"ހަމަ ކަށަވަރުން ބައެއް ހީއަކީ ފާފައެކެވެ."

ސްޓަޑީސް
ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު
04 އޮކްޓޯބަރު 2018

މުއުމިނުންނާ މުޚާޠަބުކުރައްވައި ގިނަ އަމުރުފުޅުތަކެއް ކީރިތި ޤުރުއާނުގައިވާނީ މާތް ﷲ ވަނީ ބާވައިލައްވައިފައެވެ. މިފަދަ އަމުރުފުޅުތަކަކީ ކޮންމެ މުއުމިނަކުމެ އެ އަމުރުފުޅަކަށް ފުރިހަމައަށް ތާބާވާންޖެހޭ އެއްޗެއް ކަމާމެދަކު ޝައްކެއް ނެތެވެ. މި ފަދަ ގިނަ އަމުރުފުޅުތަކަކީ އިޖުތިމާޢީ ހަމަޖެހުމާއި އަޅުގަނޑުމެންގެ އުފާ ފާގަތި ކަމަށްޓަކައި ކުރައްވައިފައިވާ އަމުރުފުޅުތަކެކެވެ.

ކޮންމެ ފަދަ އަމުރުފުޅެއް ﷲ ކުރައްވައިފައި އޮތަސް އެ އަމުރުފުޅަކަށް ތަބާވުމަކީ ވާޖިބެކެވެ. ވާޖިބެއް އަދާކުރުމުން ލިބޭނީ ސަވާބެވެ. އެފަދަ އަމުރުފުޅުތަކަށް ފަރުވާ ކުޑަކޮށް ނުވަތަ ތަބާނުވެއްޖެ ނަމަ އެއީ ފާފައެކެވެ. އެޔަށް ލިބޭނީ ޢުޤޫބާތެވެ. ޢަޛާބެވެ. މިއީ ކޮންމެ މުސްލިމެއްގެ ހިތުގައި އަބަދު ވެސް ހަރުލައްވަންޖެހޭ މުހިއްމު ޙަޤީޤަތްތަކެކެވެ.

މި ފަދަ ގިނަ އަމުރުފުޅުތަކެއް ކީރިތި ޤުރުއާނުގެ ޙުޖުރާތު ސޫރަތުގައި މާތް ﷲ ވަނީ ބާވައިލައްވައިފައެވެ. އެ ސުރަތުގެ 12 ވަނަ އާޔަތުގެ މާނައިގައިވެއެވެ. "ތިޔަބައިމީހުން ހީގެ ތެރެއިން ގިނަ ކަންތައްތަކާ ދުރުވެގަންނާށެވެ. ހަމަ ކަށަވަރުން ބައެއް ހީއަކީ ފާފައެކެވެ." މިއީ ވަރަށް ގިނަ މީހުންގެ ހަނދާނުގައި ނުހންނަ އަމުރުފުޅެއް ފަދައެވެ. ހީގެ މައްޗަށް ވާހަކަތައް ހަދައިލައިގެން މީސްމީޑިއާގައި ފަތުރައިލާ އިރު، މިއިން ކޮންމެ ޢަމަލަކީ ބަރާބަރަށް ލިޔެވި ރެކޯޑްކުރެވޭ ޢަމަލެއްކަމެއް ގިނަ މީހުން ހަނދާނެއް ނުހުރެއެވެ. އަދި މިއިން ކޮންމެ ޢަމަލަކީ އެޔާމެދު ތިމާއާ ސުވާލުކުރެވި ޖަވާބުދާރީ ވާންޖެހޭނެ ޢަމަލެއްކަމެއް ނުދަނެތެވެ. މި ކަންކަން ނުކުރަން މާތް ﷲ އަންގަވައިފައިވަނީ އަޅުގަނޑުމެން އަދަބުވެރިކުރުއްވައި މުޖުތަމަޢު އުފާފާގަތި ކަމުގެ ވެއްޓަކަށް ހެއްދެވުމަށްޓަކައެވެ. ކުރުކޮށް ދަންނަވާނަމަ އަޅުގަނޑުމެންގެ ލާބައާއި މަންފާއަށްޓަކައެވެ.

