މުވައްޒިފުން

އަޙްމަދު ޝިޔާމް - ޑިރެކްޓަރ ޖެނެރަލް

އަލްފާޟިލް އަޙްމަދު ޝިޔާމް، މި އޮފީހާ ގުޅިވަޑައިގަތީ، 31 އޯގަސްޓް 2014 ގައި ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލްގެ ގޮތުގައެވެ. އޭގެ ފަހުން 04 ޖެނުއަރީ 2015 ގައި ޑިރެކްޓަރ ޖެނެރަލްގެ މަޤާމަށް ބަދަލުކުރެއްވިއެވެ.

އަޙްމަދު ޝިޔާމަކީ، 35 އަހަރަށްވުރެ ގިނަދުވަހު ސަރުކާރުގެ ގިނަ އޮފީސްތަކާއި އަމިއްލަ  ޖަމްޢިއްޔާތަކުގެ އިސް މަޤާމުތަކެއް ފުރުއްވައިފައިވާ ޤާބިލު، ތަޖުރިބާކާރު ބޭފުޅެކެވެ. އެގޮތުން ވަޒީފާ އަދާކުރެއްވި އޮފީސްތަކުގެތެރޭގައި މިނިސްޓްރީ އޮފް ޕަބްލިކް ސޭފްޓީއާއި މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީއާއި ސިލެކްޓެޑް އައިލެންޑް ޑިވެލޮޕްމެންޓް ޔުނިޓާއި މިނިސްޓްރީ އޮފް އިންފޮމޭޝަން، އާޓްސް އެންޑް ކަލްޗަރާއި ޕަބްލިކް ކޮމްޕްލައިންޓްސް ބިއުރޯއާއި މިނިސްޓްރީ އޮފް ހޯމް އެފެއާޒް ހިމެނެއެވެ. މީގެ އިތުރުން ދިވެހި މީޑިއާގެ ދާއިރާގައި 20 އަހަރަށްވުރެ ގިނަދުވަހު ޚިދުމަތް ކުރައްވައިފައިވެއެވެ.

މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ގަވާއިދު ވުޖޫދަށް އައުމާއި ހަމައިން ފެށިގެން ވޭތުވެދިޔަ 7 އަހަރުދުވަހު އެގަވާއިދު ތަންފީޒު ކުރުމުގެ މަސައްކަތުގައި އަމަލީގޮތުން ހަރަކާތްތެރިވެ 102 ރަށަކަށް ޒިޔާރަތްކުރައްވައި 11,000 ވުރެ ގިނަމީހުންނަށް މި ޙައްޤާ ބެހޭ މަޢުލޫމާތު ދެއްވައިފައިވެއެވެ.

އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުގެ ޑިރެކްޓަރ ޖެނެރަލްގެ ހައިސިއްޔަތުން އަޙްމަދު ޝިޔާމް ކުރައްވަމުން ގެންދަވާ މައިގަނޑު މަސައްކަތްތަކަކީ، މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނު ތަންފީޒުކުރުމަށް ޓަކައި ހިންގޭ ހޭލުންތެރިކުރުމުގެ ތަމްރީނު ޕްރޮގްރާމްތައް ހިންގެވުމާއި ދައުލަތުގެ އިދާރާތަކުން މަޢުލޫމާތު ނުލިބިގެން ހުށަހެޅޭ މައްސަލަތައް ބައްލަވައި ކަމާބެހޭ ގޮތުން އަޅުއްވަންޖެހޭ ފިޔަވަޅުތައް އެޅުއްވުމެވެ.

މީގެ އިތުރުން ޝިޔާމަކީ، މި އޮފީހުގެ މުރާޖަޢާ ކޮމިޓީއާއި ޖިންސީ ފުރައްސާރަ ކުރުމާއި ގޯނާކުރުން ހުއްޓުވުމުގެ ކޮމިޓީގެ މެންބަރެކެވެ.

 

ޙަސަން ޝާކިރު މުޙައްމަދު - ޑިރެކްޓަރ ޖެނެރަލް

އަލްފާޟިލް ޙަސަން ޝާކިރު މުޙައްމަދު، މި އޮފީހާ ގުޅިވަޑަގަތީ، 12 އޮކުޓޫބަރު 2014 ގައި ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލްގެ ގޮތުގައެވެ. އޭގެ ފަހުން 04 ޖެނުއަރީ 2015 ގައި ޑިރެކްޓަރ ޖެނެރަލްގެ މަޤާމަށް ބަދަލުކުރެއްވިއެވެ. މި އޮފީހުގައި ޙަސަން ޝާކިރު މުޙައްމަދުގެ މައިގަނޑު މަސްއޫލިއްޔަތަކީ، އިދާރީ ހިންގުމާއި ފައިސާއާ ބެހޭ އެންމެހައި ކަންތައްތައް ބެލެހެއްޓެވުމެވެ. ޝާކިރަކީ، މި އޮފީހުގެ މާލީ ޒިންމާދާރުވެރިޔާގެ އިތުރުން، ބިޑު ކޮމިޓީއާއި އެޗް.އާރު.ޑީ.ކޮމިޓީގެ މެންބަރެކެވެ.

މި އޮފީހާއި ގުޅިވަޑައިގެންނެވިއިރު ޝާކިރު މަސައްކަތް ކުރައްވަމުން ގެންދެވީ މާލޭ ސިޓީ ކައުންސިލްގެ އިދާރާގެ ޑެޕިއުޓި ޑިރެކްޓަރ ޖެނަރަލްގެ މަޤާމުގައެވެ.

