ޚަބަރާއި މަޢުލޫމާތުގެ ތަފާތަކީ ކޮބައިހެއްޔެވެ؟

ބްލޮގް
ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު
05 ސެޕްޓެންބަރު 2015

މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ވާހަކަދައްކަން ފެށުމުގެ ކުރީން މަޢުލޫމާތަކީ ކޮބައިކަން އެބަ އެނގެންޖެހެއެވެ. ޚަބަރާއި މަޢުލޫމާތުގެ ތަފާތު ދެނެގަންނާން އެބަޖެހެއެވެ. ޚަބަރަކީ މަޢުލޫމާތުތޯ ނުވަތަ މަޢުލޫމާތަކީ ޚަބަރުތޯ ސާފުވާން އެބަޖެހެއެވެ.

ޚަބަރަކީ މަޢުލޫމާތު ހެއްޔެވެ؟ މަޢުލޫމާތަކީ ޚަބަރުހެއްޔެވެ؟ މި ދެ ސުވާލުގެ ޖަވާބު ހޯދައިލަމާ ހިންގަވާށެވެ! ފުރަތަމަ ސުވާލުގެ ޖަވާބަކީ "އާނއެކޭ" އެވެ. އެހެންކަމަށް ވާނަމަ ޚަބަރާއި މަޢުލޫމާތަކީ އެކައްޗެއް ކަމަށް ބުނަންވީހެއްޔެވެ؟ ނޫނެކެވެ. އެހެން ބުނެވޭކަށް ނެތެވެ. ސަބަބަކީ ދެ ވަނަ ސުވާލުގެ ޖަވާބަކަށް ވާނީ "ނޫނެކޭ" ކަމަށް ވާތީ އެވެ.

އަޅުގަނޑު ޚަބަރޭ މި ދަންނަވަނީ އިނގިރޭސިބަހުން ކިޔާ ނިއުސް (news) ގެ މާނައިގައެވެ. މި ލަފުޒު އައިސްފައި މިވަނީ new (އައު) މި ލަފުޒުން ކަމަށް ބެލެވެއެވެ. އެހެން ކަމަށްވާއިރު ޚަބަރަކީ ނުވަތަ ނިއުސް އަކީ އާ ކަންތައްތަކެވެ. އާ މަޢުލޫމާތެވެ. އަދި އަނެއް ބަޔަކު ޤަބޫލުކުރާ ގޮތުގައި news (ޚަބަރު) މި އިނގިރޭސި ލަފުޒު ނެގިފައިވަނީ ދުނިޔޭގެ ހަތަރު މިޞްރާބުގެ ފެށޭ އަކުރުންނެވެ. އެއީ north  (އުތުރު) ގެ އެން އަކުރާއި east (އިރު) ގެ އީ އަކުރާއި west (ހުޅަނގު) ގެ ޑަބަލްޔޫ އަކުރާއި south (ދެކުނު) ގެ އެސް އަކުރުންނެވެ. މި ނަޒަރިއްޔާތަށް ބަލާއިރު ވެސް ޚަބަރަކީ ދުނިޔޭގެ ހަތަރު ބިތާ ގުޅިފައިވާ އެއްޗެއްކަން އެބަ ސާބިތުވެއެވެ. ދުނިޔޭގެ 4 ބިތުން ލިބޭ "މަޢުލޫމާތު"ތަކަކީ ޚަބަރެވެ. އެހެންކަމުން ކޮންމެ ޚަބަރަކީ މަޢުލޫމާތެއް ކަމަށް ބެލިދާނެ އެވެ. އެކަމަކު ކޮންމެ މަޢުލޫމާތަކީ ޚަބަރަކަށްނުވާތީ މަޢުލޫމާތާއި ޚަބަރަކީ އެކައްޗަކަށް ނުވާނެ އެވެ.

ފަސޭހަ މިސާލެއް ދަންނަވައިލާނަމެވެ. ކޮންމެ ދިވެއްސަކީ ވެސް އިންސާނެކެވެ. އެކަމަކު ކޮންމެ އިންސާނަކީ ދިވެއްސެއް ނޫނެވެ. މި އުޞޫލުން ކޮންމެ ޚަބަރަކީ މަޢުލޫމާތަކަށް ވިޔަސް ކޮންމެ މަޢުލޫމާތަކީ ޚަބަރަކަށް ނުވަނީ އެވެ. އެހެންވީމާ، ޚަބަރަކީ މަޢުލޫމާތަށް ވުރެ މާ ހަނި މާ ކުޑަ ދާއިރާއެއްކަން އެބަ ސާބިތުވެއެވެ.

ދިވެހިރާއްޖޭގައި ހުރި ފަޅުރަށްތަކުގެ ޢަދަދާއި، ފަތުރުވެރިކަމަށް ދޫކުރެވިފައިވާ ރަށްރަށާއި އެ ރަށްރަށުން މިހާތަނަށް މަސައްކަތް ނުފެށި ވަނީ ކިތައް ރަށް ކަމާއި މި ހުންނަނީ ވެސް ހައްތާ މަޢުލޫމާތެވެ. ޚަބަރެއް ލިޔާއިރު ބޭނުންކުރެވިދާނެ މަޢުލޫމާތެވެ. ނަމަވެސް މިއިން އެއްވެސް މަޢުލޫމާތަކީ ޚަބަރެއް ނޫނެވެ.

