީ، މި އޮފީހުގެ މުރާޖަޢާ ކޮމިޓީގެ މެންބަރެކެވެ.

 ޔަޝްފާއަކީ، 5 އަހަރަށް ވުރެ ގިނަ ދުވަހު މިނިސްޓްރީ އޮފް ލޯ އެންޑް ޖެންޑަރގެ ބަޖެޓް އެންޑް ފައިނޭންސް ސެކްޝަނުގައި އެޑްމިނިސްޓްރޭޓިވް އޮފިސަރެއްގެ މަޤާމު އަދާކުރައްވާފައިވާ ބަޖެޓްގެ ދާއިރާއިން ތަޖުރިބާ ލިބިވަޑައިގެންފައިވާ ބޭފުޅެކެވެ. އޭނާ އެންމެ ފަހުން މަސައްކަތްކުރައްވާފައިވަނީ، [ބޭންކް ޓެލަރ]ގެ ގޮތުގައި ދިވެހިރާއްޖޭގެ އިސްލާމިކް ބޭންކުގެ ކަސްޓަމަރ ރިލޭޝަންސް ޑިވިޜަންގައެވެ.

2016 އާއި 2018 ވަނަ އަހަރު، މި އޮފީހުގެ ހާޒިރީއަށް އެންމެ ރަނގަޅު މުވައްޒަފަކަށް އަދި 2017 ވަނަ އަހަރު މި އޮފީހުގެ ހުރިހާ ގޮތަކުން އެންމެ ރަނގަޅު މުވައްޒަފަކަށް ވެސް ހޮވިފައި ވަނީ ވެސް ޢާއިޝަތު ޔަޝްފާއެވެ.


އާމިނަތު ރާޔާ އަޙުމަދު – ބިޔުރޯ އޮފިސަރު

އަލްފާޟިލާ އާމިނަތު ރާޔާ އަޙްމަދު މި އޮފީހުގެ އެސިސްޓަންޓް ޑެސްކް އޮފިސަރެއްގެ ގޮތުގައި މަސައްކަތް ކުރައްވާން ފެއްޓެވީ،  25 ސެޕްޓެންބަރު 2014 ގައެވެ.

ރާޔާއަކީ މި އޮފީހުގެ އެއް އިންފޮމޭޝަން އޮފިސަރެވެ. ކުރީން މި އޮފީހުގެ އެސިސްޓަންޓް ޑެސްކް އޮފިސަރެއްގެ ޙައިސިއްޔަތުން، މިހާރު ބިޔުރޯ އޮފިސަރު ގޮތުން މި އޮފީހުގައި  ރާޔާގެ މައިގަނޑު މަސްއޫލިއްޔަތަކީ އިންފޮމޭޝަން ކޮމިޝަނަރުގެ އިދާރީ މަސައްކަތްކުރެއްވުމާއި، ކޮމިޝަނަރު ބައިވެރިވެވަޑައިގަންނަވާ ޖަލްސާތަކާއި ބައްދަލުވުންތަކާއި ޙަފުލާތަކުގެ ޕްރޮޓޮކޯލް ކަންތައް ވިލަރެސްކޮށް އިންތިޒާމްތައް ހަމަޖެއްސެވުމާއި އަދި ކޮމިޝަނަރުގެ ރަސްމީ އެންމެހާ ކަންކަމުގައި އެހީތެރިވެދެއްވުމެވެ.

ރާޔާއަކީ ބައެއް އޮފީސްތަކުގައި މަސައްކަތްކުރައްވައިފައިވާ، އިސްނެގުމާއި ހިންގުމުގެ ހުނަރު ލިބިވަޑައިގެންފައިވާ ވަރަށް ގާބިލު މުވައްޒަފެކެވެ. ރާޔާ މަސައްކަތް ކުރައްވައިފައިވާ ތަންތަނުގެ ތެރޭގައި، މާލޭ ސިޓީ ކައުންސިލްގެ އިދާރާގެ ކައުންސިލް ބިޔުރޯއާއި ހިރިޔާ ސްކޫލްގެ ލައިބްރަރީ ހިމެނެއެވެ.

  

ޝައްފާން ޤާސިމް - ހިއުމަން ރިސޯސް އޮފިސަރު

އަލްފާޟިލް ޝައްފާން ޤާސިމް، މި އޮފީހުގެ އެޑްމިނިސްޓްރޭޓިވް އޮފިސަރެއްގެ ގޮތުގައި މަސައްކަތް ކުރައްވާން ފެއްޓެވީ، 21 ޖޫން 2015 ގައެވެ. މިހާރު ހުންނެވީ ހިއުމަން ރިސޯސް އޮފިސަރުގެ މަޤާމުގައެވެ.