ޙަސަން ޝާކިރު މުޙައްމަދަކީ، 28 އަހަރަށް ވުރެ ގިނަދުވަހު ސަރުކާރުގައި ވަޒީފާ އަދާކުރައްވައި އަދި ދިގު މުއްދަތަކަށް ގިނަ އޮފީސްތަކެއްގެ އިސް މަޤާމުތަކެއް ފުރުއްވާފައިވާ ހިންގުންތެރި ބޭފުޅެކެވެ. ޝާކިރު އަދާކުރައްވާފައިވާ މަޤާމުތަކުގެ ތެރޭގައި ކުއްލިއްޔަތުއްދިރާސާތިލް އިސްލާމިއްޔާގެ އެސިސްޓެންޓް ޑިރެކްޓަރުކަމާއި ހެންވޭރު އަވަށު އޮފީހުގެ އެސިސްޓެންޓް ޑިރެކްޓަރ ޖެނެރަލްކަމާއި މާލޭ ސިޓީ ކައުންސިލް އިދާރާގެ ޑެޕިއުޓި ޑިރެކްޓަރ ޖެނެރަލްކަމާއި މަދްރަސަތުލް އަމީރު އަޙްމަދުގެ ޑެޕިއުޓީ ޕްރިންސިޕަލްކަން ހިމެނެއެވެ. އަދި މާލޭ މުނިސިޕަލް ކައުންސިލްގެ ހެންވޭރު މެންބަރުކަމާއި އާޓް ކައުންސިލްގެ މެންބަރުކަމާއި ޒަކާތާބެހޭ ކޮމެޓީގެ މެންބަރުކަމާއި ކުއްލިއްޔާ މަޖިލީހުގެ މެންބަރުކަމާއި މޯލްޑިވްސް މީޑިއާ ކައުންސިލްގެ މެންބަރުކަން ވެސް ކުރައްވާފައިވެއެވެ.

ޝާކިރަކީ، ދިވެހިރާއްޖޭގެ ލިޔުންތެރީންގެ ޖަމިއްޔާ [ލިޔުންތެރީންގެ ގުޅުން] ގެ އެއް ނާއިބު ރައީސް ވެސް މެއެވެ. އިޖުތިމާޢީ އަދި އަދަބީ ޚިދުމަތުގެ ދާއިރާގައި ވެސް ގިނަ ޚިދުމަތްތަކެއް ކުރައްވަމުން ގެންދަވާ ބޭފުޅެކެވެ. ޝާކިރުވަނީ އަދަބީ ތަފާތު މުބާރާތްތަކުން މަތީ ވަނަތަކެއް ޙާޞިލު ކުރެއްވުމުގެ އިތުރުން، ދިވެހި ޅެންވެރިކަމުގެ ރޮނގުންނާއި ދިވެހި ބަހުން ވާހަކަދެއްކުންތެރިކަމުގެ ރޮނގުން ޢާންމު ޚިދުމަތުގެ ހިތްވަރު ދިނުމުގެ އިނާމުވެސް ޙާޞިލު ކުރައްވައިފައެވެ.

                                                                                        
މުޙައްމަދު އަޙްމަދު – ޑިރެކްޓަރ ޖެނެރަލް، އިނޮވޭޝަން، ރިސަރޗް އެންޑް ފޮރިން ރިލޭޝަންސް
          

އަލްއުސްތާޛު މުޙައްމަދު އަޙްމަދު، މި އޮފީހާ ގުޅިވަޑައިގަތީ، 2016 ޖޫން 19 ގައެވެ. މުޙައްމަދު އަޙްމަދަކީ، އިނގިރޭސިބަހުގެ ބެޗްލަރސް ޑިގްރީއާއި ޝަރީޢާ އެންޑް ލޯ ބެޗްލަރސް ޑިގްރީއާއި ޝަރިޢާއިން މާސްޓާސް ޑިގްރީ ހާސިލު ކުރައް ވާފައިވާ ބޭފުޅެކެވެ. އަދި އިންޑިޔާގެ ބޯޕާލްގައި 1994 ން 1996 ށް ހެޑްމާސްޓަރުންގެ ތަމްރީން ކޯސް ވެސް ފުރިހަމަ ކުރައްވާފައިއެވެ.

ޑިރެކްޓަރ ޖެނެރަލް، އިނޮވޭޝަން، ރިސަރޗް އެންޑް ފޮރިން ރިލޭޝަންސްގެ ހައިސިއްޔަތުން، މުޙައްމަދު އަޙްމަދުގެ މައިގަނޑު މަސައްކަތަކީ، އޮފީހުގެ މަސައްކަތްތައް ތަރައްޤީކުރެވިދާނެ ގޮތްތައް ބައްލަވައި ދިރާސާކުރުމާއި އޮފީހާއި ބޭރުގެ އެހީދޭ ޖަމާޢަތްތަކާއި އެކުވެރި ދައުލަތްތަކުގެ ކަމާބެހޭ ފަރާތްތަކާ ގުޅުން ބަދަހިކުރުމާއި މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ދާއިރާއަށް ރައްޔިތުން އިތުރަށް ހޭލުންތެރިކުރެވިދާނެ ޕްރޮގްރާމްތައް ރޭވުމާއި އޮފީހުންދޭ އެވޯޑާއި ދައުލަތުގެ އިދާރާތައް ދަރަޖަކުރުމާ ބެހޭ އެންމެހައިކަންކަން ހިންގައި ބެލެހެއްޓެވުމެވެ.