މި ދިޔަ މަހު 28 ވަނަ ދުވަހަކީ "މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ބައިނަލްއަޤުވާމީ ދުވަހެވެ." މި ދުވަސް ދިވެހިރާއްޖޭގައި ފާހަގަކުރަމުން އަންނަތާ ދެތިން ހަތަރު އަހަރެއް ވެއްޖެއެވެ. އެ ދުވަހުގެ މުނާސަބަތުގައި ޓީވީ ޚިޠާބެއް ދިނުމަކީ އިންފޮމޭޝަން ކޮމިޝަނަރުގެ ހައިސިއްޔަތުން ކޮންމެ އަހަރަކު ވެސް އަޅުގަނޑު ކުރާ ކަމެކެވެ. މި ޚިޠާބު ދުރަށް ދައްކަނީ ހަމައެކަނި ދައުލަތުގެ މީޑީއާއިންނެވެ. ޓީވީއެމުންނެވެ. ރާއްޖޭގެ މީޑިއަމްތަކުގެ ނުވަތަ ޓީވީތަކުގެ ފަލްސަފާތައް ހުންނަ ގޮތުން އެކި ޓީވީތައް އަޑުއަހަނީ، ވަކި ޖަމާޢަތެކެވެ. ނުވަތަ އޯޑިއެންސެކެވެ. މިސާލަކަށް ދައުލަތުގެ ޓީވީ ނުބަލާ ބަޔަކު ވެސް އުޅެފާނެއެވެ. އެހެންވީމާ އަޅުގަނޑުމެންގެ އޮފީހުން ކުރާ ކަމެއް ޓީވީއެމް ނުބައްލަވާ ބޭފުޅުންނަށް އެނގިވަޑައިނުގެންފާނެއެވެ. ވީމާ ޓީވީއެމް ނުބައްލަވައި ހަމައެކަނި ހިންދީ ޑްރާމާތައް ނުވަތަ އިނގިރޭސި ސީރީސް އެކަނި ބައްލަވާ ބޭފުޅުންނަށް މިއޮއްހާ ދުވަހު، ކޮންމެ އަހަރަކު މި ދުވަސް ފާހަގަކުރާކަމެއް، އެ ދުވަހުގެ މުނާސަބަތުގައި އަޅުގަނޑު ޓީވީ ޚިޠާބެއް ދޭކަމެއް އެނގިވަޑައިނުގެންފާނެއެވެ. މި ދެންނެވި ފަދަ ބޭފުޅުންގެ ތެރޭގައި، މި ކަންކަން ދެނެވަޑައިނުގަންނަވާ ބޭފުޅުން ތިއްބެވުމަކީ ހަމަ ވަރަށް ޖާއިޒުކަމެކެވެ. ބަޔަކު ކަމެއް ކުރާކަން އެހެން ބަޔަކަށް ނޭނގުމަކީ އެކަމެއް ނުކުރާ ކަމަށް ހެދޭނެ ސަބަބެއް ނޫނެވެ.

މިއަހަރުގެ ޚިޠާބު ދިން ދުވަސްވަރަކީ ކޮންމެވެސް ސަބަބަކާ ހުރެ ނަމަވެސް ކުރިން ޓީވީއެމް ނުބައްލަވާ ކޮންމެވެސް ބޭފުޅުންކޮޅެއް، ހިންދީ ޑްރާމާއާއި އިނގިރޭސި ސީރީސްތައް ފިޔަވައި، އެ ޓީވީ ބައްލަވަން ފެއްޓެވި ދުވަސްކޮޅެއްކަމަށް ވީވެސް ތޯއްޗެކެވެ. މި ފަދަ ބޭފުޅުންނަށް، އަޅުގަނޑުގެ ޚިޠާބެއް ޓީވީއެމުން އިވިވަޑައިގަންނަވާނީ އަލަށް ނޫންތޯއެވެ؟ މި ފަދަ ބޭފުޅުންނަށް މިކަންވީ ވަރަށް އާ ކަމަކަށެވެ.  އެހެންވެ މި ދުވަސް އަޅުގަނޑުމެން މި ފާހަގަކުރަނީ ފުރަތަމަ ފަހަރަށް (އަލަށް) ކަމަށް "ހީފުޅުކުރެއްވުނީއެވެ." އިސްވެ ދެންނެވި އާޔަތުގައި ވާފަދަ ކުށް ހީއެއް ކުރައްވައިގެން މީގެ ކުރިން އެ ފަދަ ޚިޠާބެއް އަޅުގަނޑު ނުދޭކަމަށް ނިންމެވީއެވެ.

