- މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނުގެ ދަށުން ހުރިހާ މަޢުލޫމާތެއްވެސް ލިބޭނެތޯ؟
ނޫން، މިޤާނޫނުގެ ދަށުން ދޫކުރާނީ އެއްބައި މަޢުލޫމާތު ނަމަވެސް ގިނަ މަޢުލޫމާތުތަކަކީ މި ޤާނޫނުގެ ދަށުން ދޫކުރެވޭ މަޢުލޫމާތު.
- މި ޤާނޫނުގެ ދަށުން މަޢުލޫމާތަށް އެދި ހުށަހަޅާނީ ކޮންކޮން ކަންތައްތަކެއް ހިމެނޭ ގޮތަށްތޯ؟
އެހުށަހެޅުމެއްގައި ހިމަނަންޖެހޭ ކަމަށް މި ޤާނޫނުގެ ދަށުން ހަދާފައިވާ ގަވާއިދުގައި ބަޔާންކޮށްފައިވާ ފޯމުގައި ވާ މަޢުލޫމާތުގެ އިތުރުން އަންނަނިވި ކަންކަން ހިމަނުއްވަން ވާނެ.
- އެ ހުށަހެޅުމަކީ މި ޤާނޫނުގެ ދަށުން ހުށަހަޅާ ހުށަހެޅުމެއްކަން ބަޔާންކޮށްފައިވުން.
- ހޯދުމަށް އެދެނީ ކޮން މަޢުލޫމާތެއްކަން ތަފުސީލުކޮށް ބަޔާންކޮށްދީފައި އޮތުން.
- ފޮނުވަންޖެހޭ މަޢުލޫމާތުތައް ފޮނުވާނޭ އެޑްރެހެއް ކަނޑައަޅާފައި އޮތުން.
- އެ މަޢުލޫމާތެއް ބެލުމަށް ނުވަތަ ދޫކުރުމަށް އެ އިދާރާއަކުން ކަނޑައަޅާފައިވާ ފީއެއް ދެއްކުމަށް އެއްބަސްވެފައިވާކަން ކަށަވަރުކޮށް ދިނުން.
- މަޢުލޫމާތު ހޯދުމަށް އެދޭ ފަރާތުގެ ނަމާއި އެޑްރެސް އަދި ގުޅޭނޭ ނަންބަރެއް އެނގެން އޮތުން.
- މި ޤާނޫނުގެ ދަށުން މާޢުލޫމާތު ދޭންޖެހޭނީ ލަސްވެގެން ކިތައް ދުވަހުގެ ތެރޭގައިތޯ؟
21 ދުވަހުގެ އިތުރުން 14 ދުވަސް ނެންގެވުމަށް ފަހު ސަރުކާރު ބަންދު ދުވަސްތައް ހިމަނައިގެން ޖުމުލަ 35 ދުވަހުގެ ތެރޭގައި.
- ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް މި ޤާނޫނުގެ ދަށުން މަޢުލޫމާތަށް އެދޭނެ ލުއިފަސޭހަ ގޮތެއް އޮވޭތޯ؟
ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް މި ޤާނޫނުގެ ދަށުން މަޢުލޫމާތަށް އެދޭނެ ލުއިފަސޭހަގޮތްވެސް ކަނޑައަޅާފައިވޭ. އެއީ ބޭނުންވާ މަޢުލޫމާތެއް އެއިދާރާއެއްގެ އިންފޮމޭޝަން އޮފިސަރަށް ކިޔައި ދިނުމުން އިންފޮމޭޝަން އޮފިސަރު ދެހެކީންގެ ހާޒިރުގައި އެފޯމު ފުރުމަށް ފަހު މަޢުލޫމާތަށް އެދޭފަރާތުގެ އިނގިލީގެ ނިޝާން ނެގުމަށް ފަހު ހެކިވެރިޔާއާއި އިންފޮމޭޝަން އޮފިސަރު އެލިޔުމުގައި ސޮއިކޮށް އެލިޔުމުގެ ކޮޕީއެއް އެމީހަކަށް ދޫކުރުމުން އެފަދަ މީހަކު މަޢުލޫމާތަށް އެދި ހުށަހެޅުނީކަމަށް ބެލެވޭނެ.
- އިންފޮމޭޝަން އޮފިސަރަކު ކޮންމެހެން ހުންނަން ޖެހޭތޯ؟
މިޤާނޫނުގެ ދަށުން ދައުލަތުގެ ކޮންމެ އިދާރާއެއްގައި އިންފޮމޭޝަން އޮފިސަރަކު ހުންނަން ޖެހޭ.
- އިންފޮމޭޝަން އޮފިސަރުގެ މަސްއޫލިއްޔަތުތަކަކީ ކޮބައިތޯ؟
- މިޤާނޫނުގެ ދަށުން މަޢުލޫމާތު ދޫކުރުމުގެ އިސް ޒިންމާ އުފުލުން
- މަޢުލޫމާތު ހޯދުމަށް އެދޭފަރާތަށް އެހީތެރިވުން
- މިޤާނޫނުގެ ދަށުން ހުށަހެޅޭ ހުށަހެޅުންތަކާ ގުޅިގެން މަޢުލޫމާތު ހޯދުމަށް ހުށަހަޅާ ހުށަހެޅުންތަކާމެދު ގޮތެއް ނިންމުން، ހުށަހެޅުމަށް އިޖާބަ ދިނުން، ހޯދުމަށް އެދޭމަޢުލޫމާތު ދިނުމަށް އިންކާރުކުރުން މަޢުލޫމާތު ފަސްކުރުން އަދި މަޢުލޫމާތު ދެވިދާނެ ގޮތް ކަނޑައަޅައި މިފަދަ ނިންމުންތައް ނިންމުން ހިމެނެ.