މީގެ އިތުރުން މުޙައްމަދު އަޙްމަދަކީ، މި އޮފީހުގެ ބިޑު ކޮމިޓީއާއި ލީގަލް ކޮމިޓީއާއި ޖިންސީ ފުރައްސާރަ ކުރުމާއި ގޯނާކުރުން ހުއްޓުވުމުގެ ކޮމިޓީގެ މެންބަރެކެވެ.

އަލްއުސްތާޛު މުޙައްމަދު އަޙްމަދު، އިސްކޫލުތަކުގެ ހެޑްމާސްޓަރުކަމާއި ޕްރިންސިޕަލްކަމުގައި 15 އަހަރަށްވުރެ ގިނަ ދުވަހު ޚިދުމަތް ކުރައްވާފައިވެއެވެ. އަދި މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ޒޯން ކޯޑިނޭޓަރެއްގެ ހައިސިއްޔަތުން، ގއ. ގދ. ޏ. އަދި ސ މި އަތޮޅުތަކުގައި ގިނަ ޚިދުމަތްތަކެއް ކުރައްވައިފައިވާކަން ފާހަގަ ކުރެވެއެވެ.

މުޙައްމަދު އަޙްމަދު، މި އޮފީހާ ގުޅިވަޑައިގަތްއިރު ހުންނެވީ، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ޕްރޮކިޔޯމަންޓް ސެކްޝަންގެ ޑެޕިއުޓީ ޑިރެކްޓަރގެ މަގާމުގައެވެ.

 

ފާޠިމަތު ސައުސަން - ޑިރެކްޓަރ، ލީގަލް އެފެއާޒް

އަލްއުސްތާޛާ ފާޠިމަތު ސައުސަންއަކީ، މި އޮފީހުގެ ޑިރެކްޓަރ، ލީގަލްއެފެއާޒް ގެ މަގާމު ފުރުއްވަމުން ގެންދަވާ ބޭފުޅެކެވެ. ފާޠިމަތު ސައުސަން މި އޮފީހާއި ގުޅިވަޑައިގަތީ، 30 އޮކުޓޫބަރު 2014 ގައެވެ. ފާޠިމަތު ސައުސަން ވަނީ، ބެޗްލަރ އޮފް ލޯސް (އެލް.އެލް.ބީ) (އޮނާރސް) ފުރިހަމަ ކުރައްވައިފައެވެ. ފާޠިމަތު ސައުސަންއަކީ ވަކާލާތު ކުރުމުގައްޔާއި އެގްރީމެންޓް ހެދުމުގައްޔާއި ޤާނޫނީ ލިޔެކިޔުން ތަރުޖަމާކުރެއްމުގައްޔާއި ޤާނޫނީ ލަފާ ދެއްވުމުގައި ވަރަށް ޤާބިލު ބޭފުޅެކެވެ.

މި އޮފީހުގައި ފާޠިމަތު ސައުސަންގެ މައިގަނޑު މަސައްކަތަކީ، މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނު ތަންފީޒުކުރުމަށް ބޭނުންވާ ޤާނޫނީ ލަފައާއި އިރުޝާދު، ކޮމިޝަނަރަށާއި އޮފީހުގެ ވެރީންނަށާއި މުވައްޒަފުންނަށް ދެއްވުމާއި، އޮފީހުގެ ސިޔާސަތުތައް އެކަށައެޅުމާއި ތަންފީޒު ކުރުމުގައި ބޭނުންވާ ޤާނޫނީ ލަފާދެއްވުމެވެ.

މީގެ އިތުރުން ސައުސަންއަކީ، މި އޮފީހުގެ ލީގަލް ކޮމިޓީއާއި މުރާޖަޢާ ކޮމިޓީއާއި އެޗް.އާރު.ޑީ. ކޮމިޓީއާއި ޖިންސީ ފުރައްސާރަ ކުރުމާއި ގޯނާކުރުން ހުއްޓުވުމުގެ ކޮމިޓީގެ މެންބަރެކެވެ.

ފާޠިމަތު ސައުސަން ވަނީ 10 އަހަރަށްވުރެ ގިނަ ދުވަހުގައި އިނގިރޭސި ބަސް ކިޔަވައި ދެއްވުމުގައި ހޭދަކުރައްވާފައެވެ. މީގެ އިތުރުން، މެޕްސް ކޮލެޖްގައި ޕާޓްޓައިމް ލެކްޗަރާއެއްގެ ގޮތުގައި މަސައްކަތް ކުރައްވާފައި ވެސް ވެއެވެ. ފާޠިމަތު ސައުސަން، އެންމެ ފަހުން މަސައްކަތް ކުރައްވާފައިވަނީ މިނިސްޓްރީ އޮފް ފިޝަރީޒް އެންޑްއެގްރިކަލްޗަރ ގައި ސީނިއަރ ލީގަލް އޮފިސަރު ގެ މަޤާމުގައެވެ.