އަދި މިވަރުން ފުދުނީކީ ނޫނެވެ. ހިތްޕުޅަށް އެރިހާ އެއްޗެއް މީސްމީޑިއާގައި ޢާއްމުވެސް ކުރެއްވީއެވެ. އެ ހިސާބުން އަނެއްކާ ﷲގެ އިތުރު އަމުރުފުޅަކާ ޚިލާފުވެވަޑައިގެނެވެނީއެވެ. ޙުޖުރާތު ސޫރަތުގެ 11 ވަނަ އާޔަތުގައި އެއް ބަޔަކު އަނެއް ބަޔަކަށް ފުރައްސާރަ ނުކުރަން މާތް ﷲ އަންގަވައިފައިވާ އަމުރުފުޅާ ޚިލާފުވެވަޑައިގެންނެވުނީއެވެ. އަދި ހަމަ އެ ސޫރަތުގެ 12 ވަނަ އާޔަތުގައި "އެއްބަޔަކު އަނެއް ބަޔަކަށް ޣީބަ ނުބުނާށޭ" އޮތް ބަސްފުޅާ ވެސް ޚިލާފު ވެވަޑައިގެނެވުނީއެވެ.

ދެން އަދި އެހެން ކަމެކެވެ. މި ފަދަ ހަގީގަތާ ޚިލާފު މެސެޖްތައް މީސްމީޑިއާގައި އެއް ބަޔަކު އަނެއް ބަޔަކާ ޙިއްސާ (ޝެއަރ) ވެސް ކުރެއްވުނީއެވެ. އަނެއްކާ ﷲގެ އަނެއް އަމުރުފުޅަކާ ޚިލާފުވެވުނީއެވެ. ޙުޖުރާތު ސޫރަތުގެ 6 ވަނަ އާޔަތުގައި މާތް ﷲ އަންގަވައިފައިވަނީ "އޭގެ ތެދު ދޮގު ބަލައި ޙަޤީޤަތް ހޯދުމަށެވެ." އެކަމަކު އެކަން ނުކޮށް އަޅުގަނޑުމެންނަށް ފެންނަ ކޮންމެ އެއްޗެއް އިވޭ ކޮންމެ އަޑެއް ފަތުރައިލެވެނީއެވެ.

ކަމެއް ކުރާށޭ ނުވަތަ ނުކުރާށޭ މާތް ﷲ އަންގަވައިފައިވާ ކޮންމެ އަމުރުފުޅަކީ އެ އަމުރުފުޅަކަށް އަޅުގަނޑުމެން ބޯލެނބުން ވާޖިބު އަމުރުފުޅެކެވެ. އަދި އެ އަމުރުފުޅަކަށް ތަބާވެއްޖެ ނަމަ، އަޅުގަނޑުމެންނަށް އެތައް ސަވާބަކާއި ފައިދާއެއް ދަރުމަކުރައްވައިފައިވާ އަމުރުފުޅުތަކެވެ. އެ އަމުރުފުޅުތަކާ ޚިލާފުވެއްޖެ ނަމަ މީގެ އަނެއް ކޮޅުވެސް އެބަ އޮތްކަން ހަނދާންކުރަން އެބަޖެހެއެވެ.

އިންޓަރނެޓާއި މީސްމީޑިއާއި މި ޒަމާނުގެ ޓެކްނޯލެޖީގެ އެންމެހައި ވަސީލަތްތަކަކީ މާތް ﷲ އަޅުގަނޑުމެންނަށް ދެއްވައިފައިވާ ވަރަށް މަތިވެރި ނިޢުމަތްތަކެކެވެ. އެ ނިޢުމަތްތަކަށް ޝުކުރުވެރިވުމަކީ އަޅުގަނޑުމެންނަށް ވާޖިބުކަމެކެވެ. އެ ފަދަ ނިޢުމަތްތަކަށް ޝުކުރުވެރިވުމަކީ އެ ނިޢުމަތްތަކުގެ ބޭނުން ހެޔޮ ގޮތުގައި (ފައިދާ ހުރި މަގުގައި) ބޭނުން ހިފައި ﷲ އެންގެވި ގޮތަށް ޢަމަލުކުރުމެވެ. ސިއްރާއި ފާޅުގައި ﷲ އަށް ކިޔަމަންތެރިކަން އަދާކުރުމެވެ. ތަޤުވާވެރިވުމެވެ.

