އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީސް

އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހަކީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީގެ 29 ވަނަ މާއްދާއާއި ޤާނޫނު ނަންބަރު:1/2014 (މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނު) ގެ 43 ވަނަ މާއްދާގެ (ށ) ގައި ވާގޮތުގެ މަތިން، ރައްޔިތުންގެ މަޖިލީހުގެ ލަފާގެ މަތިން ރައީސުލްޖުމްހޫރިއްޔާ ޢައްޔަނުކުރައްވާފައިވާ އިންފޮމޭޝަން ކޮމިޝަނަރުގެ މަސްއޫލިއްޔަތު އަދާކުރުމަށްޓަކައި 13 ޖުލައި2014 ގައި ރައީސުލްޖުމްހޫރިއްޔާ އުފައްދަވާފައިވާ އޮފީހެކެވެ. މި އޮފީހުގެ ނަންބަރަކީ 460 އެވެ.

އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހަކީ ދިވެހިރާއްޖޭގެ އާންމު މަސްލަހަތަށްޓަކައި މަޢުލޫމާތުހޯދައި ލިބިގަތުމުގެ ޙައްޤު ނަގަހައްޓައި ދައުލަތުގެ މުއައްސަސާތަކުގެ ހިންގުން ހުޅުވާލެވިފައިވާ ގޮތެއްގައި ހިންގުމަށް ބާރުއެޅުމަށްޓަކައި އުފައްދަވައިފައިވާ މިނިވަން މުއައްސަސާއެކެވެ.

އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުގެ ހިންގުމުގެ އިސް މަޤާމުތަކުގައި ތިބޭ މުވައްޒަފުންނާއި އިދާރީ މުއައްސަފުންގެ އެންމެ އިސް މަސްއޫލިއްޔަތަކީ، އިންފޮމޭޝަން ކޮމިޝަނަރުގެ ޤާނޫނީ މަސްއޫލިއްޔަތުތައް އަދާކުރުމަށް ބޭނުންވާނޭ އެންމެހާ ކަންކަމުގައި ދުރު ރާސްތާއެއްގެ ތަސައްވުރެއް އެކުލަވައިލައި އަމަލުކުރުމުގައި އެހީތެރިކަމާއި އެއްބާރުލުން ދިނުމެވެ. އަދި އޮފީހުގެ ޤާނޫނީ ވާޖިބުތައް އަދާކުރުމަށާއި، ދައުލަތުގެ މުއައްސަސާތަކާއި އާންމު ފަރުދުން ޤަބޫލުކުރާ އެންމެ މަތީ ދަރަޖައިގައި އޮފީސް ހިންގޭނެ ގޮތަށް އަމާޒު ހިފައި ނަތީޖާ ނެރެވޭ ގޮތަށް އޮފީސް ހިންގުމަށް އެހީތެރިވެދިނުން ވެސް ހިމެނެއެވެ.

އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހަކީ ދިވެހިރާއްޖޭގައި މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ކަންކަމާ ގުޅޭ އެންމެހާ ޒިންމާތަކެއް އުފުލުމުގެ އިތުރަށް ބައިނަލްއަޤްވާމީ ޒިންމާތަކެއް ވެސް ވާ ބަޔެކެވެ. އަދި މިއީ މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނު ތަންފީޒުކުރުމާއި އެ ޤާނޫނުގެ ދަށުން އެކުލަވައިލެވޭ އެންމެހާ ގަވާއިދުތައް ނަގަހައްޓައި ދަމަހައްޓައި ތަންފީޒުކުރުމުގެ ޒިންމާ އުފުލަންޖެހޭ މުއައްސަސާއެވެ. މީހުންގެ ޒާތީ މަޢުލޫމާތުތައް ރައްކާކޮށް ބަލަހައްޓާމުންދާ މުއައްސަސާތަކުގެ ޢަމަލުތައް ބައްޓަންކޮށް ހަމަ މަގަށް އެޅުވުމަށްޓަކައި އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހަށް ގިނަ ބާރުތަކަކާއި އިޚުތިޔާރުތަކެއް ލިބިދީފައިވެއެވެ. މި ގޮތުން ޖިނާއީ ދަޢުވާ އުފުލުމަށް ނިންމުމާއި މަދަނީ ފިޔަވަޅުތައް އެޅުމާއި އޮޑިޓްތައް ކުރުން ހިމެނެއެވެ.

މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނާއި ތިމާވެއްޓާ ބެހޭ މަޢުލޫމާތުގެ ގަވާއިދުތަކާއި، ކަމާބެހޭ އެހެނިހެން ގަވާއިދުތަކާއި އެ ގަވާއިދުތަކުގެ ދަށުން އެކުލަވައިލައިފައިވާ އުޞޫލުތަކުގެ ދަށުން ޖިނާއީ އަދަބަކަށް ނުވާ އިސްލާހީ ފިޔަވަޅު އެޅުމާއި އެންމެ ހެޔޮ މިންގަނޑު (ނުވަތަ ބެސްޓް ޕްރެކްޓިސް) ނަގަހައްޓައި ދެމެހެއްޓުމުގެ ބާރު ވެސް އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހަށް ލިބިދެއެވެ. އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުގެ ޒިންމާތަކުގެ ތެރޭގައި އެންމެ ހެޔޮ މިންގަނޑު (ނުވަތަ ބެސްޓް ޕްރެކްޓިސް) ދަމަހައްޓައި އާލާކުރުމާއި ހުށަހެޅޭ ޝަކުވާތައްބަލައި ގޮތްނިންމުމާއި އެކަންކަމާ ގުޅިގެން އަޅާންޖެހޭ ޤާނޫނީ ފިޔަވަޅު އެޅުން ހިމެނެއެވެ.

އިންފޮމޭޝަން ކޮމިޝަނަރަށް ބޭނުންވާ އެހީތެރިކަމާއި އެއްބާރުލުން ދިނުމަށްޓަކައި މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީގެ ލަފާގެ މަތިން އިދާރީ އަދި ހިންގުމުގެ ދާއިރާއިން މުވައްޒަފުން ނެގުމުގެ ބާރު ކޮމިޝަނަރަށް ލިބިގެން ވެއެވެ.

ދިވެހިރާއްޖޭގެ އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީސް މިހާރު ހިނގަމުން އަންނަނީ މަޖީދީ މަގުގައި ހުންނަ ގ. ބިއްލޫރިޖެހިގޭ ތިރީބުރީގެ އިރުމަތީ ފިޔައިގައެވެ. މިއީ ދާދިފަހަކާ ޖެހެންދެން މާލޭ ސިޓީ ކައުންސިލް އަދި އޭގެ ކުރީން ޤައުމީ ކުތުބުޚާނާ ހިންގި ޢިމާރާތެވެ.

މި އޮފީސް އެންމެ ކުރީން ހިންގީ މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ ހިނގަމުންދާ ގްރީން ބިލްޑިންގއާ އިންވެގެން ދެކުނަށް، ހަނދުވަރީހިނގުމުގައި ހުންނަ ގޯޑައުން އިމާރާތުގައެވެ.