- މަޢުލޫމާތެއް ހޯދުމަށް ދައުލަތުގެ އިދާރާތަކަށް ހުށަހެޅުމުން އިންފޮމޭޝަން އޮފިސަރު ކުރަންޖެހޭނީ ކޮންކޮން ކަންތައްތަކެއް؟
އެހުށަހެޅުމަށް އަންނަނިވި ގޮތުގެ މަތީން ލިޔުމަކުން ޖަވާބު ދޭންވާނެ.
- އެހުށަހެޅުމަކީ ޤަބޫލުކުރެވޭ ހުށަހެޅުމަކަށްވާނަމަ އެކަން އަންގައި އަދި އެމަޢުލޫމާތެއް ދޫކުރުމަށްޓަކައި ދައްކަންޖެހޭ ފީގެ ފައިސާގެ ޖުމްލަ އެންގުން.
- އެހުށަހެޅުން ޤަބޫލުކުރެވެން ނެތްނަމަ ޤަބޫލުކުރެވެން ނެތްކަމާއި ޤަބޫލުކުރެވެން ނެތް ސަބަބު.
- އެހުށަހެޅުމުގައިވާ އެމަޢުލޫމާތު ދައުލަތުގެ އެއިދާރާއަކުން ލިބެހުރިކަން ނުވަތަ ނެތްކަން.
- އެހުށަހެޅުމުގައިވާ އެމަޢުލޫމާތު ދައުލަތުގެ އެއިދާރާއެއްގައިލިބެހުރިނަމަވެސް މަޢުލޫމާތު ދޫކުރެވެން ނެތް ސަބަބު.
- އެހުށަހެޅުމުގައިވާ އެމަޢުލޫމާތު 21 (އެކާވީސް) ދުވަހުގެ ތެރޭގައި ދޫކުރެވެން ނެތްކަމަށް ވާނަމަ އެކަންކުރެވެން ނެތް ސަބަބު.
- މިޤާނޫނުގައިވާ ގޮތުގެ މަތީން އިސްތިއުނާފު ކުރުމުގް ޙައްޤު ހުށަހެޅުން ހުށަހެޅިފަރާތަށް ލިބިގެންވާކަން އެންގުން.
- މަޢުލޫމާތު ހޯދުމަށް ހުށަހެޅުމުން އެހުށަހެޅުމަށް އަނގަބަހުން ޖަވާބު ދެވިދާނެތަ؟ އެއީ ކީއްވެ؟
މަޢުލޫމާތު ހޯދުމަށް ހުށަހެޅުމުން އެހުށަހެޅުމަށް އަނގަބަހުން ޖަވާބު ނުދެވޭނެއެވެ. ސަބަބަކީ މިޤާނޫނުގެ ދަށުން ކޮންމެ ހުށަހެޅުމަކަށް ޖަވާބު ދޭންޖެހޭނީ ލިޔެކިޔުމުންކަމުގައިވާތީއެވެ. އެއީ މަޢުލޫމާތު ހޯދުމަށް ހުށަހެޅުމުގައި އެއްމަރުޙަލާއެއް ނިމި އަނެއް މަރުޙަލާއަކަށް ދާއިރު ލިޔެކިޔުމުން މައްސަލަ ފެންނާންހުރުމުން ސަރުކާރުގެ އެކަމަކާ ގުޅޭ އިދާރާއަށާއި މަޢުލޫމާތައް އެދޭ ފަރާތަށް ފަސޭހަވެގެންދާނޭ ކަމަކަށް ވާތީއާއި ލިޔެކިޔުމުން މަޢުލޫމާތަށް އެދުމާއި ލިޔެކިޔުމުން ސަރުކާރުގެ އިދާރާތަކުން ޖަވާބުދާރީ ވުމަށް މިޤާނޫނު ލާޒިމު ކުރާތީ.
- މަޢުލޫމާތެއް ނުދީ އިންފޮމޭޝަން އޮފިސަރަކަށް ފަސްކުރެވިދާނެތޯ؟
މަޢުލޫމާތެއް ނުދީ އިންފޮމޭޝަން އޮފިސަރަކަށް ފަސްކުރެވިދާނެ.