 

މަރްޔަމް އިބްރާހީމް – އެޑްމިނިސްޓްރޭޓިވް އޮފިސަރު

އަލްފާޟިލާ މަރްޔަމް އިބްރާހީމް، މި އޮފީހުގައި މަސައްކަތް ކުރައްވާން ފެއްޓެވީ، 31 އޯގަސްޓް 2014 ގައެވެ. މަރްޔަމަކީ އޮފީހުގައި އާރކިވިސްޓްގެ ހައިސިއްޔަތުން މަސައްކަތް ކުރައްވަން ފައްޓަވައި، މިހާރު އެޑްމިނިސްޓްރޭޓިވް އޮފިސަރުގެ ގޮތުން މަސައްކަތްކުރައްވާ ތަޖުރިބާކާރު މުވައްޒަފެކެވެ.

މި އޮފީހުގައި މަސައްކަތް ކުރައްވަން ފެއްޓެވުމުގެ ކުރިން މަރިޔަމް ވަނީ މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ގަވާއިދު ވުޖޫދަށް އައުމާ ހިސާބުން ފެށިގެން މިނިސްޓްރީ އޮފް ހޯމްއެފެއާޒްގައި 6 އަހަރު ދުވަހު އެ ގަވާއިދާ ގުޅޭ ގިނަގުނަ މަސައްކަތްތަކެއް ކުރައްވައިފައެވެ.

މި އޮފީހުގައި މަރިޔަމްގެ މައިގަނޑު މަސައްކަތަކީ މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤާ ގުޅުންހުރި ލިޔެކިއުންތައް އެއްކޮށް ބެލެހެއްޓެވުމާއި، އެ ޤާނޫނުގެ ދަށުން، މަޢުލޫމާތު ނުލިބިގެން ހުށަހެޅޭ މައްސަލަތަކާ ގުޅޭ ކަންކަން ބެލެހެއްޓެވުމެވެ. އަދި އޮފީހުން ބާއްވާ ތަމްރީންތަކާއި މަސައްކަތު ބައްދަލުވުންތައް ރާވައި ވިލަރެސްކޮށް އަދި ހިންގުމުގެ އިންތިޒާމް ހަމަޖެއްސުމުގައި އިދާރީ ގޮތުން އެހީތެރިވެ ދެއްވުމެވެ.

މަރިޔަމްވަނީ މީގެ ކުރިން މިނިސްޓްރީ އޮފް ލީގަލް ރިފޯމް، އިންފޮމޭޝަން އެންޑް އާޓްސް އާއި ޕަބްލިކް ކޮމްޕްލައިންސް ބިއުރޯއާއި މިނިސްޓްރީ އޮފް ހޯމްއެފެއާޒްގައި މަސައްކަތް ކުރައްވައިފައެވެ.

 

ޢާއިޝަތު ޔަޝްފާ - ސީނިއަރ ބަޖެޓް އޮފިސަރު

އަލްފާޟިލާ ޢާއިޝަތު ޔަޝްފާ، މި އޮފީހާ ގުޅިވަޑައިގަތީ، 31 އޯގަސްޓް 2014 ގައެވެ. ޢާއިޝަތު ޔަޝްފާ އަކީ، މި އޮފީހުގެ ބަޖެޓް އޮފިސަރެއްގެ މަޤާމުގައި އަދާކުރައްވާ ތަޖުރިބާކާރު ބޭފުޅެކެވެ. މި އޮފީހުގެ ބަޖެޓް ޔުނިޓްގައި ބަޖެޓް އެކައުންޓްތައް ކޮންޓްރޯލް ކުރެއްވުމާއި ފައިސާއާބެހޭ ވައުޗަރތައް ހެއްދެވުމާއި، މުވައްޒަފުންގެ މުސާރައާ ގުޅޭ އެންމެހާ މަސައްކަތްތައް ކުރައްވަމުން ގެންދަވަނީ ޔަޝްފާއެވެ. މީގެ އިތުރުން ޔަޝްފާއަކީ، މި އޮފީހުގެ މުރާޖަޢާ ކޮމިޓީގެ މެންބަރެކެވެ.

 ޔަޝްފާއަކީ، 5 އަހަރަށް ވުރެ ގިނަ ދުވަހު މިނިސްޓްރީ އޮފް ލޯ އެންޑް ޖެންޑަރގެ ބަޖެޓް އެންޑް ފައިނޭންސް ސެކްޝަނުގައި އެޑްމިނިސްޓްރޭޓިވް އޮފިސަރެއްގެ މަޤާމު އަދާކުރައްވާފައިވާ ބަޖެޓްގެ ދާއިރާއިން ތަޖުރިބާ ލިބިވަޑައިގެންފައިވާ ބޭފުޅެކެވެ. އޭނާ އެންމެ ފަހުން މަސައްކަތްކުރައްވާފައިވަނީ، [ބޭންކް ޓެލަރ]ގެ ގޮތުގައި ދިވެހިރާއްޖޭގެ އިސްލާމިކް ބޭންކުގެ ކަސްޓަމަރ ރިލޭޝަންސް ޑިވިޜަންގައެވެ.

2016 އާއި 2018 ވަނަ އަހަރު، މި އޮފީހުގެ ހާޒިރީއަށް އެންމެ ރަނގަޅު މުވައްޒަފަކަށް އަދި 2017 ވަނަ އަހަރު މި އޮފީހުގެ ހުރިހާ ގޮތަކުން އެންމެ ރަނގަޅު މުވައްޒަފަކަށް ވެސް ހޮވިފައި ވަނީ ވެސް ޢާއިޝަތު ޔަޝްފާއެވެ.