މި ދިޔަ 2014 ވަނަ އަހަރު ދިވެހިރާއްޖޭގައި ބޯހިމެނި ކަމަށް "ޚަބަރު"ލިބިފައިވެއެވެ. އެއީ އާބާދީއާ ބެހޭ ގިނަ "މަޢުލޫމާތުތަކެއް" އެއްކުރުމަށްޓަކައި ކުރާ ޤައުމީ މަސައްކަތެކެވެ. މީހުން ތިބި ޢަދަދާއި ޖިންސްގެ ނިސްބަތެވެ. ބިދޭސީންގެ ނިސްބަތާއި އެ މީހުން ނިސްބަތްވާ ޤައުމުތަކެވެ. އެކި މީސްމީހުންގެ ތަޢުލީމީ ފެންވަރާއި އިޤުތިޞާދީ ޙާލަތެވެ. ކާވެނީގެ ތަފުޞީލްތަކެވެ. ޢުމުރެވެ. ޒުވާނުންނާއި ކުޑަކުދީންނާއި މުސްކުޅީންގެ ނިސްބަތެވެ. މިފަދަ ކިތަންމެ ކިތަންމެ މަޢުލޫމާތެއް ބޯހިމެނުމުގައި އެއްކުރާނެއެވެ. އެއީ ޤައުމީ ތަރައްޤީގެ މަޝްރޫޢުތައް ރާވައި ތަންފީޛުކުރުމަށް ވަރަށް މުހިއްމު މަޢުލޫމާތުތަކެކެވެ. މި ހުރިހައި މަޢުލޫމާތަކީ ޚަބަރަކަށް ނުވާނެ އެވެ. ނަމަވެސް ބޯހިމަނަން ފަށައިފި ކަމާއި އެ މަސައްކަތް ކުރިޔަށް ދާ މިންވަރާއި ނިމުނީމާ ނިމުނުކަމާއި މިފަދަ ދުވަހުން ދުވަހަށް ހިންގާ ކަންކަމުގެ މަޢުލޫމާތަކީ ޚަބަރެވެ.

މިއީ، މީހުން ކިޔާ ގޮތުން މަޢުލޫމާތުގެ ޒަމާނެވެ. އެތައްހާސް "ޓަނެއް"ގެ މަޢުލޫމާތު އަޅުގަނޑުމެންނާ ކޮންމެ ދުވަހަކުވެސް "ޙަމަލާދެއެވެ." އިންޓަރނެޓަށް ވަދެ، ގޫގުލް އަތް ފުނާއަޅައިލިޔަސް، ބޭނުން ކޮންމެ މަޢުލޫމާތެއް ފުނިފުންޏަށް އާދެއެވެ. މިއީ ޚަބަރެއް ނޫނެވެ. ހަމަ މަޢުލޫމާތެވެ. ޚަބަރު ކިޔައިލުމަށް އަޅުގަނޑުމެން ޒިޔާރާތްކޮށްލަނީ "ސަން" އާއި "ހަވީރު" ފަދަ، "މިއަދު" އާއި "ވަގުތު"ފަދަ، "ސީއެންއެން" އާއި "އަލްޖަޒީރާ" އާއި "ބީބީސީ" ފަދަ ވެބްސައިޓްތަކަށެވެ. ޚަބަރު އަޑުއަހައިލުމަށް އަޅުގަނޑުމެން ޓިޔުންކޮށްލަނީ ޓީވީއެމާއި "ވީޓީވީ" އާއި، "ދިޓީވީ"އާއި، "ރާއްޖެޓީވީ" އާއި، "ޗެނަލް13" އާއި "ސަންޓީވީ" އާއި، "ޖަޒީރާ" އާއި "ޗެނަލްވަން" ...... ފަދަ ޓީވީ ޗެނެލްތަކަށެވެ. ޚަބަރު އަޑުއަހައިލުމަށް ހުޅުވައިލަނީ ރޭޑިއޯއެވެ. ޓިޔުންކުރަނީ "ދިވެހިރާއްޖޭގެއަޑު" ފަދަ ޗެނަލްތަކަށެވެ.