- މިޤާނޫނުގެ ދަށުން ދޫނުކުރެވޭނެ ނުވަތަ ދޫކުރުން އިސްތިސްނާވާ އެއްވެސް މަޢުލޫމާތެއްވާނެތޯ؟ އެއީ ކޮންމަޢުލޫމާތު ތަކެއްތޯ؟
އާދެ، ވޭ. އެއީ:
- ދިވެހިރާއްޖޭގެ ޤާނޫނަކުން އެކަމެއް ހާމަކުރުމަކީ ކުށެއްކަމުގައި ބަޔާންކޮށްފައިވާ ކަމެއް ހާމަކުރަންޖެހޭ ފަދަ މަޢުލޫމާތު
- އެމަޢުލޫމާތެއް ދޫކޮށްފިނަމަ ސިއްރު ނުހޮފެހެއްޓިކަމުގެ ދަޢުވާ ސަރުކާރުގެ މައްޗަށް އުފުލިދާނެ މަޢުލޫމާތު
- އެމަޢުލޫމާތެއް ދޫކޮށްފިނަމަ އޭގެ ފަހުން ސަރުކާރަށް އެފަދަ މަޢުލޫމާތެއް ލިބުމަށް ހުރަސްއެޅިދާނެ ފަދަ މަޢުލޫމާތު
- ޙާލަތާ ޢަދުލަށް ބަލާއިރު އެންމެ މަޞްލަޙަތު ހުރި ގޮތް ކަމުގައި ނުވާ މަޢުލޫމާތު. އޭގެ ތެރޭގައި:
- އެމަޢުލޫމާތެއް ހާމަކޮށްފިކަމުގައި ވާނަމަ ޤައުމުގެ އިޤްތިޞާދު ދެމެހެއްޓުމަށާއި ހިންގުމަށް ސަރުކާރަށް ލިބިގެންވާ ކުޅެދުންތެރިކަމަށް އުނިކަން އަދުވެދާނެފަދަ މަޢުލޫމާތު.
- މަޢުލޫމާތެއް ހާމަކުރަންޖެހޭ ވަގުތުގެ ކުރިން އެމަޢުލޫމާތެއް ހާމަކުރުމުގެ ސަބަބުން ވަކިމީހަކަށް ނުވަތަ ވަކި ބަޔަކަށް ނޭދެވޭ އަސަރެއް ފޯރާނެ މަޢުލޫމާތު.
- ޝަރުޢީ ކޯޓެއްގެ ނުވަތަ ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒަށް އުނިކަން ލިބޭފަދަ މަޢުލޫމާތު.
- ޝަރުޢީ ގޮތުން ހުއްދަ ހާލަތްތަކެއްގައި ޢާންމުކޮށް ހުޅުވާލުމެއްނެތި ހިންގާފައިވާ ޝަރީޢަތެއްގައި ހިމެނޭ މަޢުލޫމާތު.
- ޢުމުރުން 18 (އަށާރަ) އަހަރު ނުފުރޭ ކުޑަކުއްޖެއްގެ ޒާތަށް ނުވަތަ ކަރާމަތަށް އުނިކަމެއް ލިބޭފަދަ ޒާތީ ނުވަތަ ޤާނޫނީ ނުވަތަ ޝަރުޢީ މަޢުލޫމާތު.
- އަންހެނުންނާމެދު ނުވަތަ 18 (އަށާރަ) އަހަރު ނުފުރޭ ކުޑަކުދީންނާ މެދު ހިންގާ އެކިއެކި ޖިންސީ ގޯނާ އާއި އެހެނިހެން އެބާވަތުގެ ކުށުގައި އަނިޔާ ލިބޭ ފަރާތް ހާމަވެދާނެ ނުވަތަ އެފަރާތުގެ ޒާތަށް ނުވަތަ ކަރާމަތަށް އުނިކަމެއް އަތުވެދާނެފަދަ މަޢުލޫމާތު.
- މަޢުލޫމާތު ދިނުމަށް އިންކާރު ކުރެވޭނީ ކޮން ޙާލަތް ތަކެއްގައި؟
އެއީ:
- މިޤާނޫނުގެ ދަށުން އިސްތިސްނާ ކުރެވިގެންވާ މަޢުލޫމާތަކަށްވުން
- މިޤާނޫނުގެ 20 ވަނަ މާއްދާގައި ވާފަދައިން ޢާންމު މަޞްލަޙަތައް އުނިކަމެއް އަތުވެދާނެކަމުގައި ނުބެލެވޭ މައްސަލަތައް (އޭ ގެ ތެރޭގައި: ދައުލަތުގެ އިދާރާއަކުން ކަމެއްކޮށްފައިވާ ގޮތް މީހުންނަށް އެނގިއްޖެނަމަ ޖަވާބުދާރީވާން ދައުލަތުގެ އިދާރާއަކަށް މަޢުލޫމާތެއް ހިމެނިގެންވުން، ދައުލަތުގެ އިދާރައަކާމެދު އިތުބާރު ކުޑަވާފަދަ މަޢޫލޫމާތެއް ހިމެނިގެންވުން، އޭގައި ހިމެނިގެންވާ މަޢޫލޫމާތުން ބައެއް އުނިވެފައި އޮތުމުގެ ސަބަބުން އޭގެ މާނަ ރަނގަޅު ނޫން ގޮތެއްގައި ދޭހަވެދާނެކަމަށް ފެންނަ މަޢުލޫމާތު).
- ފީދައްކައިގެން ނުވަތަ ފީ ނުދައްކާ ނަމަވެސް ބޭނުންފަރާތަކުން ބެލެންހުންނަ މަޢުލޫމާތު
- އެއްވެސް ފީއެއް ނެގުމަކާ ނުލައި، ޢާންމު އުސޫލެއްގެ ގޮތުން މީހުންނަށް ފެންނާނެހެން ބަހައްޓާފައިވާ މަޢުލޫމާތު.
