އިންފޮމޭޝަން ކޮމިޝަނަރު

އިންފޮމޭޝަން ކޮމިޝަނަރު  - ޢަބްދުލްޢަޒީޒް ޖަމާލް އަބޫބަކުުރު، މާޒީ/ލ. މާވަށް

22 ޖުލައި 2014 ގައި އަލްއުސްތާޛު ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު ދިވެހިރާއްޖޭ ފުރަތަމަ އިންފޮމޭޝަން ކޮމިޝަނަރުގެ ގޮތުގައި ހަމަޖެހުނެވެ. އިންފޮމޭޝަން ކޮމިޝަނަރުގެ މަޤާމަށް އޭނާ ޢައްޔަނުކުރެއްވީ ރައްޔިތުންގެ މަޖިލީހުގެ ރުހުމާއެކު، ރާއްޖޭގެ ޢިއްޒަތެރި ރައީސުލްޖުމްހޫރިއްޔާ އަލްފާޟިލް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމެވެ. އިންފޮމޭޝަން ކޮމިޝަނަރަކީ ޤާނޫނު ނަންބަރު 1/2014 (މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނު) ން މަތިކޮށްފައިވާ ޒިންމާތަކާއި، ކަމާ ބެހޭ އެހެނިހެން ޤާނޫނުތަކާއި ގަވާއިދުތަކުގެ ދަށުން އުފުލަން ޖެހޭ ޒިންމާތަކުގެ ބޭނުމަށް ސީދާ ރައްޔިތުންގެ މަޖިލީހަށް ޖަވާބުދާރީ ވާންޖެހޭ މިނިވަން ޚާދިމެކެވެ. 
އަލްއުސްތާޛު ޢަބްދުލްޢަޒީޒު ޖަމާލު ޚިދުމަތް ފެށިގެން އައީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހިންގެވި މޯސްކޯޑް ކޯހެއް ފުރިހަމަކުރައްވައި، ލ. އަތޮޅު އޮފީހުގެ (ހައްދުންމަތީ އަތޮޅު އޮފީހުގެ) "ވަޔަރލެސް އޮޕަރޭޓަރ" އެއްގެ ވަޒީފާ އަދާކުރައްވަން ފެއްޓެވި ހިސާބުންނެވެ. އޭގެ ފަހުން ވޭތުވެދިޔަ ދުވަސްތަކުގައި އެ މަނިކުފާނު އަދާކުރެއްވި މަޤާމުތަކުގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ މާވަށު ދާއިރާގެ މެންބަރުކަމާއި، އިލެކްޝަން ކޮމިޝަންގެ ޑިރެކްޓަރ ކަމާއި، މިނިސްޓްރީ އޮފް އެޑިއުކޭޝަންގެ ޑެޕިއުޓީ ޑިރެކްޓަރު ކަމާއި، މިނިސްޓްރީ އޮފް އެޓޮލްސް ޑިވެލޮޕްމެންޓްގެ ޑެޕިއުޓީ ޑިރެކްޓަރ ކަމާއި، ދިވެހި ރާއްޖޭގެ އެކި އެކި މަދަރުސާތަކުގެ ހެޑްމާސްޓަރކަމާއި އެސިސްޓެންޓް ޕްރިންސިޕަލްކަން (ސްކޫލްގެ އެންމެ އިސް ވެރިޔާގެ ހައިސިއްޔަތުން) ހިމެނެއެވެ.
މީގެ އިތުރުން އެ މަނިކުފާނަކީ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ކައުންސިލް މެންބަރެއް ވެސް މެއެވެ. މިހާރުވެސް ދިވެހިރާޢްޖޭގެ ޤައުމީ ޔުނިވަރސިޓީގެ (އެމް.އެން.ޔޫގެ) "ދަސްވެނީންގެ ގުޅުމުގެ" ރައީސެވެ. އަދި "ލިޔުންތެރީންގެ ގުޅުމުގެ" ނައިބު ރައީސް ކަން ކުރެއްވުމުގެ އިތުރުން ރާއްޖޭގެ ނަންހިނގާ ގިނަ ނޫސް މަޖައްލާތަކެއްގެ "އެޑިޓޯރިއަލް މެންބަރު" ކަމާއި އިސް ލިޔުންތެރިއެއްގެ ގޮތުގައި ވެސް ކުރީން މަސައްކަތްކުރައްވައިފައިވާ ބޭފުޅެކެވެ. 