ނިޢުމަތަށް ޝުކުރުވެރިވުމާއި ނުވުމުގެ ނަތީޖާ ވަރަށް ބަލާޣާތްތެރި ޢިބާރާތަކުން ކީތިރި ޤުރުއާނުގެ އިބްރާހީމް ސޫރަތުގެ 7 ވަނަ އާޔަތުގައި މާތް ﷲ ވަނީ ބަޔާންކުރައްވައިފައެވެ. އެ އާޔަތުގެ މާނައިގައިވެއެވެ. "ތިޔަބައިމީހުން ޝުކުރުކޮށްފި ނަމަ، ހަމަކަށަވަރުން ތިމަން ރަސްކަލާނގެ ތިޔަބައިމީހުންނަށް (ނިޠުމަތް) އިތުރުކޮށްދެއްވާހުށީމެވެ. އަދި ތިޔަބައިމީހުން (ޝުކުރު ނުކޮށް) ކާފިރުވެއްޖެ ނަމަ (ދަންނާށެވެ!) ހަމަކަށަވަރުން ތިމަން ރަސްކަލާނގެ ޢަޛާބު ގަދަފަދަވެގެންވެއެވެ."

ވީމާ، މާތް ﷲ ދެއްވައިފައި މިވާ މަތިވެރި ނިޢުމަތްތަކާމެދު ހަރާންކޯރު ނުވެ، އެފަދަ ނިޢުމަތްތަކަށް ޝުކުރުކުރާ ބަޔަކަށް އަޅުގަނޑުމެންވާން އެބަޖެހެއެވެ. ކަންކަމުގެ މަޢުލޫމާތު ފަތުރައިލުމުގެ ކުރިން އެކަމުގެ ހަގީގަތް ހޯދައި، ﷲ ގެ އަމުރުފުޅުތަކަށް ފުރިހަމަޔަށް ބޯ ލަބާ ބަޔަކަށް ވާންއެބަޖެހެއެވެ. ﷲގެ އެއްވެސް އަމުރުފުޅަކާ ޚިލާފުވުމަކީ ވަރަށް ނުރައްކާތެރިކަމެކެވެ.

ހީގެ މައްޗަށް ބިނާކޮށް ޚަބަރު ފެތުރުމަކީ ކުރުން ހެޔޮވާވަރުގެ ކަމެއް ނޫނެވެ. ކަންކަމުގެ ތެދު ދޮގު ބަލައި ހަގީގަތް އޮޅުންފިލުވުމަކީ މިއަދު އިނގިލިކުރިން ވެސް ކޮށްލެވެން އޮތް ކަމެކެވެ. ވީމާ އެ ހިތްވަރު އަޅުގަނޑުމެން ލިބިގަންނަން އެބަޖެހެއެވެ.

ހީގެ މައްޗަށް ކަންކަން ނިންމާ ނަމަ، ބަޔަކު އެކަމަށް ސަނާ ކިޔަސް ކަންކަމުގެ ހަގީގަތާމެދު ވިސްނައި ފިކުރު ކުރާ މީހުންގެ މަލާމާތް ވެސް ރައްދުވާނެއެވެ. މީގެ އިތުރަށް އެއްވެސް، ކަމަކާ ނުލައި އަޅުގަނޑުމެންގެ ޢަމަލުތަކުގެ ފަތަށް ފާފަ އިތުރުވަމުންދާނެއެވެ. "ހަމަ ކަށަވަރުން ބައެއް ހީއަކީ ފާފައެކެވެ."

ވީމާ މި ކަންކަމާމެދު ވިސްނާކަށް ނުވޭތޯއެވެ! ހަމަކަށަވަރުން ކޮންމެ މީހަކީ ވެސް މަރުވާނޭ މީހެއްކަން އެއީ ދުނިޔެ ދައްކާ ޙަޤީޤަތެކެވެ.