ޝައްފާންގެ މައިގަނޑު މަސްއޫލިއްޔަތަކީ، އޮފީހުގެ މުވައްޒަފުންގެ ހާޒިރީ އާއި ސަލާމުގެ ރެކޯޑުތައް ގަވާއިދުން ބެލެހެއްޓެވުމާއި އަދި އޮފީހަށް އަލަށް ނަގާ މުވައްޒިފުން ނެގުމާއި ހުރިހާ މުވައްޒަފުންނާ ބެހޭ ކަަންކަން ބެލެހެއްޓެވުމެވެ.

މީގެ އިތުރުން ޝައްފާނަކީ، މި އޮފީހުގެ އެޗް.އާރު.ޑީ. ކޮމިޓީގެ މެންބަރެކެވެ.

ޝައްފާން މީގެ ކުރިން ވަނީ، [ފޯރސީޒަން – ކުޑަހުރާ]ގެ  ހިއުމަން ރިސޯސަސް އޮފިސަރެއްގެ ގޮތުން މަސައްކަތް ކުރައްވައިފައެވެ. އަދި ވަތަނިޔާގެ އެޑްމިން އޮފިސަރެއްގެ ގޮތުންނާއި ހިއުމަން ރިސޯސަސް އޮފިސަރެއްގެ ގޮތުން ވެސް މަސައްކަތް ކުރައްވައިފައިވެއެވެ. ޝައްފާނަކީ، މަސައްކަތަށް ފަރުވާތެރި ހުނަރުވެރި މުވައްޒަފެކެވެ.

2016 ވަނަ އަހަރު، މި އޮފީހުގެ ހުރިހާ ގޮތަކުން އެންމެ ރަނގަޅު މުވައްޒަފަކަށް ހޮވިފައި ވަނީ ވެސް ޝައްފާން ޤާސިމެވެ.

 


ޢަބްދުﷲ ޙުމައިދު – ފައިނޭންސް އޮފިސަރ

އަލްފާޟިލް ޢަބްދުﷲ ޙުމައިދު، އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހާ ގުޅިވަޑައިގަތީ، 2016 މޭ 22 ގައެވެ. ޙުމައިދުވަނީ، އެޑްވާންސް ސެޓްފިކެޓް އިން ބިޒިނަސް އެޑްމިނިސްޓްރޭޝަން ފުރިހަމަ ކުރައްވައިފައެވެ. އަދި މިހާރު ގެންދަވަނީ، ބެޗްލާސް އޮފް ބިޒިނަސް އެޑްމިނިސްޓްރޭޝަން ކޯސް ފުރިހަމަކުރައްވަމުންނެވެ.

މި އޮފީހުގެ ފައިނޭންސް އޮފިސަރގެ ހައިސިއްޔަތުން ޙުމައިދުގެ މައިގަނޑު މަސައްކަތަކީ، އޮފީހުން ކުރާ އެންމެހާ ޚަރަދުތައް ބެލެހެއްޓުމާއި އެކިފަރާތްތަކަށް ދައްކަންޖެހޭ ފައިސާ ދެއްކުމުގެ ކަންތައްތައް ބެލެހެއްޓުމެވެ. މީގެ އިތުރުން ޙުމައިދަކީ، މި އޮފީހުގެ ބިޑު ކޮމިޓީގެ މެންބަރެކެވެ.

ޢަބްދުﷲ ޙުމައިދު، މި އޮފީހާ ގުޅިވަޑައިގަތްއިރު ހުންނެވީ، ނޭޝަނަލް ޑްރަގް އޭޖެންސީގެ އެސިސްޓެންޓް އެކައުންޓްސް އޮފިސަރގެ މަގާމުގައެވެ.

2018 ވަނަ އަހަރު، މި އޮފީހުގެ ހާޒިރީއަށް އެންމެ ރަނގަޅު މުވައްޒަފަކަށް އަދި މި އޮފީހުގެ ހުރިހާ ގޮތަކުން އެންމެ ރަނގަޅު މުވައްޒަފަކަށް ވެސް ހޮވިފައި ވަނީ ވެސް ޢަބްދުﷲ ޙުމައިދެވެ.

  

ޢާއިޝަތު މަލްސާ އަޙުސަން - ލީގަލް އޮފިސަރު

އަލްއުސްތާޛާ ޢާއިޝަތު މަލްސާ އަޙުސަން މި އޮފީހާ ގުޅިވަޑައިގަތީ، 14 އޮގަސްޓު 2017 ގައެވެ. މަލްސާއަކީ ޝަރީޢަތާއި ޤާނޫނުން ބެޗްލާސް ޑިގްރީ (އޮނާރސް) ޙާޞިލު ކުރައްވައިފައިވާ ބޭފުޅެކެވެ. މަލްސާ މީގެ ކުރީން ވަނީ އިލެކްޝަންސް ކޮމިޝަންގެ އޮފިސަރެއްގެ މަޤާމު އަދާކުރައްވައިފައެވެ. އަދި ޖަމާލުއްދީން ސްކޫލުގެ އެސިސްޓެންޓެއްގެ މަޤާމު ވެސް އަދާކުރައްވައިފައިވެއެވެ.

