ޝޯކޯ ނޯޑާގެ ޒިޔާރަތަކީ ތާރީޚީ ޒިޔާރަތެކެވެ.

ބްލޮގް
ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު
03 ފެބުރުވަރީ 2016

 

2016 ފެބްރުއަރީ 2 ވަނަ ދުވަހަކީ އކއ ގެ ތާރީޚުގައި ފާހަގަކޮށްލެވޭ ދުވަހެކެވެ. އެއީ ބައިނަލްއަޤްވާމީ މަތީ ފެންވަރުގެ ވެރިޔަކު އކއ އަށް ފުރަތަމަ ޒިޔާރަތްކުރެއްވި ތާރީޚަކީ އެއީ ކަމަށްވާތީއެވެ. އެކުވެރި ދައުލަތްތަކުގެ ޖަމުޢިއްޔާގެ އިސް ދެ މާޤާމެއް ފުރުއްވާ އިސް ބޭފުޅަކު އކއ އަށް ޒިޔާރާތްކުރެއްވުން އަޅުގަނޑުމެން ފާހަގަކުރަނީ މުހިއްމު ކަމެއްގެ ގޮތުގައެވެ. އދ. ގެ ފަރާތުން ރާއްޖޭގައި ވަޒަންވެރިވެ ހުންނަވާ ދާއިމީ ވިލަރެސްވެރިޔާގެ މަޤާމާއި އދ. ގެ ތަރައްޤީގެ ޕްރޮގްރާމް (ޔޫއެންޑީޕީ)ގެ ދާއިމީ މަންދޫބުގެ މަޤާމު ފުރުއްވަމުންގެންދަވާ އަލްފާޟިލާ ޝޯކޯ ނޯޑާ އކއ އަށް އިއްޔެ ޒިޔާރާތްކުރެއްވީ އިންފޮމޭޝަން ކޮމިޝަނަރުގެ ދަޢުވަތަކަށެވެ.

ވޭތުވެ ދިޔަ ކުރު މުއްދަތުގައި ޔޫއެންޑީޕީ އާ އެކީގައި ވަރަށް ގާތް ގުޅުމެއް ވަނީ އކއ އަށް ޤާއިމުކުރެވިފައެވެ. މި ގުޅުމުގެ ނަތީޖާއެއްގެ ގޮތުން ދެ ފަރާތް ގުޅިގެން ވަރަށް މުހިއްމު މަސައްކަތްތަކެއް ވެސް ވަނީ ކުރެވިފައެވެ. އަދި އެ މަސައްކަތުގެ ކާމިޔާބީ ވެސް އަންނަނީ ފެންނަމުންނެވެ. އކއ ގެ ފަރާތުން ޝޯކޯއަށް ދަޢުވަތު އެރުވީ ޔޫއެންޑީޕީގެ އެހީތެރިކަން ފާހަގަކޮށް ޝުކުރު އަދާކުރުމާއެކު ދެފަރާތުގެ ގުޅުން އިތުރަށް ބަދަހިކުރުމުގެ ގޮތުން މަޝްވަރާކުރުމަށެވެ.

އަލްފާޟިލާ ޝޯކޯ ނޯޑާ ގެ ޒިޔާރަތުގައި ޔޫއެންޑީޕީގެ އިސް ވަފުދެއް ވެސް ބައިވެރިވި އެވެ. އކއ ގައި އޮތް މަޝްވަރާތަކުގައި މި ވަފުތާއެކު އކއ ގެ ފަރާތުން ވެސް އިސްވަފުދެއް ބައިވެރިވިއެވެ.

ދެފަރާތުގެ މެދުގައި ގުޅިގެން ކުރެވުނު މަސައްކަތްތަކުގެ ނަތީޖާއާ މެދު، (1 ގަޑި އަށް ވުރެ ގިނަ ވަގުތު ހޭދަވި) މި ބައްދަލުކޮށްލުމުގައި މަޝްވަރާކޮށް "ޝުކުރިއްޔާ" ބަދަލުކުރެވުނެވެ. އަދި ކުރިމަގުގައި މި ގުޅުން އިތުރަށް ބަދަހިކޮށް ތަރައްޤީގެ މަގުގައި ކުރެވިދާނެ އިތުރު ކަންތައްތަކާ މެދު ވަރަށް އެކުވެރި މާޙައްލެއްގައި މަޝްވަރާކުރެވުނެވެ.

އކއ އުއްމީދުކުރަނީ އަލްފާޟިލާޝޯކޯ ނޯޑާގެ ޒިޔާރަތުގެ ސަބަބުން 2016 ވަނަ އަހަރު ވެސް ފައިދާހުރި މަސައްކަތްތަކެއް ތަރައްޤީގެ މަގުގައި ކުރެވޭނެ ކަމުގައެވެ. ދިވެހި ޤައުމުގެ ތަރައްޤީއަށް ޢާއްމުކޮށް، އަދި ޚާއްޞަކޮށް މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤަށް ރައްޔިތުން ހޭލުންތެރިކުރުމުގެ މަސައްކަތުގައި ޔޫއެންޑީޕީގެ އިޚުލާޞްތެރި އަދި އެހީތެރި ބައިވެރިވުން އކއ އަބަދުވެސް ފާހަގަކުރަނީ ޝުކުރުވެރިކަމާއެކުގައެވެ.