އަލްއުސްތާޛު ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު މަތީ ތަޢުލީމު ޙާޞިލްކުރެއްވީ "ޓީޗަރ އެޑިއުކޭޝަން" އާއި ސްކޫލް ހިންގުމުގެ ދާއިރާއިންނާއި ޖަމާޢަތުގެ ތަޢުލީމުގެ ދާއިރާއިން މެލޭޝިއާގެ "އިންސްޓިޓިޔުޓް ބަހާސާ" އާއި "އިންސްޓިޓިޔުޓް އަމީނުއްދީން ބާޤީ" އާއި "ޔުނިވަރސިޓީ ޕަރުތާނިއަން މެލޭޝިއާ" ގައެވެ. އަދި ޗައިލްޑް ފްރެންޑްލީ ޓީޗިންގ އާއި ސުޕަރވިޜަން ކޯހެއް ބަންގްލާދޭޝްގައި އޭނާ ވަނީ ފުރިހަމަކުރައްވައިފައެވެ. މީގެ އިތުރުން އަދަބިއްޔާތުގެ ދާއިރާއިން ތަމްރީނު ޕްރޮގްރާމެއް ޖަޕާނުގައި ފުރިހަމަކުރެއްވުމަށް ފަހު ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީން ދިވެހި ބަހުގެ ޑިގްރީ ކޯސް ފުރިހަމަ ކުރެއްވިއެވެ. އަދި އެމަނިކުފާނު ވަނީ އިސްލާމީ ޝަރީޢާގެ ރޮނގުން ޑިޕްލޮމާއާއި މާސްޓަރސް ޑިގްރީ ފުރިހަމަކުރައްވައިފައެވެ. އަދި ޝަރީޢާތާއި ޤާނޫނުގެ ރޮނގުން ބެޗްލާރސް ޑިގްރީ ފުރިހަމަކުރައްވައިފައެވެ. މީގެ އިތުރުން ރާއްޖެއާއި ރާއްޖެއިން ބޭރުގެ އެކި ތަމްރީނުދޭ މަރުކަޒުތަކުން، އެކި ދާއިރާތަކުގެ އެތައް ތަމްރީން ޕްރޮގްރާމްތަކެއް އެމަނިކުފާނު ވަނީ ފުރިހަމަ ކުރައްވައިފައެވެ.
އެ މަނިކުފާނު އެންމެ ކުރައްވާ ހިތްޕުޅުވާ ކަންތައްތަކުގެ ތެރޭގައި ލިޔުއްވުމާއި ރަޙްމަތްތެރިކަން ބަދަހި ކުރެއްވުމާއި، އެކި ކަހަލަ ސަޤާފަތްތަކުގެ މަޢުލޫމާތު ހޯއްދަވައި ތަޖުރިބާކުރެއްވުން ހިމެނެއެވެ. އެ މަނިކުފާނަކީ ދިވެހިރާއްޖޭގައި ނަންހުރި ލިޔުން ތެރިއެއްގެ އިތުރުން، އަދީބެއް އަދި ޝާއިރެއްވެސް މެއެވެ. މީގެ އިތުރުން އެއީ ޝަރުޢީ ކޯޓުތަކުގައި ވަކާލާތުކުރެއްވުމުގެ ހުއްދަ އޮތް ޤާނޫނީ ވަކީލެކެވެ. އަދި މާލޭ މިސްކިތްތަކުގައި ޤަވާޢިދުން އިމާމުވެ ހުކުރުނަމާދާއި ޢީދު ނަމާދުކުރައްވާ ޚަޠީބެކެވެ.

އަލްއުސްތާޛު ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު ދިވެހި އަދަބިއްޔާތާއި ދިވެހިބަސް ކުރިއެރުވުމަށް ކުރެއްވެވި އަގުހުރި މަސައްކަތްޕުގެ ސަބަބުން އެ މަނިކުފާނަށް ވަނީ ދިވެހި ބަހާއި އަދަބިއްޔާތާއި ތާރީޚަށް ޚިދުމަތްކުރުމުގެ ރޮނގުން އިހައްދުންމަތީ ޝަރަފުގެ އެވޯޑާއި ދިވެހިބަހަށް ޚިދުމަތްކުރުމުގެ ރޮނގުން، ޢާއްމު ޚިދުމަތަށް ހިތްވަރުދިނުމުގެ ޤައުމީ އިނާމު ވެސް ލިބިވަޑައިގެންފައެވެ..