އާމިނަތު ރާޔާ އަޙުމަދު – އެޑްމިނިސްޓްރޭޓިވް އޮފިސަރު

އަލްފާޟިލާ އާމިނަތު ރާޔާ އަޙްމަދު މި އޮފީހުގެ އެސިސްޓަންޓް ޑެސްކް އޮފިސަރެއްގެ ގޮތުގައި މަސައްކަތް ކުރައްވާން ފެއްޓެވީ،  25 ސެޕްޓެންބަރު 2014 ގައެވެ.

ރާޔާއަކީ މި އޮފީހުގެ އެއް އިންފޮމޭޝަން އޮފިސަރެވެ. ކުރީން މި އޮފީހުގެ އެސިސްޓަންޓް ޑެސްކް އޮފިސަރެއްގެ ޙައިސިއްޔަތުން، މިހާރު އެޑްމިނިސްޓްރޭޓިވް އޮފިސަރު ގޮތުން މި އޮފީހުގައި  ރާޔާގެ މައިގަނޑު މަސްއޫލިއްޔަތަކީ އިންފޮމޭޝަން އޮފިސަރުގެ ވާޖިބު އަދާކުރެއްވުމާއި، އޮފީހަށް އަންނަ ލިޔެކިޔުމާއި ތަކެތި ބަލައިގަނެ، އެންޓްރީކޮށް، ހަމަޖެހިފައިވާ އުސޫލުތަކުގެ މަތިން ޙަވާލުކުރަންޖެހޭ ފަރާތްތަކަށް އެ ތަކެތި ޙަވާލުކުރުމާއި އޮފީހަށް އަންނަ ފޯނުކޯލުތަކަށް ޖަވާބުދިނުމާއި، އޮފީހަށް އަންނަ ފަރާތްތަކަށް ބޭނުންވާ މަޢުލޫމާތާއި އެހީތެރިކަން ފޯރުކޮށްދިނުމެވެ. މީގެ އިތުރުން ބަޖެޓް ޔުނިޓާއި ގުޅިގެން އޮފީހުގެ އިންވެންޓްރީ ބެލެހެއްޓުމުގެ ކަންތައް ކުރިއަށް ގެންދަވައެވެ.

ރާޔާއަކީ ބައެއް އޮފީސްތަކުގައި މަސައްކަތްކުރައްވައިފައިވާ، އިސްނެގުމާއި ހިންގުމުގެ ހުނަރު ލިބިވަޑައިގެންފައިވާ ވަރަށް ގާބިލު މުވައްޒަފެކެވެ. ރާޔާ މަސައްކަތް ކުރައްވައިފައިވާ ތަންތަނުގެ ތެރޭގައި، މާލޭ ސިޓީ ކައުންސިލްގެ އިދާރާގެ ކައުންސިލް ބިޔުރޯއާއި ހިރިޔާ ސްކޫލްގެ ލައިބްރަރީ ހިމެނެއެވެ.

  

ޝައްފާން ޤާސިމް - އެޑްމިނިސްޓްރޭޓިވް އޮފިސަރު

އަލްފާޟިލް ޝައްފާން ޤާސިމް، މި އޮފީހުގެ އެޑްމިނިސްޓްރޭޓިވް އޮފިސަރެއްގެ ގޮތުގައި މަސައްކަތް ކުރައްވާން ފެއްޓެވީ، 21 ޖޫން 2015 ގައެވެ.

ޝައްފާންގެ މައިގަނޑު މަސްއޫލިއްޔަތަކީ، އޮފީހަށް އަންނަ ލިޔެކިޔުމާއި ތަކެތި ބަލައިގަނެ، އެންޓްރީކޮށް، ހަމަޖެހިފައިވާ އުސޫލުތަކުގެ މަތިން ހަވާލުކުރަންޖެހޭ ފަރާތްތަކަށް ހަވާލުކުރެއްވުމާއި އޮފީހަށް އަންނަ ފޯނުކޯލުތަކަށް ޖަވާބުދިނުމާއި، އޮފީހަށް އެކި ބޭނުންތަކުގައި އަންނަ ފަރާތްތަކަށް ޖަވާބުދާރީވެ މަގުފަހި ކޮށްދެއްވުމާއި، އޮފީހުގެ މުވައްޒަފުންގެ ހާޒިރީ އާއި ސަލާމުގެ ރެކޯޑުތައް ގަވާއިދުން ބެލެހެއްޓެވުމާއި އަދި އޮފީހަށް އަލަށް ނަގާ މުވައްޒިފުން ނެގުމުގެ ކަންތައް ބެލެހެއްޓެވުމެވެ.

މީގެ އިތުރުން ޝައްފާނަކީ، މި އޮފީހުގެ އެޗް.އާރު.ޑީ. ކޮމިޓީގެ މެންބަރެކެވެ.

ޝައްފާން މީގެ ކުރިން ވަނީ، [ފޯރސީޒަން – ކުޑަހުރާ]ގެ  ހިއުމަން ރިސޯސަސް އޮފިސަރެއްގެ ގޮތުން މަސައްކަތް ކުރައްވައިފައެވެ. އަދި ވަތަނިޔާގެ އެޑްމިން އޮފިސަރެއްގެ ގޮތުންނާއި ހިއުމަން ރިސޯސަސް އޮފިސަރެއްގެ ގޮތުން ވެސް މަސައްކަތް ކުރައްވައިފައިވެއެވެ. އަދި ޕްރައިވެޓް ކުންފުންޏެއްކަމުގައިވާ ސްޓްރައިޑް އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑްގައި ވެސް މަސައްކަތްކުރައްވާފައިވެއެވެ. ޝައްފާނަކީ، މަސައްކަތަށް ފަރުވާތެރި ހުނަރުވެރި މުވައްޒަފެކެވެ.