މި އޮފީހުގައި މަރިޔަމްގެ މައިގަނޑު މަސައްކަތަކީ މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤާ ގުޅުންހުރި ލިޔެކިއުންތައް އެއްކޮށް ބެލެހެއްޓެވުމާއި، އެ ޤާނޫނުގެ ދަށުން، މަޢުލޫމާތު ނުލިބިގެން ހުށަހެޅޭ މައްސަލަތަކާ ގުޅޭ ކަންކަން ބެލެހެއްޓެވުމެވެ. އަދި އޮފީހުން ބާއްވާ ތަމްރީންތަކާއި މަސައްކަތު ބައްދަލުވުންތައް ރާވައި ވިލަރެސްކޮށް އަދި ހިންގުމުގެ އިންތިޒާމް ހަމަޖެއްސުމުގައި އިދާރީ ގޮތުން އެހީތެރިވެ ދެއްވުމެވެ.

 

 

ޢަބްދުﷲ ރަޝީދު – ޕްރޮގްރާމް އޮފިސަރ

އަލްފާޟިލް ޢަބްދުﷲ ރަޝީދު، އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހާ ގުޅިވަޑައިގަތީ، 2018 އެޕްރީލް 15 ގައެވެ. ޢަބްދުﷲ ވަނީ، ސެޓްފިކެޓް II އިން އިންފޮމޭޝަން ޓެކްނޮލޮޖީ ފުރިހަމަ ކުރައްވައިފައެވެ.

އެސިސްޓެންޓް ޕްރޮގްރާމް އޮފިސަރގެ ހައިސިއްޔަތުން ޢަބްދުﷲގެ މައިގަނޑު މަސައްކަތަކީ، އޮފީހުން ބާއްވާ ޓްރޭނިންގތަކާއި ވޯކްޝޮޕްތަކާއި ކޮންފަރެންސްތައް ރާވާ ހިންގުމުގައި އެހީތެރިވެދެއްވުމެވެ.

ޢަބްދުﷲ ، މި އޮފީހާ ގުޅިވަޑައިގަތްއިރު ހުންނެވީ، ތ.ދިޔަމިގިލީ ސްކޫލްގެ އެސިސްޓެންޓް ލައިބްރޭރިއަންގެ މަގާމުގައެވެ.

 

ހައިމަން ޙުސައިން - ޕްރޮކިޔޯމަންޓް އޮފިސަރ

އަލްފާޟިލް ހައިމަން ޙުސައިން، މި އޮފީހުގެ ޕްރޮކިޔޯމަންޓް އޮފިސަރެއްގެ މަގާމަށް ހަމަޖެހުނީ، 10 މާރިޗު 2020 ގައެވެ.

ޕްރޮކިޔޯމަންޓް އޮފިސަރެއްގެ ގޮތުން މައިގަނޑު މަސައްކަތަކީ، އޮފީހަށް ބޭނުންވާ ސާމާނާއި ހަރުމުދާ ފަދަ ތަކެތި ހޯދުމާއި ބީލަމަށް ލައިގެން ހޯދަންޖެހޭ ތަކެއްޗާއި ޚިދުމަތްތައް ހޯދުމާއި އޮފީހުގެ މަރާމާތާ ގުޅޭ ގޮތުން ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރުމާއި އެކަންކަމާ ގުޅިގެން ހަދަންޖެހޭ އެއްބަސްވުންތައް  ހަދައި ބެލެހެއްޓުމެވެ.

ހައިމަން ވަނީ، މޯލްޑިވްސް ޕޮލިޓެކްނިކްގެ ޕްރޮކިޔޯމަންޓް ބައިގައި އެޑްމިނިސްޓްރޭޓިވް އޮފިސަރެއްގެ ގޮތުން އަހަރަކަށް ވުރެ ގިނަ ދުވަހު ޕްރޮކިޔޯމަންޓްގެ މަސައްކަތްތައް ކުރައްވައިފައެވެ. މި އޮފީހުގެ ވަޒީފާ ހަމަޖެހުނުއިރު ވެސް ހައިމަން ހުންނެވީ އެ މަގާމުގައެވެ.

