އިންފޮމޭޝަން ކޮމިޝަނަރު

އަލްފާޟިލް ޙުސައިން ފިޔާޒް މޫސާ، ދިވެހިރާއްޖޭގެ ދެވަނަ އިންފޮމޭޝަން ކޮމިޝަނަރުގެ ގޮތުގައި، ރައީސުލްޖަމްހޫރިއްޔާ އައްޔަން ކުރެއްވީ، 28 އޮކްޓޯބަރު 2019 ގައެވެ.

އިންފޮމޭޝަން ކޮމިޝަނަރަކީ ޤާނޫނު ނަންބަރު 1/2014 (މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނު) ން މަތިކޮށްފައިވާ ޒިންމާތަކާއި، ކަމާ ބެހޭ އެހެނިހެން ޤާނޫނުތަކާއި ގަވާއިދުތަކުގެ ދަށުން އުފުލަން ޖެހޭ ޒިންމާތަކުގެ ބޭނުމަށް ސީދާ ރައްޔިތުންގެ މަޖިލީހަށް ޖަވާބުދާރީ ވާންޖެހޭ މިނިވަން ޚާދިމެކެވެ. 

އަލްފާޟިލް ޙުސައިން ފިޔާޒު މޫސާއަކީ، މެލޭޝިއާގެ ލިމްކޮކްވިން ޔުނިވަސިޓީން ނޫސްވެރިކަމާއި ޕަބްލިކް ރިލޭޝަން ދާއިރާއިން ޑިގްރީ ހާސިލު ކުރެއްވުމުގެ އިތުރަށް އެ ދާއިރާގައި 19 އަހަރު ދުވަހު ޚިދުމަތް ކުރައްވާފައިވާ ޚަބަރާއި މަޢުލޫމާތު ފެތުރުމުގެ ދާއިރާގެ ވަރަށް ތަޖުރިބާކާރު ބޭފުޅެކެވެ. އޭނާ ޚަބަރާއި މައުލޫމާތު ފެތުރުމުގެ ދާއިރާގެ ޚިދުމަތް ފައްޓަވާފައިވަނީ، 2000 ވަނަ އަހަރު "މިއަދު" ނޫހުންނެވެ. ފިޔާޒު ޚިދުމަތް ކުރައްވާފައިވާ ނޫސްތަކުގެތެރޭގައި "އާފަތިސް" ނޫހާއި "ހަވީރު" ނޫސް ހިމެނެއެވެ.

އަލްފާޟިލް ޙުސައިން ފިޔާޒް މޫސާ، 2005 ވަނަ އަހަރުން ފެށިގެން 2015 ވަނަ އަހަރާ ހަމައަށް ޚިދުމަތްކުރައްވާފައި ވަނީ، "ހަވީރު" ނޫހުގައެވެ. އެ ނޫހުގެ ސީނިއަރ ނޫސްވެރިއެއްގެ ގޮތުގައި ގިނަ ދުވަސްތަކެއްގައި މަސައްކަތް ކުރައްވާފައިވެއެވެ. ފިޔާޒު 2015 ވަނަ އަހަރުން ފެށިގެން ޚިދުމަތް ކުރައްވަމުން ގެންދަވާފައިވަނީ، "ރާއްޖެޓީވީ" ގައެވެ. އެގޮތުން "ރާއްޖެއެމްވީ"ގެ އެޑިޓަރުކަމާއި "ރާއްޖެޓީވީ"ގެ ސީއީއޯގެ މަޤާމު ފުރުއްވާފައިވެއެވެ.

ޚަބަރާއި މައުލޫމާތު ފެތުރުމުގެ ދާއިރާއިން ފިޔާޒު ހޯއްދަވާފައިވާ ކާމިޔާބީތަކުގެތެރޭގައި، ރާއްޖޭގެ ނޫސްވެރިކަމަށް 75 އަހަރު ފުރުމުގެ މުނާސަބަތުގައި "ދިވެހި ނޫސްވެރިކަމުގެ 75 އަހަރުގެ ގަލަން" ހާސިލުކުރެއްވުން ހިމެނެއެވެ.