- ޢާންމު އުސޫލުން ގަންނަން ލިބޭގޮތަށް ހުރި މަޢުލޫމާތު.
- މީހެއްގެ ޒާތީ މަޢުލޫމާތެއް ނުވަތަ 3 ވަނަ ފަރާތެއްގެ މަޢުލޫމާތު ދޫކުރެވިދާނެތޯ؟ އަދި ދޫކުރެވޭނަމަ ދޫކުރެވޭ ޙާލަތްތަކަކީކޮބައިތޯ؟
ޢާންމު އުޞޫލަކީ ތިންވަނަ ފަރާތެއްގެ މަޢުލޫމާތު ނުދޫކުރުމެވެ. ނަމަވެސް އިންފޮމޭޝަން އޮފިސަރު އެމަޢުލޫމާތެއް ދޫކުރަން ގަސްދުކުރާނަމަ އެހުށަހެޅުން ލިބުނު ތާރީޚުން ފެށިގެން 5 (ފަހެއް) ދުވަހުގެ ތެރޭގައި އެމަޢުލޫމާތު ދޫކުރަން ގަސްދުކުރާކަމާއި ސަބަބު ލިޔުމުން އެތިންވަނަ ފަރާތަށް އަންގަންވާނެ.
- ޤާނޫނުގައި އިންފޮމޭޝަން އޮފިސަރު ޖޫރިމަނާކުރުމުގެ ބާރު އިންފޮމޭޝަން ކޮމިޝަނަރަށް ލިބިދޭއިރު ޖޫރިމަނާކުރެވޭނީ ކޮންކޮން ސަބަބުތަކާހުރެތޯ އަދި ކިހައި އަދަދަކުންތޯ؟
- މަޢުލޫމާތަކަށް އެދި ހުށަހެޅުމުން މަޤުބޫލު އުޒުރެއް ނެތި ބަލައި ނުގަތުން
- މިޤާނޫނުގައި ބަޔާންކޮށްފައިވާ މުއްދަތުގެ ތެރޭގައި މަޤުބޫލު އުޒުރެއްނެތި މަޢުލޫމާތު ފޯރުކޮށްނުދިނުން
- ނުރަނގަޅު ނިޔަތުގައި މަޢުލޫމާތު ދިނުމަށް އިންކާރު ކުރުން
- ނުރަނގަޅު މަޢުލޫމާތު، ފުރިހަމަ ނޫން މަޢުލޫމާތު ނުވަތަ ކަމުގެ ޙަޤީގަތް އޮޅޭ ގޮތަށް މަޢުލޫމާތު ފޯރުކޮށް ދިނުން.
މިފަދަ ޙާލަތްތަކުގައި އިންފޮމޭޝަން އޮފިސަރު ޖޫރިމަނާކުރުމުގެ ބާރު އިންފޮމޭޝަން ކޮމިޝަނަރަށް ލިބިދެނީ -/5000 ރުފިޔާޔަށް ވުރެ ބޮޑުނޫން ޢަދަދަކުން.
- މުރާޖަޢާ ކޮމިޓީ އެކުލަވައިލެވެނީ ކިހިނެއްތޯ އަދި މުރާޖަޢާ ކޮމިޓީން މައްސަލަ ބަލައި ނިންމަންޖެހެނީ ކިހައި މުއްދަތެއްގެ ތެރޭގައިތޯ؟
މުރާޖަޢާ ކޮމިޓީ އެކުލަވައިލެވެނީ އެ ކޮމިޓީގައި އިންފޮމޭޝަން އޮފިސަރަށް ވުރެ މަޤާމުގެ ގޮތުން މަތީދަރަޖައިގައި ހިމެނޭ ބަޔަކު ތިބޭ ފަދަ ގޮތަކަށެވެ. އަދި މުރާޖާ ކޮމިޓީއަށް ހުށަހެޅޭ މައްސަލަތައް ޢާންމު އުސޫލުން ނިންމަންޖެހެނީ 30 (ތިރީސް) ދުވަހުގެ ތެރޭގައި.
- މުރާޖަޢާ ކޮމިޓީގެ އުސޫލު އޮންނަނީ ކިހިނެއްތޯ؟
މުރާޖަޢާ ކޮމިޓީގެ އުސޫލު އޮންނަގޮތަކީ އިންފޮމޭޝަން އޮފިސަރު ނިންމި ނިންމުމާމެދު ހިތްހަމަ ނުޖެހޭނަމަ އެނިންމުމެއް ނިންމި ތާރީޚުން ފެށިގެން ނުވަތަ އެނިންމުމެއް ނިންމަން ޖެހޭ ތާރީޚުން ފެށިގެން 30 (ތިރީސް) ދުވަހުގެ ތެރޭގައި އެކަން އަލުން މުރާޖަޢާ ކޮށްދިނުންއެދި ހުށަހެޅުމުން އެމައްސަލައެއް މުރާޖަޢާ ކޮށް ދިނުމެވެ. މުރާޖަޢާއަށް ހުށަހަޅަން ޖެހޭ މުއްދަތު ފަހަނައަޅައި ދިޔަނަމަވެސް އެހުށަހަޅަން ޖެހޭ ޝަކުވާ ހުށަހަޅައިފައި ނުވަނީ މަޤުބޫލު އުޒުރެއް އޮވެގެން ކަމުގައި އެކޮމިޓީއަށް ޤަބޫލުކުރެވޭނަމަ އެހުށަހެޅުމެއް ޤަބޫލުކުރަންވާނެއެވެ. އަދި 30 (ތިރީސް) ދުވަހުގެ ތެރޭގައި ނުވަތަ ޙާއްސަ ހާލަތެއް ދިމާވުމުގެ ސަބަބުން އިތުރު 15 (ފަނަރަ) ދުވަހާއެކު މުރާޖަޢާކޮށް ނިންމުމަށްފަހު އެޝަކުވާ ބަލައި ނިންމިގޮތް އެޝަކުވާގައި ހިމެނޭ ހުރިހާ ފަރާތްތަކަށް ލިޔުމަކުން އަންގަންވާނެ.