 

އަރީބު ޙުސައިން – ކޮމްޕިޔުޓަރ ޓެކްނީޝަން

އަލްފާޟިލް އަރީބު ޙުސައިން، މި އޮފީހުގެ ކޮމްޕިއުޓަރ ޓެކްނީޝަނެއްގެ ވަޒީފާ އަދާ ކުރައްވަން ފެއްޓެވީ، 17 ޖަނަވަރީ 2021 ގައެވެ.  މި އޮފީހުގައި އަރީބުގެ މައިގަނޑު މަސައްކަތަކީ، އޮފީސް ހިންގުމަށް ބޭނުންވާ އިންފޮމޭޝަން ޓެކްނޮލޮޖީގެ މަސައްކަތްތައް ހިންގުމާއި އޮފީހުގެ ކޮންޕިއުޓަރު ސިސްޓަމްތަކާއި ސާވަރަށް ދިމާވާ އެންމެހައި މައްސަލަތައް ހައްލުކުރުމާއި ކޮންޕިއުޓަރު ސިސްޓަމްތަކަށް ބޭނުންވާ ސޮފްޓްވެއަރތައް އަޅައި ބެލެހެއްޓުމުގެ އެންމެހައި މަސައްކަތްތައް ކުރުމެވެ.

އަރީބު ވަނީ، އިންފޮމޭޝަން ޓެކްނޮލޮޖީގެ ދާއިރާއިން ލެވެލް 4 ގެ ސެޓްފިކެޓެއް ހާސިލުކޮށްފައެވެ.

އަރީބު މީގެ ކުރިން ދިވެހިބަހުގެ އެކެޑަމީގެ އެެސިސްޓެންޓް ޕްލޭނިންގ އޮފިސަރެއްގެ ގޮތުގައި މަސައްކަތް ކުރެއްވިއެވެ. އަދި ހުޅުމާލެ އެކެޑަމިކް ސެންޓަރުގައި ވެސް މަސައްކަތް ކުރައްވައިފައިވެއެވެ.

  

ޚަދީޖާ މުޙައްމަދު - މެސެންޖަރ

އަލްފާޟިލާ ޚަދީޖާ މުޙައްމަދު، މެސެންޖަރެއްގެ ގޮތުން މި އޮފީހުގައި މަސައްކަތް ކުރައްވަން ފެއްޓެވީ، 5 ފެބުރުވަރީ 2017 ގައެވެ. ޚަދީޖާގެ މައިގަނޑު މަސައްކަތަކީ، އޮފީހުގެ ފަރާތުން އެކިފަރާތްތަކަށް ރައްދުކުރަންޖެހޭ ސިޓީއާއި އެހެނިހެން ތަކެތި ރައްދުކޮށް ދެއްވުމާއި އޮފީހަށް ބޭނުންވާ ތަކެތި ހޯދުމުގައި ކަމާބެހޭ މުވައްޒިފުންނަށް އެހީތެރިވެދެއްވުމާއި ޖަލްސާތަކާއި ބައްދަލުވުންތައް އިންތިޒާމު ކުރުމުގައި އެހީތެރިވެދެއްވުމެވެ.

ޚަދީޖާ މީގެ ކުރިންވަނީ، އަމީނިއްޔާ ސްކޫލާއި ޣިޔާސުއްދީން ސްކޫލާއި މޯލްޑިވްސް ކޮލެޖް އޮފް ހަޔަރ އެޑިޔުކޭޝަނާއި ނޭޝަނަލް ޑްރަގް އެޖެންސީގައި މަސައްކަތް ކުރައްވައިފައެވެ.

 

ފާޠިމަތު ސަޢީދު - ޢާމިލު

އަލްފާޟިލާ ފާޠިމަތު ސަޢީދާ، ޢާމިލެއްގެ ގޮތުން މި އޮފީހުގައި މަސައްކަތް ކުރައްވަން ފެއްޓެވީ، 22 ޑިސެންބަރު 2020 ގައެވެ. ސަޢީދާގެ މައިގަނޑު މަސައްކަތަކީ، އޮފީސް އިމާރާތާއި ތަކެތީގެ ސާފުތާހިރުކަން ބެލެހެއްޓުމާއި އެ ފަރާތްތަކަށް ފޮނުވަން ޖެހޭ ތަކެތި ރައްދުކޮށް ދެއްވުމުގައި އެހީތެރިވެދެއްވުމެވެ.  އަދި އޮފީހުން ބާއްވާ ބައްދަލުވުން ތަކާ ގުޅޭ ގޮތުން ކުރަންޖެހޭ ބައެއް މަސައްކަތްތަކުގައި އެހީތެރިވެދެއްވުމެވެ.

ސަޢީދާ މީގެ ކުރިން ވަނީ، ހއ. ވަށަފަރު ކައުންސިލްގެ އިދާރާގައި ސަޕޯޓް ސްޓާފެއްގެ ގޮތުގައި  8 އަހަރު މަސައްކަތް ކުރައްވައިފައެވެ.