މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑުން މަޢުލޫމާތު ނުލިބުމުން ހުށަހެޅި މައްސަލަ:

CASE NO: 36/2019
15 މާރިޗު 2020

މައްސަލަ ލިބުނު ތާރީޚް : 20 ނޮވެންބަރު 2019

 

މައްސަލަ ހުށަހެޅި ފަރާތް : އާންމުފަރުދެއް

މައްސަލަ

މިފްކޯގެ ހެޑް އޮފީހުގެ ޗީފް ފިޝް ޕްރޮކިއުމެންޓް އެންޑް ލޮޖިސްޓިކްސް އޮފިސަރެއްގެ ގޮތުގައި މައްސަލަ ހުށަހެޅި ފަރާތް ހުއްޓައި، 2017 ޑިސެންބަރު 5 ވަނަ ދުވަހު، ވަޒީފާއިން ވަކި ކުރެވިފައި ވަނީ، އޭރުގެ ސަރުކާރުން ސިޔާސީ ގޮތުން އެޅި ފިޔަވަޅަކަށް ވާތީ ވަޒީފާއިން ވަކި ކުރުމުގެ މަރުހަލާ ކުރިޔަށް ގެންދިޔަ ގޮތާއި އެ މަރުހަލާތަކުގައި މެނޭޖްމެންޓުން ނިންމިގޮތް ލިޔުމުން ބޭނުންވާތީ، އެ މައުލޫމާތު ހޯދަން މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮންޕެނީ ލިމިޓެޑަށް ހުށަހެޅުމުން ލިބިފައިވާ މައުލޫމާތާ މެދު ހިތްހަމަނުޖެހިގެން، 2019 ނޮވެންބަރު 19 ވަނަ ދުވަހު ހުށަހެޅި މައްސަލަ.

 

މައްސަލަ ނިމި ފައިލު ކުރެވުނު ތާރީޚް: 17 ފެބުރުވަރީ 2020

މައްސަލަ ބަލައި ނިންމިގޮތް

މައްސަލާގައި ކަންހިނގާފައިވާ ގޮތްތަކަށާއި، މައްސަލައިގެ ވަށައިގެންވާ ކަންކަމަށް ނަޒަރުކޮށް ބެލި ހިނދު، މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮންޕެނީ ލިމިޓެޑުން، އޭނާ ހޯދަން ހުށަހަޅާފައިވާ މައުލޫމާތަކީ، މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނުގެ 7 ވަނަ ބާބު ( އާންމު މަސްލަހަތަށް އިސްކަންދިނުމާއި އިސްތިސްނާ ހާލަތްތައް) އަށް ފެތޭ މައުލޫމާތަކަށް ނުވާތީ،  އަންނަނިވި މައުލޫމާތު ދޫކުރަން ޖެހޭނެކަމަށް ވަނީ ނިންމިފައެވެ.

1-   އޭނާ ވަޒީފާއިން ވަކިކުރުމުން އެކަން ހިނގައިދިޔަ ގޮތް ބެލުމަށް އެފަރާތުން ހުށަހެޅި ސިޓީގެ ކޮޕީ.

2-   ވަޒީފާއިން ވަކިކުރުމުން އެކަން ހިނގައިދިޔަގޮތް ބެލުމަށް ހުށަހަޅާފައިވާ ސިޓީއަށް މިފްކޯގެ ލީގަލް ޓީމުން ގާނޫނީ ލަފާ ދީފައިވާ ލިޔުމާއި މިފްކޯގެ ބަލަދުވެރި ކުންފުނި އެސް.ޓީ.އޯގެ ލީގަލް ޓީމުން ނިންމާފައިވާ ނިންމުމުގެ ލިޔުންތައް.