2016 ވަނަ އަހަރު، މި އޮފީހުގެ ހުރިހާ ގޮތަކުން އެންމެ ރަނގަޅު މުވައްޒަފަކަށް ހޮވިފައި ވަނީ ވެސް ޝައްފާން ޤާސިމެވެ.

 

ނަހުޒާ ރަޝީދު - އެޑްމިނިސްޓްރޭޓިވް އޮފިސަރު

އަލްފާޟިލާ ނަހުޒާ ރަޝީދު، މި އޮފީހާ ގުޅިވަޑައިގަތީ، 16 ޑިސެންބަރު 2015 ގައެވެ. ލީގަލް ޔުނިޓުގެ އެޑްމިނިސްޓްރޭޓިވް އޮފިސަރެއްގެ ގޮތުން ނަހުޒާގެ މައިގަނޑު މަސައްކަތަކީ، އޮފީހުގެ އެންމެހައި ކަންކަން ޤާނޫނުގެ އޮނިގަނޑުގެތެރޭގައި ހިފަހައްޓައި ދެމެހެއްޓުމަށް ކުރަންޖެހޭ މަސައްކަތްތަކުގައި އެހީތެރިވެދެއްވުމާއި ހަދަން ޖެހޭ ގަވާއިދުތައް ހެދުމުގައި އެހީތެރިވެދެއްވުމެވެ.

އެޑްވާންސް ސެޓްފިކެޓް އިން ޝަރީޢާ އެންޑް ލޯ ޙާޞިލު ކުރައްވާފައިވާ ނަހުޒާ، އަދި މިހާރު ގެންދަވަނީ ބެޗްލަރ އޮފް ޝަރީޢާ އެންޑް ލޯ ފުރިހަމަ ކުރައްވަމުންނެވެ.

ނަހުޒާ ރަޝީދަކީ، މި އޮފީހުގެ ލީގަލް ކޮމިޓީގެ ސެކްރެޓަރީއެވެ. އަދި ބިޑު ކޮމިޓީގެ މެންބަރެކެވެ. ބިޑް ކޮމިޓީގެ އިދާރީ މަސައްކަތްތައް ބަލަހައްޓަވަނީ ވެސް ނަހުޒާއެވެ.


ޢަބްދުﷲ ޙުމައިދު – ފައިނޭންސް އޮފިސަރ

އަލްފާޟިލް ޢަބްދުﷲ ޙުމައިދު، އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހާ ގުޅިވަޑައިގަތީ، 2016 މޭ 22 ގައެވެ. ޙުމައިދުވަނީ، އެޑްވާންސް ސެޓްފިކެޓް އިން ބިޒިނަސް އެޑްމިނިސްޓްރޭޝަން ފުރިހަމަ ކުރައްވައިފައެވެ. އަދި މިހާރު ގެންދަވަނީ، ބެޗްލާސް އޮފް ބިޒިނަސް އެޑްމިނިސްޓްރޭޝަން ކޯސް ފުރިހަމަކުރައްވަމުންނެވެ.

މި އޮފީހުގެ ފައިނޭންސް އޮފިސަރގެ ހައިސިއްޔަތުން ޙުމައިދުގެ މައިގަނޑު މަސައްކަތަކީ، އޮފީހުން ކުރާ އެންމެހާ ޚަރަދުތައް ބެލެހެއްޓުމާއި އެކިފަރާތްތަކަށް ދައްކަންޖެހޭ ފައިސާ ދެއްކުމުގެ ކަންތައްތައް ބެލެހެއްޓުމެވެ. މީގެ އިތުރުން ޙުމައިދަކީ، މި އޮފީހުގެ ބިޑު ކޮމިޓީގެ މެންބަރެކެވެ.

ޢަބްދުﷲ ޙުމައިދު، މި އޮފީހާ ގުޅިވަޑައިގަތްއިރު ހުންނެވީ، ނޭޝަނަލް ޑްރަގް އޭޖެންސީގެ އެސިސްޓެންޓް އެކައުންޓްސް އޮފިސަރގެ މަގާމުގައެވެ.

2018 ވަނަ އަހަރު، މި އޮފީހުގެ ހާޒިރީއަށް އެންމެ ރަނގަޅު މުވައްޒަފަކަށް އަދި މި އޮފީހުގެ ހުރިހާ ގޮތަކުން އެންމެ ރަނގަޅު މުވައްޒަފަކަށް ވެސް ހޮވިފައި ވަނީ ވެސް ޢަބްދުﷲ ޙުމައިދެވެ.

  

ޢަބްދުﷲ ޙުމައިދު މުޙައްމަދު – ކޮމްޕިއުޓަރ ޓެކްނީޝަން

އަލްފާޟިލް ޢަބްދުﷲ ޙުމައިދު މުޙައްމަދު، އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހާ ގުޅިވަޑައިގަތީ، 2018 އެޕްރީލް 22 ގައެވެ. ޙުމައިދުވަނީ، ބެޗްލަރ އޮފް ސައިންސް އިން މޮބައިލް ކޮމްޕިއުޓިންގ ފުރިހަމަ ކުރައްވައިފައެވެ.