- ޤާނޫނުގެ ދަށުން މުރާޖާޢާ ކުރުމަށްފަހު ނިންމި ނިންމުންތަކާމެދު ހިތްހަމަނުޖެހޭ ފަރާތެއްވާނަމަ އިންފޮމޭޝަން ކޮމިޝަނަރަށް އިލްތިމާސްކުރަންޖެހެނީ ކިހައި ދުވަހެއްގެ ތެރޭގައި؟
އެއީ މުރާޖަޢާ ކޮށް ނިންމި ތާރީޚުން ފެށިގެން 90(ނުވަދިހަ) ދުވަހުގެ ތެރޭގައި. ނުވަތަ އެނިންމުމެއް ނިންމަންގެހޭ ތާރީޚުން ފެށިގެން 90 (ނުވަދިހަ) ދުވަހުގެ ތެރޭގައި.
- އެއްވެސް މަޢުލޫމާތެއް އާންމު ރައްޔިތަކަށް ނުލިބޭނޭހެން ފަސްކުރެވިދާނެތޯ؟ އެއީ ކޮން ޙާލަތް ތަކެއްގައިތޯ؟
އެއްވެސް މަޢުލޫމާތެއް އާންމު ރައްޔިތަކަށް ނުލިބޭނޭހެން ފަސްކުރެވިދާނެ. އެއީ:
- އެއްވެސް ޤާނޫނެއްގެ ދަށުން ޢާންމުކޮށް ޝާއިޢު ކުރަންޖެހޭ މަޢުލޫމާތަކަށްވެފައި އެކަންކުރަންޖެހޭ ވަގުތު އައިސްފައި ނުވުން.
- އެއީ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން ޖެހޭ މަޢޫލޫމާތަކަށް ވެފައި އެމަޢުލޫމާތު ހުށަހެޅުމުގެ ވަގުތު އަދި އައިސްފައި ނުވުން.
- ޤާނޫނެއްގެ ދަށުން ނުވަތަ ހިނގަމުންދާ ކަމަކާ ގުޅޭގޮތުން ނުވަތަ ކުރިއަށް ރާވާފައިވާ ކަމަކާ ގުޅޭގޮތުން ވަކިފަރާތަކަށް ހުށަހަޅަންޖެހޭ މަޢުލޫމާތަކަށް ވެފައި އެމަޢުލޫމާތު ހުށަހެޅުމުގެ ވަގުތު އައިސްފައި ނުވުން.
- ތިންވަނަ ފަރާތެއްގެ މަޢުލޫމާތު ދައުލަތުގެ އިދާރާއަކުން ހާމަކުރަން ބޭނުންނަމަ ކަންތައްކުރަންޖެހޭނެ ގޮތަކީ ކޮބައިތޯ؟
އިންފޮމޭޝަން އޮފިސަރު އެ މަޢުލޫމާތެއް ދޫކުރަން ގަސްދުކުރާނަމަ އެހުށަހެޅުން ލިބުނު ތާރީޚުން ފެށިގެން 5 (ފަހެއް) ދުވަހުގެ ތެރޭގައި އެމަޢުލޫމާތު ދޫކުރަން ގަސްދުކުރާކަން އެ ތިންވަނަ ފަރާތަށް އަންގަންވާނެ. އަދި އެމަޢުލޫމާތެއް ހާމަކުރުމާމެދު އިއުތިރާޒެއް އޮތްނަމަ އެއެންގުމުގެ ތާރީޚުން ފެށިގެން 7 (ހަތެއް) ދުވަހުގެ ތެރޭގައި އަނގަ ބަހުން ނުވަތަ ލިޔުމަކުން އިންފޮމޭޝަން އޮފިސަރަށް އަންގަން ވާނެ. އަދި މިއިޢުތިރާޒާއެކުވެސް އެމަޢުލޫމާތު ދޫކުރުމަށް އިންފޮމޭޝަން އޮފިސަރު ނިންމައިފި ނަމަ އެކަން އެގޮތަށް ކުރި ސަބަބު ލިޔުމުން އެ ތިންވަނަ ފަރާތަށް އަންގަންވާނެ. އަދި އެކަމާމެދު ހިތްހަމަ ނުޖެހޭނަމަ އިލްތިމާސް ކުރުމުގެ ފުރުޞަތު މިޤާނޫނުގައި ބަޔާން ކޮށްފައިވާ ގޮތުގެ މަތީން އެފަރާތަށް ލިބިގެންވާ ކަމާއި އިލްތިމާސްކުރަންވީ ފަރާތާ ގުޅޭނެ ގޮތެއްވެސް އެލިޔުމުގައި އިންފޮމޭޝަން އޮފިސަރު ބަޔާން ކުރަންވާނެ.
