މަޢުލޫމާތު ހޯދުމުގެ ޝައުޤާއި ހިތްވަރު ލިބިގަތުން

ބްލޮގް
ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު
28 ޑިސެންބަރު 2015

މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤު ދިވެހިރާއްޖޭގައިވަނީ ކަށަވަރުވެފައެވެ. ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީގެ  29 ވަނަ މާއްދާގައި ވަނީ "އުނގެނުމާއި، އުނގަންނައި ދިނުމާއި، މަޢުލޫމާތު ހޯދުމާއި، މަޢުލޫމާތު ދިނުމުގެ މިނިވަންކަން ކޮންމެ މީހަކަށްމެ ލިބިގެންވެއެވެ." މިފަދައިންނެވެ. މި ޙައްޤު ކަށަވަރުކޮށްދިނުމަށްޓަކައި 2014 ވަނަ އަހަރު ތަޞްދީޤުކުރެވުނު "މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނު"ން މިކަން ވަނީ ތަފްޞީލުކޮށްދީފައެވެ. މިކަން ތަންފީޛުކުރުމަށްޓަކައި ދައުލަތުގެ އިދާރާއެއްވެސް ވަނީ އުފައްދަވައިފައެވެ.

އާދޭހެވެ! ޙައްޤެއް ލިބިފައި އޮތަސް އެ ޙައްޤުގެ ބޭނުން ކުރެވޭނީ އެކަން ކުރާން ބަޔަކު ބޭނުންވެސް ވެގެންނެވެ. ދިވެހިރާއްޖޭގައި ތަފާތުގެ ގިނަ މިނިވަން މުއައްސަސާތައް އުފެދިފައިވާ އިރު، އެތަންތަނުން ކުރާ މަސައްކަތްތައް ވެސް އަޅުގަނޑުމެން ދެނެގަންނަން އެބަޖެހެއެވެ. އެ މުއައްސަސާއަކުން މަޢުލޫމާތެއް ހޯދާން އެދެވޭނީ އެއީ ކީއްކުރާ ތަނެއްކަން އަޅުގަނޑުމެންނަށް އެނގިގެންނެވެ.

ކުޑަ ތަންކޮޅެއް ތަފްޞީލުކޮށް ދަންނަވައިލަންތޯއެވެ؟ ދިވެހިރާއްޖޭގައި މަޢުލޫމާތު ހޯދުމާއި ފެތުރުމާއި ލިބިގަތުމާއި ތަޢުލީމުދިނުމާއި ހޯދުމާއި މި ހުރިހާ ކަމެއްގެ ޙައްޤާއި ފުރުޞަތުތައް ފަހިވެފައިވާ އިރު، މިކަންކަމާ ގުޅޭ މަޢުލޫމާތު ހޯދާން އެދޭން ޖެހޭނީ ކޮންތަނަކަށްތޯ ސާފުކޮށްލާން އެބަޖެހެއެވެ. މިހާވަރުގެ ހިތްވަރެއް އަޅުގަނޑުމެންގެ ވެސް ހުންނާން އެބަޖެހެއެވެ. މިސާލަކަށް އުނގެނުމާއި އުނގަންނައިދިނުމާ ބެހޭ ކަންކަން ބަލަހައްޓަވާ ރަސްމީ އިދާރާއަކީ މިނިސްޓްރީ އޮފް އެޑިޔުކޭޝަން ކަން އަޅުގަނޑުމެންނަށް އެނގެން އެބަޖެހެއެވެ. މީޑިއާ އާ ބެހޭ ކަންކަން ބަލަހައްޓަވައި ގަވާއިދުތައް ހައްދަވައި ތަންފީޒުކުރައްވަނީ (މިވަގުތު) "މޯލްޑިވްސް މީޑިއާ ކައުންސިލު"ންކަން އެނގެން އެބަޖެހެއެވެ. އަދި އެފަދައިން ބްރޯޑްކާސްޓްކުރުމާ ބެހޭ ކަންކަން ބެލެހެއްޓުމުގެ މަސްއޫލު އިދާރާ އަކީ "މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން" ކަން ވެސް ސާފުވެފައި އޮންނަން އެބަޖެހެއެވެ. ހަމަ މިފަދައިން، ދައުލަތުގެ އިދާރާއަކުން މަޢުލޫމާތު ހޯދުމާ ގުޅޭ ކަންކަން ތަންފީޒުކުރާ އިދާރާ އަކީ "އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީސް"ކަން ވެސް އެނގެން އެބަޖެހެއެވެ.