ޙުމައިދު، އައި.ޖީ.އެމް.އެޗާއި އަމިއްލަ ބައެއް ތަންތާނގައާއި މުޅީން އަމިއްލަ ގޮތުންވެސް އައި.ޓީ.އީ.ދާއިރާގައި 5 އަހަރަށް ވުރެ ގިނަ ދުވަހު މަސައްކުރައްވައިފައިވެއެވެ.

މި އޮފީހުގެ ކޮމްޕިއުޓަރ ޓެކްނީޝަންގެ ހައިސިއްޔަތުން ޙުމައިދުގެ މައިގަނޑު މަސައްކަތަކީ، އޮފީސް ހިންގުމަށް ބޭނުންވާ އިންފޮމޭޝަން ޓެކްނޮލޮޖީގެ މަސައްތައް ރާވައި ހިންގުމާއި ދިމާވާ މައްސަލަތައް ހައްލުކޮށް ދެއްވައި ބެލެހެއްޓެވުމެވެ. މީގެ އިތުރުން ޙުމައިދަކީ، މި އޮފީހުގެ ބިޑު ކޮމިޓީގެ މެންބަރެކެވެ.

 

ޢާއިޝަތު މަލްސާ އަޙުސަން - ބިއުރޯ އޮފިސަރު

އަލްފާޟިލާ ޢާއިޝަތު މަލްސާ އަޙުސަން މި އޮފީހާ ގުޅިވަޑައިގަތީ، 14 އޮގަސްޓު 2017 ގައެވެ. މަލްސާއަކީ ޝަރީޢަތާއި ޤާނޫނުން ޑިޕްލޮމާ ޙާޞިލު ކުރައްވައިފައިވާ  ބޭފުޅެކެވެ. މަލްސާ، މިހާރު ގެންދަވަނީ އެ ދާއިރާއިން ބެޗަލަރސް އޮފް ޝަރީޢާ އެންޑް ލޯ (އޮނާރސް) ފުރިހަމަކުރައްވަމުންނެވެ. މަލްސާ މީގެ ކުރީން ވަނީ އިލެކްޝަންސް ކޮމިޝަންގެ އޮފިސަރެއްގެ މަޤާމު އަދާކުރައްވައިފައެވެ. އަދި ޖަމާލުއްދީން ސްކޫލުގެ އެސިސްޓެންޓެއްގެ މަޤާމު ވެސް އަދާކުރައްވައިފައިވެއެވެ.

ޢާއިޝަތު މަލްސާ އަޙްސަންގެ މައިގަނޑު މަސްއޫލިއްޔަތަކީ، އިންފޮމޭޝަން ކޮމިޝަނަރުގެ އިދާރީ މަސައްކަތްކުރެއްވުމާއި، ކޮމިޝަނަރު ބައިވެރިވެވަޑައިގަންނަވާ ޖަލްސާތަކާއި ބައްދަލުވުންތަކާއި ޙަފުލާތަކުގެ ޕްރޮޓޮކޯލް ކަންތައް ވިލަރެސްކޮށް އިންތިޒާމްތައް ހަމަޖެއްސެވުމާއި އަދި ކޮމިޝަނަރުގެ ރަސްމީ އެންމެހާ ކަންކަމުގައި އެހީތެރިވެދެއްވުމެވެ.

 

ޢަބްދުﷲ ރަޝީދު – އެސިސްޓެންޓް ޕްރޮގްރާމް އޮފިސަރ

އަލްފާޟިލް ޢަބްދުﷲ ރަޝީދު، އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހާ ގުޅިވަޑައިގަތީ، 2018 އެޕްރީލް 15 ގައެވެ. ޢަބްދުﷲ ވަނީ، ސެޓްފިކެޓް II އިން އިންފޮމޭޝަން ޓެކްނޮލޮޖީ ފުރިހަމަ ކުރައްވައިފައެވެ.

އެސިސްޓެންޓް ޕްރޮގްރާމް އޮފިސަރގެ ހައިސިއްޔަތުން ޢަބްދުﷲގެ މައިގަނޑު މަސައްކަތަކީ، އޮފީހުން ބާއްވާ ޓްރޭނިންގތަކާއި ވޯކްޝޮޕްތަކާއި ކޮންފަރެންސްތައް ރާވާ ހިންގުމުގައި އެހީތެރިވެދެއްވުމެވެ.

ޢަބްދުﷲ ، މި އޮފީހާ ގުޅިވަޑައިގަތްއިރު ހުންނެވީ، ތ.ދިޔަމިގިލީ ސްކޫލްގެ އެސިސްޓެންޓް ލައިބްރޭރިއަންގެ މަގާމުގައެވެ.

 

ފާޠިމަތު ނަފްޙާ ނަޢީމް – އެސިސްޓެންޓް ބިއުރޯ އޮފިސަރ

އަލްފާޟިލާ ފާޠިމަތު ނަފްޙާ ނަޢީމް، އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހާ ގުޅިވަޑައިގަތީ، 2018 ނޮވެންބަރު 1 ގައެވެ.

ނަފްޙާ މިހާރު ގެންދަވަނީ، ބެޗްލާރސް އޮފް ބިޒްނަސް މެނޭޖްމަންޓް އެންޑް މާކެޓިންގ ކޯސް ފުރިހަމަ ކުރައްވަމުންނެވެ.