- ތިންވަނަ ފަރާތެއްގެ މަޢުލޫމާތު ދޫކޮށްގެން އެފަރާތަކުން ހިތްހަމަ ނުޖެހިއްޖެނަމަ ޢަމަލު ކުރެވިދާނެ ގޮތެއް އޮވޭތޯ؟
ތިންވަނަ ފަރާތެއްގެ މަޢުލޫމާތު ދޫކޮށްގެން އެފަރާތަކުން ހިތްހަމަ ނުޖެހިއްޖެނަމަ އިންފޮމޭޝަން ކޮމިޝަނަރަށް އިލްތިމާސް ކުރުމުގެ ފުރުޞަތު އެފަރާތަށް ލިބިގެންވޭ.
- ދައުލަތުގެ އިދާރާއަކަށް މަޢުލޫމާތެއް ހޯދުމަށް އެދި ހުށަހަޅައި، އެހުށަހެޅުން ޤަބޫލުނުކޮށް ދޫކޮށްލެވިދާނެތޯ؟
ދައުލަތުގެ އިދާރާއަކަށް މަޢުލޫމާތެއް ހޯދުމަށް އެދި ހުށަހަޅާއިރު އެހުށަހެޅުމުގައި ހިމަނަންޖެހޭކަމަށް މިޤާނޫނުން ލާޒިމުކުރާ ކަންކަން ހިމަނާފައި ނުވާނަމަ އެ ސަބަބަށްޓަކައި އެހުށަހެޅުން ދައުލަތުގެ އިދާރާއަކުން ޤަބޫލުނުކޮށް ދޫކޮށްލެވިދާނެ.
- މީހަކު ކުރިން ހިންގި ނަމަވެސް މިހާރު ހިންގުން ހުއްޓާލާފައިވާ އިދާރާއަކުން މަޢުލޫމާތެއް ބޭނުންނަމަ އެ އިދާރާއަކުން އެ މަޢުލޫމާތެއް ހޯދާނީ ކިހިނެއްތޯ؟
މިފަދަ މަޢުލޫމާތެއް ހޯދާނީ އެމަސައްކަތެއް ބަދަލުކުރެވުނު އިދާރާއަކުން. ނުވަތަ ހިންގަމުންއައި މަސައްކަތްތައް ދައުލަތުގެ ދެ އިދާރާއަކަށް ބަދަލު ކުރެވިފައިވާނަމަ ނުވަތަ އެއަށްވުރެ ގިނަ އިދާރާތަކަކަށް ބަދަލުކުރެވިފައިވާނަމަ ބޭނުންވާ މަޢުލޫމާތެއްހުރި އިދާރާއަކުން. ނުވަތަ މިފަދަ އިދާރާއެއްގެ މަސައްކަތް ދައުލަތުގެ އެހެން އިދާރާއަކަށް ބަދަލުކުރެވިފައި ނުވާނަމަ އެވަގުތަކު އެމަސައްކަތެއް ބަލަހައްޓަމުންދާ ފަރާތަކުން.
- ދައުލަތުގެ އިދާރާއަކުން މީހަކު ހޯދަން އެދޭ މަޢުލޫމާތަކީ އެތަނުގައި ނެތް މަޢުލޫމާތެއްނަމަ އެ އިދާރާއަކުން ޢަމަލުކުރަންޖެހޭ ގޮތެއް އޮވޭތޯ؟
މިފަދަ ޙާލަތެއްގައި އެފަދަ ހުށަހެޅުމެއް ދައުލަތުގެ އެއިދާރާއަކަށް ލިބުނުތާ 7 (ހަތެއް) ދުވަހުގެ ތެރޭގައި ދައުލަތުގެ އެ ކަމާ ގުޅޭ އިދާރާއަކަށް ބަދަލު ކުރަންވާނެ. އަދި މިކަން އެހުށަހެޅުން ހުށަހެޅި ފަރާތަށް އެކަންކުރި ސަބަބާއި ބަދަލު ކުރީ ކޮން ތާރީޚެއް ގައިކަން ވެސް އަންގަންވާނެ.
- މިޤާނޫނުގެ ދަށުން މީހެއްގެ އަމިއްލަ މަޢުލޫމާތު ރަނގަޅުކޮށްދިނުމަށް ދައުލަތުގެ އިދާރާއަކަށް އެދެވިދާނެތޯ؟ އަދި އެ މަޢުލޫމާތު ރަނގަޅުކޮށް ދިނުމަށް އިންކާރު ކުރެވިދާނެތޯ؟
އެދެވިދާނެ. އަދި މަޢުލޫމާތެއް ރަނގަޅުކޮށް ދިނުމަށް އިންކާރު ވެސް ކުރެވިދާނެ.
