މަޢުލޫމާތަކީ ކޮބާ؟

ބްލޮގް
ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު
29 ސެޕްޓެންބަރު 2015

މަޢުލޫމާތަކީ ކޮބައިކަން ބަޔާންކުރުމަކީ ޙަޤީޤަތުގައި ފަސޭހަކަމެއް ނޫނެވެ. އެއީ މަޢުލޫމާތުގެ ދާއިރާ ފުޅާ ކަމުންނެވެ. އެކަމުގެ އޮޅުންބޮޅުންކަން ބޮޑުކަމުންނެވެ.

ބައެއް މީހުން ބުނާ ގޮތުގައި މަޢުލޫމާތަކީ (އިންފޮމޭޝަނަކީ)  ވަގުތުންވަގުތަށް ލިބޭ ބަރާބަރު ޑޭޓާއެވެ. ނުވަތަ ވަކި ޚާއްޞަ މަޤުޞަދަކަށްޓަކައި އިންތިޒާމުކޮށް ތަރުތީބުކުރެވިފައިވާ ވަކި ޚާއްޞަ ޑޭޓާ އެކެވެ. ނުވަތަ މާނައެއް ދޭހަވާ ގޮތަކަށް އިތުބާރުހުރި ގޮތެއްގައި ވަކި ޚާއްޞަ ޙާލަތެއްގައި ހުށަހެޅޭ ޑޭޓާ އެވެ. އަދި ނުވަތަ ތިމާއަށް އެނގިފައިވާ އެނގުމެއް އެއްވެސް ޝައްކެއް ނެތް ގޮތެއްގައި އިތުރުކޮށް ނުވަތަ ދަށްކުރުމަށް މަގުފަހިކޮށްދޭ ޑޭޓާއެވެ. އަދި މިނޫނަސް މިފަދަ ހުރިހާ އެނގުންތަކާއި ދެނެގަތުންތަކާއި ލިބިގަތުންތައް ވެސް ހިމެނޭނީ މަޢުލޫމާތުގެ ތެރޭގައެވެ. 

އިނގިރޭސިބަހުން ކިޔާ އިންފޮރމޭޝަނާއި ނޮލެޖާއި އަންޑަރސްޓޭންޑިންގ އާއި ޑޭޓާ އަށް ވެސް އަޅުގަނޑުމެން ދިވެހިބަހުން މަޢުލޫމާތޭ ކިޔައި އުޅެއެވެ. މަޢުލޫމާތަކީ ވަކި މިވެނި އެއްޗެކޭ ބުނެ ހާމަކޮށްދޭން (އަޅުގަނޑަށް) އުނދަގޫވެގެން މި އުޅެނީ މިހެންވެގެންނެވެ.
މި ލިޔުން ފަށައިގަތް އިރު، މަޢުލޫމާތަކީ ވަކި މިވެނި ވައްތަރެއްގެ ޑޭޓާއޭ ދެންނެވިއްޖެ އެވެ. އެހެންވީމާ ޑޭޓާ އަކީ ކޮބައިކަން ބަޔާންކޮށްދެވޭތޯ ބެލުން ވެސް މުހިއްމު ވެއްޖެއެވެ.

ޢާއްމު ވިސްނުމަކުން ވިސްނާއިރު، ޑޭޓާއަކީ އެއީ، ތަޙުލީލުކުރުމަށް (އެނަލައިޒްކުރުމަށް) ނުވަތަ ޙަވާލާ ދިނުމަށްޓަކައި އެއްކުރެވޭ ޙަޤީޤަތްތަކާއި އެކިއެކި ތަފާސް ހިސާބުތައް ކަމަށް ބެލިދާނެއެވެ. ނުވަތަ އެއީ ޙަޤީޤަތްކަމަށް ބަލާ ތަކެއްޗެވެ. ނުވަތަ ޙަޤީޤަތުގެ ގޮތުގައި އެނގޭ އެނގުންތަކެވެ. މިއީ ވިޔަކުރުމަށްޓަކައި ނުވަތަ ސަބަބުދެއްކުމަށްޓަކައި އުފައްދާ އަސާސްތަކެވެ.

ވީމާ، މަޢުލޫމާތޭ މި ކިޔަނީ، ހަށިގަނޑުގެ ހުރިހާ ޙިއްސުތަކުން ދެނެގަނެވޭ، ނުވަތަ އެނގޭ ހަގީގީ އެނގުންތަކަށެވެ. މަޢުލޫމާތުގެ ދާއިރާ ތަނަވަސްކަމުން އަޅުގަނޑަށް ދަންނަވައިލެވެން އޮތީ މިފަދައަކުންނެވެ. މަޢުލޫމާތަކީ ކޮންމެ ކަމަކަށް ވެސް ބޭނުންވާ އެއްޗެކެވެ. ޚަބަރެއް ތައްޔާރުކުރެވޭނީ ވެސް އެ ހާދިސާއެއްގެ ނުވަތަ އެ ކަމަކާ ބެހޭ މަޢުލޫމާތު ހޯދައިގެންނެވެ. ކޮންމެ މަޢުލޫމާތަކީ ޚަބަރަކަށް ނުވިޔަސް ކޮންމެ ޚަބަރަކީ ވެސް މަޢުލޫމާތެވެ. ކޮންމެ ޚަބަރަކުން ވެސް ލިބެނީ މަޢުލޫމާތެވެ. ޚަބަރާއި މަޢުލޫމާތާއި، އެނގޭ އެނގުންތަކާއި ދެނެގަތުންތަކާއި ނޮލެޖާއި ޑޭޓާއަކީ ވެސް މަޢުލޫމާތެވެ.

ކުރުކޮށް ދަންނަވާނަމަ ދެންނެވޭނީ މަޢުލޫމާތަކީ ހަށިގަނޑުގެ ހުރިހާ ޙިއްސުތަކުން ދެނެގަނެވޭ، ނުވަތަ އެނގޭ ހަގީގީ އެނގުންތައްކަމުގައެވެ. މަޢުލޫމާތުގެ ދާއިރާ ތަނަވަސްކަމުން އަޅުގަނޑަށް ދަންނަވައިލެވެން އޮތީ މިފަދައަކުންނެވެ. މި ދާއިރާގެ ފުންނާބު އުސް ގަލަންކޮޅަކުން މި މައުޟޫޢުގައި ތަފުޞީލުކޮށް ލިޔުއްވައިދެއްވާނެ ކަމުގެ އުންމީދުގައި އަޅުގަނޑު ހަމައެކަނި މި މައުޟޫޢޫގައި ފުރަތަމަ ބިސްމި އަޅައިލީއެވެ.