މި އޮފީހުގެ އެސިސްޓެންޓް ބިއުރޯ އޮފިސަރގެ ހައިސިއްޔަތުން ނަފްޙާގެ މައިގަނޑު މަސައްކަތަކީ، ކޮމިޝަނަރަށް ބޭނުންވާ އިދާރީ މަސައްކަތްތައް ރާވައި ހިންގުމާއި ކޮމިޝަނަރު ބައިވެރިވެޑައިގަންނަވާ ބައްދަލުވުންތަކުގެ ޕްރޮޓޯލްކަންތައް ވިލަރެސްކޮށް ބެލެހެއްޓެވުމެވެ. 

ނަފްޙާ، މި އޮފީހާ ގުޅިވަޑައިގަތްއިރު ހުންނެވީ، ދިވެހިރާއްޖޭގެ ގުޅުން (ދިރާގު) ގެ އެޕްރެޓިސް މާކެޓިންގގެ މަގާމުގައެވެ.

 

ޚަދީޖާ މުޙައްމަދު - މެސެންޖަރ

އަލްފާޟިލާ ޚަދީޖާ މުޙައްމަދު، މެސެންޖަރެއްގެ ގޮތުން މި އޮފީހުގައި މަސައްކަތް ކުރައްވަން ފެއްޓެވީ، 5 ފެބުރުވަރީ 2017 ގައެވެ. ޚަދީޖާގެ މައިގަނޑު މަސައްކަތަކީ، އޮފީހުގެ ފަރާތުން އެކިފަރާތްތަކަށް ރައްދުކުރަންޖެހޭ ސިޓީއާއި އެހެނިހެން ތަކެތި ރައްދުކޮށް ދެއްވުމާއި އޮފީހަށް ބޭނުންވާ ތަކެތި ހޯދުމުގައި ކަމާބެހޭ މުވައްޒިފުންނަށް އެހީތެރިވެދެއްވުމާއި ޖަލްސާތަކާއި ބައްދަލުވުންތައް އިންތިޒާމު ކުރުމުގައި އެހީތެރިވެދެއްވުމެވެ.

ޚަދީޖާ މީގެ ކުރިންވަނީ، އަމީނިއްޔާ ސްކޫލާއި ޣިޔާސުއްދީން ސްކޫލާއި މޯލްޑިވްސް ކޮލެޖް އޮފް ހަޔަރ އެޑިޔުކޭޝަނާއި ނޭޝަނަލް ޑްރަގް އެޖެންސީގައި މަސައްކަތް ކުރައްވައިފައެވެ.

 

ޢާއިޝަތު ޙަލީމް - ޢާމިލު

އަލްފާޟިލާ ޢާއިޝަތު ޙަލީމް، މި އޮފީހުގެ ޢާމިލެއްގެ ޙައިސިއްޔަތުން ޚިދުމަތް ކުރައްވަން ފެއްޓެވީ، 3 ސެޕްޓެމްބަރު 2014 ގައެވެ. ޢާއިޝަތުގެ މައިގަނޑު މަސައްކަތަކީ، އޮފީސް އިމާރާތާއި ތަކެތީގެ ސާފުތާހިރުކަން ބެލެހެއްޓެވުމާއި އެކި އޮފީސްތަކަށް ފޮނުވަންޖެހޭ ތަކެތި ޙަވާލުކުރުމުގައި އެހީތެރި ވެދެއްވުމެވެ.  އަދި އޮފީހުން ހިންގާ ތަމްރީނުތަކާއި މަސައްކަތު ބައްދަލުވުންތަކުގެ އިންތިޒާމުތައް ހަމަޖެއްސެވުމުގައި އެހީތެރިވެދެއްވުމެވެ.

މީގެ އިތުރުންވެސް ޢާއިޝަތަކީ، އޮފީހުގެ އިދާރީ މަސައްކަތްތަކުގައި ވެސް އެހީތެރިކަން ފޯރުކޮށްދެއްވާ ބޭފުޅެކެވެ.

 

އާމިނަތު ސަވްލަތު - ޢާމިލު

އަލްފާޟިލާ އާމިނަތު ސަވްލަތު މި އޮފީހުގެ ޢާމިލެއްގެ ޙައިސިއްޔަތުން ޚިދުމަތް ކުރައްވަން ފެއްޓެވީ، 17 ނޮވެންބަރު 2015 ގައެވެ. ސަވްލަތުގެ  މައިގަނޑު މަސައްކަތަކީ، އޮފީސް އިމާރާތާއި ތަކެތީގެ ސާފުތާހިރުކަން ބެލެހެއްޓެވުމާއި އެކި އޮފީސްތަކަށް ފޮނުވަންޖެހޭ ތަކެތި ޙަވާލުކުރުމުގައި އެހީތެރި ވެދެއްވުމެވެ.  އަދި އޮފީހުން ހިންގާ ތަމްރީނުތަކާއި މަސައްކަތު ބައްދަލުވުންތަކުގެ އިންތިޒާމުތައް ހަމަޖެއްސެވުމުގައި އެހީތެރިވެދެއްވުމެވެ.

ސަވްލަތު މީގެ ކުރިން ބްރިޖް ލިޓްލް ލާނާސް ޕްރީސްކޫލްގެ މަސައްކަތު މީހެއްގެ ވަޒީފާ އަދާކުރައްވާފައިވެއެވެ.