- ސަރުކާރުގެ އެއްތަނުން އަނެއްތަނަށް ފޮނުވާ ސިޓީތައް އާންމު ފަރާތެއް ޝަރީޢަތަށް މައްސަލަ ހުށަހެޅުމަށް ލިބިދާނެތޯ؟
އެސިޓީ އަކީ އެމީހަކާ ގުޅުން ހުރިވާހަކަ އެއް ލިޔެވިފައިވާ ސިޓީއެއް ނަމަ އެސިޓީގައިވާ އެމީހާޔާ ގުޅުން ނެތްބައި ނުލައި ސިޓީ ދެވިދާ.
- ޢާންމު މަޞްލަޙަތަށް އިސްކަންދިނުމުގައި މި ޤާނޫނުގެ ދަށުން ކިހައިވަރަކަށް ބާރުއަޅާތޯ؟ އަދި ޢާންމު މަޞްލަޙަތުގެ ތެރޭގައި ނުހިމެނޭ ކަންކަން މިޤާނޫނުގެ ދަށުން ކަނޑައަޅާފައި ވޭތޯ؟
ޢާންމު މަޞްލަޙަތަށް އިސްކަންދިނުމަށް މި ޤާނޫނުގެ ދަށުން ވަރަށް ބޮޑަށް ބާރުއަޅައި. އަދި ޢާންމު މަޞްލަޙަތުގެ ތެރޭގައި ނުހިމެނޭ ކަންކަން މިޤާނޫނުގެ ދަށުން ކަނޑައަޅާފައިވޭ.
- އިންފޮމޭޝަން ކޮމިޝަނަރަށް ސީދާ ޝަކުވާއެއް ހުށަހެޅިދާނެތޯ؟ އަދި އިންފޮމޭޝަން ކޮމިޝަނަރަށް ސީދާ ޝަކުވާ ހުށަހެޅޭނީ ކޮން ކޮން ހާލަތްތަކެއްގަތޯ؟
އިންފޮމޭޝަން ކޮމިޝަނަރަށް ސީދާ ޝަކުވާއެއް ހުށަހެޅިދާނެއެވެ. އެ ޙާލަތް ތަކަކީ:
- ދައުލަތުގެ ވަކިއިދާރާއެއްގައި އިންފޮމޭޝަން އޮފިސަރަކު ކަނޑައަޅާފައި ނެތުމުގެ ސަބަބުން ދައުލަތުގެ އެ އިދާރާއިން ހޯދުމަށް ބޭނުންވާ މަޢުލޫމާތު ހޯދުމުގެ ފުރުސަތު ލިބިގެންނުވުން.
- މަޢުލޫމާތު ހޯދުމަށް ދައުލަތުގެ އިދާރާއަކަށް ހިށަހަޅާ ހުށަހެޅުން ދައުލަތުގެ އެއިދާރާއަކުން މަޤުބޫލު އުޒުރެއްނެތި ބަލައިނުގަތުން.
- މަޢުލޫމާތައް އެދި ހުށަހަޅާ ހުށަހެޅުމެއް ލިބިއްޖެކަމުގެ ރަސީދު ދިނުމަށް އިންފޮމޭޗަން އޮފިސަރު އިންކާރު ކުރުން ނުވަތަ އިހުމާލުވުން.
- މިޤާނޫނުގައި ބަތާންވެގެންވާ މުއްދަތުގެ ތެރޭގައި މަޢުލޫމާތަށް އެދި ހުށަހަޅާ ހުށަހެޅުމަކަށް އިންފޮމޭޝަން އޮފިސަރު ޖަވާބުދީފައި ނުވުން.
- އިންފޮމޭޝަން ކޮމިޝަނަރު އަންގާ އެންގުމަކަށް އިންފޮމޭޝަން އޮފިސަރު ނުވަތަ އެއިންފޮމޭޗަން އޮފިސަރަކު ނިސްބަތްވާ އިދާރާ ތަބާވެފައި ނެތުން.
- މިޤާނޫނުގެ ދަށުން މަޢުލޫމާތު ހޯދުމާ ގުޅޭގޮތުން ބަޔާންވެގެންވާ އެހެންވެސް އުސޫލަކާ އިންފޮމޭޝަން އޮފިސަރު ނުވަތަ އެއިންފޮމޭޝަން އޮފިސަރަކު ނިސްބަތްވާ އިދާރާއަކުން ޚިލާފުވެފައިވުން.
- އިންފޮމޭޝަން ކޮމިޝަނަރަށް ޝަކުވާއެއް ނުވަތަ މަޢުލޫމާތެއް ހޯދުމަށް ހުށަހެޅުމުން އަމަލުކުރާނެ ގޮތަކީ ކޮބައިތޯ؟
- ކަމާ ގުޅޭ ފަރާތްތައް ހާޒިރުކުރުން.
- ކަމާ ގުޅޭ ގޮތުން ހާޒިރުކުރެވޭ ފަރާތްތަކުގެ ބަޔާން ނެގުން.
- ކަމާ ގުޅޭ ގޮތުން ހެކިބަސްދޭން އެއްބަސްވާ މީހުންގެ ހެކިބަސް ނެގުން.
- މަޢުލޫމާތަށް އެދުން.
- ލިޔެކިޔުމަށް އެދުން.
- ލިޔެކިޔުން ހުށަހެޅުމަށް އެންގުން.
- މަޢުލޫމާތު ހުށަހެޅުމަށް އެންގުން.