މިކަންކަން ސާފުކޮށްލާން މިއަދު ވަރަށް ފަސޭހައެވެ. އާދޭހެވެ! ފަސޭހައޭ ދެންނެވިޔަސް ކޮންމެވެސް ކަމެއް ކުރާން ޖެހޭނެ އެވެ. އެންމެ ކުޑަމިނުން ފޯނު ކޮށްލައްވައިފައި އެ ތަނަކާ ގުޅުއްވައި ވެސް ލެއްވިދާނެނޫންތޯއެވެ؟ ނަންބަރު އެނގިވަޑައި ނުގަންނަވާނަމަ ދިރާގުގެ "ޑައިރެކްޓަރީ އިންކުއަރީ"އާ ގުޅުއްވައި، ނަންބަރު ވެސް ހޯއްދަވައިލެއްވިދާނެ ނޫންތޯ އެވެ؟

އެކަމަކު ހަޤީޤަތުގައި އަޅުގަނޑުމެންގެ ޙާލަތު މި ހުންނަނީ ހިތާމަކުރުން އެކަށީގެންވާ މިންވަރަކަށެވެ. ކޮންމެއަކަސް އިސްވެ ދެންނެވުނު އިދާރާތަކަކީ ޤާނޫނީ ޙައްސިއްޔަތު ލިބިގެން އުފެދިފައި ހުރި ނުވަތަ ދައުލަތުން އުފައްދަވައިފައި ހުރި އިދާރާތަކެކެވެ. މި ތަންތާގެ ނަންތައް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ދެންނެވުންތަކުން ވަނީ ޢާއްމު ވެސް ކުރައްވައިފައެވެ. އަދި މިހާރުވެސް އެކި އިދާރާތަކުގެ ވެބްސައިޓްގައި، އަދި ވަކީން ޚާއްޞަކޮށް ދައުލަތުގެ އިދާރާތަކުގެ ނަންތައް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ރަސްމީ ވެބްސައިޓުން ވެސް ފެންނަން އެބަހުއްޓެވެ. މިއިން އިދާރާއަކަށް ދައުލަތުގެ އެހެން އިދާރާއަކުން ސިޓީއެއް ފޮނުއްވާނަމަ ނުވަތަ އެއިން ތަނަކަށް އެޑްރެސް ކުރައްވާ ނަމަ، އެންމެ ކުޑަ މިނުން އެ ތަނަކަށް، އެ އިދާރާއަކަށް ކިޔާ ނަން، ސާފުކޮށްލުމަކީ ކުރައްވަންޖެހޭނޭ ކަމެއް ކަމަށް ދެކެމެވެ. އެކަމަކު ކަން ހިނގަނީ މިފަދައަކުން ނޫނެވެ. ހީގެ މައްޗަށް ބިނާކޮށް ހިތްޕުޅަށް އެރިހާ ނަމެއް ޖައްސަވައިފައި ސިޓީވެސް ފޮނުއްވަނީ އެވެ. އަދި އެ އިދާރާއެއްގެ އިސްވެރިޔާގެ މަޤާމު ވެސް ލަފާކުރައްވައިފައި ލިޔުއްވަނީ އެވެ.

މިއީ ސަމާސާއަކަށް ދަންނަވާ ވާހަކައެއް ނޫނެވެ. ވަރަށް ސީރިއަސްކޮށް ދަންނަވާ ވާހަކައެކެވެ. ޢާއްމު ރައްޔިތަކަށް މިފަދަކަމެއް އޮޅިގެން ކުރެއްވުމަކީ މައްސަލައެއް ނޫނެވެ. އަދި އެއީ މަލާމާތް ލިބެނިވި ކަމެއް ވެސް ނޫނެވެ. ނަމަވެސް ދައުލަތުގެ އިދާރާއަކުން އެހެން އިދާރާތަކަށް ފޮނުވާ ސިޓީބިޓީގައި މި ގޮތަށް ކަންތައް ތަކުރާރުވުމަކީ ލަދުވެތިކަމެކެވެ.

އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހަށް ފޮނުއްވާ ސިޓީއާއި އެފަދަ އެހެން ތަކެތި "އިންފޮމޭޝަން ކޮމިޝަން" އަށް އެޑްރެސް ކުރައްވައިފައި ހުންނަ އިރު، އެއީ ވުޖޫދުގައި ހުރި ތަނެއްތޯ ނެތް ތަނެއްތޯ ސާފުކޮށްލެއްވުން ކީއްތޯއެވެ؟ އަދި އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުގެ "ރައީސަށް" އެޑްރެސް ކުރައްވައި ދައުލަތުގެ ބިޔަ އިދާރާއަކުން ސިޓީއެއް ފޮނުވުމަކީ ލަދުވެތިކަމެއް ނޫންތޯއެވެ؟ އެއީ ވުޖޫދުގައި ނެތް މަޤާމަކަށްވާތީއެވެ. އޮފީހަކަށް "ކޮމިޝަނެކޭ" ވިދާޅުވެ ޙަވާލާ ދެއްވުމަކީ ލަދުވެތިކަމެއް ނޫންތޯއެވެ؟

މި ދަންނަވައިލީ ވަރަށް ގިނައިން ހިނގާ ކަމެއްގެ ވާހަކައެވެ. މިކަން ސާފުކޮށްދެއްވައި އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުގެ ސަރކިޔުލަރަކުން އެ ވާހަކަ ދައުލަތުގެ އިދާރާތަކުގައި ދެންނެވި ފަހުން ވެސް މިކަން ހިނގާތީ، އެއީ ކަންކަން ސާފުކޮށް މަޢުލޫމާތު ހޯދުމުގެ ރޫޙު އަޅުގަނޑުމެންގެ މެދުގައި ކުޑަކަން ދޭހަކޮށްދޭ ކަމެއްކަން ކަށަވަރެވެ. ދިވެހިރާއްޖޭގައި "އިންފޮމޭޝަން ކޮމިޝަން" ކިޔާ އިދާރާއެއް ދުވަހަކު ވެސް އުފެއްދިކަމެއް ހަމަގައިމު ވެސް އެއްވެސް ލިޔުމަކުން ފެންނާކަށް ނެތެވެ. މި ރާއްޖޭގައި މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤު ކަށަވަރު ކޮށްދިނުމަށް އުފައްދަވައިފައި ހުންނަނީ"އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީސް" ނަމަކަށް ކިޔާ އިދާރާއެކެވެ. އެ އޮފީހުގެ އެންމެ އިސް މަޤާމަކީ "އިންފޮމޭޝަން ކޮމިޝަނަރު"ގެ މަޤާމެވެ.

މިއީ މިއަދު އަޅުގަނޑުމެންގެ މެދުގައި ކަންކަން ސާފުކުރުމުގެ ރޫޙު ހުރި ގޮތެވެ. ކަމެއް ސާފުކޮށްލުމުގެ ބަދަލުގައި ހީގެ މައްޗަށް ވާހަކަދެކެވެނީއެވެ. ކަންތައް ކުރެވެނީއެވެ. މަޢުލޫމާތު ހޯދުމުގެ ރޫޙު ކުޑައީއެވެ. ކަން އޮންނަ ގޮތް އޮޅުންފިލުވަން ބޭނުން ވެސް ނުވަނީ އެވެ. މިއީ ހިތާމަހުރި ކަމެކެވެ. މުޖުތަމަޢުގައި ދޮގު މަޢުލޫމާތު ފެތުރުމުގެ އެންމެ ބޮޑު ސަބަބަކަށް މިކަން ނުވޭތޯއެވެ؟

އާދޭހެވެ! މިއަދު ދައުލަތުގެ އިދާރާތަކުން ރައްޔިތުންނަށް ލިބުން ޙައްޤުވާ ހަމަ ކޮންމެ މަޢުލޫމާތެއް ލިބުމުގެ ޙައްޤު އެބަ އޮތެވެ. އެކަމުގެ މަގު  ވެސް އޮތީ ފަހިވެފައެވެ. ނަމަވެސް ތަނަކުން މަޢުލޫމާތެއް ލިބޭތީ މަޢުލޫމާތެއް ހޯދުމުގެ ޝައުޤާއި ހިތްވަރު ވެސް އަޅުގަނޑުމެންގެ ކިބައިގައި ހުރެގެންނެވެ. އެކަމަށް އަޅުގަނޑުމެން ބޭނުންވެގެންނެވެ. މީހަކު ބުނާހައި އެއްޗަކާއި ތިމާގެ ހީގެ މައްޗަށް ކަންކަން ނިންމުމުގެ އާދަ ދޫކޮށްލައިގެންނެވެ.