- ވަކި ލިޔުމެއް ނުވަތަ ވަކި މަޢުލޫމާތެއް އިންފޮމޭޝަން ކޮމިޝަނަރަށް ފޮނުވުމަށް އެންގުން.
- ވަކި މަޢުލޫމާތެއް ބަލާ މުތާލިޢާ ކުރުން.
- ހެކި ބަލައިގަތުން.
- ލިޔުމުން ހެކި ބަލައިގަތުން.
- ލިޔުމުން ބަޔާން ބަލައި ގަތުން.
- ދައުލަތުގެ ވަކި އިދާރާއެއްގައި ހުރި މަޢުލޫމާތެއް ފޮނުވުމަށް އެންގުން.
- ވަކިމީހަކު ހެއްކެއްގެ ގޮތުގައި ފާހަގަކޮށްފައިވާނަމަ އޭނާ ހާޒިރު ވުމަށް އެންގުން.
- ވަކި ލިޔުމެއް ފާހަގަކޮށް އެލިޔުމެއް ހުށަހަޅަން އެންގުން.
- ދައުލަތުގެ އިދާރާއަކަށް ވަނުން.
- ކަމާގުޅޭ މަޢުލޫމާތެއް ހޯދުމަށްޓަކައި ދައުލަތުގެ އިދާރާއެއް ބަލައި ފާސްކުރުމާއި އެމަޢުލޫމާތެއް ފެނިއްޖެކަމަށް ވާނަމަ އެމަޢުލޫމާތެއް އޮތް ލިޔުމެއް ނުވަތަ ވަސީލަތެއް ހިފެހެއްޓުން.
- މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނުގެ ދަށުން އިންފޮމޭޝަން ކޮމިޝަނަރަށް ދޭ އެހެންވެސް ބާރުތައް ތަންފީޒުކުރުން.
- މި ޤާނޫނުގެ ދަށުން އިންފޮމޭޝަން ކޮމިޝަނަރު ޝަކުވާ ބަލައިނުގަތުމުގެ ބާރު ލިބިދޭއިރު، އިންފޮމޭޝަން ކޮމިޝަނަރަށް ޝަކުވާ ނުބަލައި ދޫކޮށްލެވޭނީ ކޮން ކޮން ހާލަތްތަކެއްގައިތޯ؟
އެއީ:
- އެމައްސަލައަކީ އެއްވެސް އަސާސެއްގެ މައްޗަށް ހުށަހަޅާފައިވާ ޝަކުވާއަކަށް ނުވުން.
- ބަލަންޖެހޭ ވަރަށް ވުރެ ކުޑަ މައްސަލައެއް ހިމެނޭ ޝަކުވާ އަކަށް ވުން.
- އެޝަކުވާއަށް ޙައްލެއް ހޯދުމަށްޓަކައި މިޤާނޫނުގެ 41 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ އިޖުރާޢަތުތަކުގައި ވާފަދައިން އިންފޮމޭޝަން އޮފިސަރަށް މައްސަލަ ހުށަހެޅުމާއި އެފަރާތުން ދިން ޖަވާބާ ދޭތެރޭ ހިތްހަމަ ނުޖެހޭނަމަ މުރާޖަޢާ ކޮމިޓީއަށް މައްސަލަ ހުށަހަޅައިފައި ނުވުން. މިހާލަތްތަކުގައި.
- އިންފޮމޭޝަން ކޮމިޝަނަރަށް ހުށަހަޅަން ޖެހޭ ރިޕޯޓަކީ ކޮންކަމަކާ ގުޅޭގޮތުން ތައްޔާރުކުރެވޭ ރިޕޯޓެއްތޯ؟
އެއީ:
- މަޢުލޫމާތު ނުދިނުމަށް އެދި ހުށަހެޅި މިންވަރާ އިޖާބަ ދެވުނު ހުށަހެޅުމުގެ މިންވަރާއި މަޢުލޫމާތު ދެވުނު ހުށަހެޅުމުގެ ޢަދަދާއި މަޢުލޫމާތު ދޭން އިންކާރު ކުރި ހުށަހެޅުމުގެ ޢަދަދު.
- މަޢުލޫމާތެއް ދިނުމަށް އިންކާރުކުރުމުން އިސްތިއުނާފަށް ހުށަހެޅުނު މިންވަރު.
- ފީނެގުނު ޢަދަދާއި އެގޮތުން ނެގިފީގެ ޖުމުލަ.
- މަޢުލޫމާތު ހާމަކުރުމުގެ ޒިންމާ އަދާ ކުރުމުގެ ގޮތުން އަމިއްލަ އިސްނެގުމާއެކު ހިންގި ހަރަކާތްތަކާއި ކުރި ކަންތައްތައް.
- މަޢުލޫމާތު ބެލެހެއްޓުމާއި ގުޅޭގޮތުން ހިންގި ހަރަކާތްތަކާއި ކުރި ކަންކަން.
- މުވައްޒަފުން ތަމްރީނު ކުރުމަށްޓަކައި ހިންގި ހަރަކާތްތަކާއި ކުރި ކަންކަން ހިމެނޭނޭހެން ތައްޔާރުކޮށް ހުށަހަޅަން ޖެހޭ ރިޕޯޓެއް.