އަނެއްކޮޅުން ބަލާއިރު، މަޢުލޫމާތު ހޯދުމަށް އަޅުގަނޑުމެން އެންމެ ގިނައިން މި ވަންނަނީ، "ލިޔުންތެރީން"އާއި "ފަންވަތް" ފަދަ ނުވަތަ "ނޫރުލްއިސްލާމް" ފަދަ ވެބްސައިޓްތަކަށެވެ. އެހެންވީމާ އަޅުގަނޑުމެންނަށް ނޭނގި ނަމަވެސް ޚަބަރާއި މަޢުލޫމާތު މި ގެންގުޅެވެނީ ދޭއްޗެއްގެ  ގޮތުގައި ވަކިކޮށްގެން ނޫންތޯ އެވެ؟ އަދި މަޢުލޫމާތާއި ޑޭޓާއާވެސް ވަކިކުރެވޭނެ އެވެ. ނަމަވެސް މި މަޒުމޫނުގެ ބޭނުމަށް ޓަކއި ޑޭޓާ އާއި މަޢުލޫމާތު އަޅުގަނޑު މި ބޭނުންކުރަނީ އެއް އިންސަރަހައްދެއްގެ ތެރޭގައި އެކައްޗެއްގެ ގޮތުގައެވެ. އެހެނީ މި މައުޟޫޢުގެ މަޤުޞަދަކީ މަޢުލޫމާތާއި ޚަބަރު ވަކިކޮށްދިނުމެވެ. މައޢުލޫމާތާއި ޑޭޓާ ވަކިކޮށް އިތުރު ތަފުޞީލުތައް ލިޔަން ހަދައިގެން އިތުރަށް އޮޅުންބޮޅުން އެރުން އެކަށީގެންވެއެވެ. އެހެން ނޫނަސް، ދިވެހިރާއްޖޭގައި މިހާރު ޢަމަލުކުރެވެމުން އަންނަ މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނގައި މަޢުލޫމާތު މާނަކޮށްފައިވަނީ ޑޭޓާ ވެސް ހިމަނައިގެންނެވެ. އެހެންކަމުން ދިވެހީން ޚަބަރާއި މަޢުލޫމާތުގެ ވާހަކަ ދައްކާ މަޤާމެއްގައި ޑޭޓާގެ ވާހަކަދައްކާނެ ބޭނުމެއް ނެތެއްނޫންތޯއެވެ؟ ދިރާސީ މަސައްކަތެއް ކުރާއިރު ނުވަތަ ކޮންޕިޔުޓަރުގެ ދާއިރާގެ މަސައްކަތެއް ކުރާ އިރު އެ ވާހަކަދައްކަން ބޭއްވީމާ ރަނގަޅުވާނެ އެވެ. 

މަޢުލޫމާތަކީ ވަރަށް ބާރުގަދަ އެހާމެ ނުފޫޒު ގަދަ އަދި މީހުންގެ ސުލޫކަށާއި އަޚުލާޤަށާއި ނިންމުންނަކަށް އަސަރުފޯރުވާއެއްޗެކެވެ. މިސާލަކަށް ކުންފުންޏަކަށް ލިބުނު ސާފު ފައިދާ ވަރަށް ބޮޑަށް ދަށްވެއްޖެ ކަމުގެ "މަޢުލޫމާތު" އެތާގެ މެނޭޖަރަށް ލިބިއްޖެ ނަމަ ޖެހިގެން އަންނަ މަހު މާލީ ޚަދަރުތައް ކުޑަކުރުމަށް ފިޔަވަޅުއަޅާނެ އެވެ. އެ "މަޢުލޫމާތު"ގެ "ނުފޫޒު"ންނެވެ. 

ޚަބަރަކީ، މީހުން ޝައުޤުވެރި ކުރުވަނި އާ މަޢުލޫމާތެވެ. ތާޒާ މަޢުލޫމާތެވެ. ހޫނު މަޢުލޫމާތެވެ. އާދަޔާ ޚިލާފު މަޢުލޫމާތެވެ. ލާމަސީލު މަޢުލޫމާތެވެ. ޚަބަރުގެ އެއް މާނައަކީ މިއީ އެވެ. ޚަބަރުގެ އަނެއް މާނައަކީ ނޫސްތަކާއި އެހެނިހެން މީޑިއާތަކުން ގެނެސްދޭ، މިހާރު (ނުވަތަ އެ ވަގުތެއްގައި، އެ އިރެއްގައި) ހިނގަމުންދާ  އެކިއެކި ކަންކަމާއި ޙާދިސާތަކުގެ މަޢުލޫމާތެވެ. އޭގެ މާނައަކީ ޚަބަރުގައި މި ނޫން އެއްޗެއް ނުހުންނަ ވާހަކއެއް ނޫނެވެ. އެހެންނަމަވެސް ޚަބަރުގެ ލޮނުހެޔޮވަރު ކޮށްލުމަށްޓަކައި، ނުވަތަ މުއްސަނދިކޮށްލުމަށްޓަކައި ނުވަތަ ޝައުޤުވެރިކަން އިތުރުކޮށްލުމަށްޓަކައި ފަސްމަންޒަރުގެ މަޢުލޫމާތު ހިމެނުމަކީ ވަރަށް މުހިއްމު ކަމެކެވެ. މިސާލަކަށް ރާއްޖޭގެ އަތޮޅެއްގެ ދެ ރަށެއްގެ ދެމެދުގައި ބުރިޖަކުން ގުޅައިލުމަށް މަސައްކަތް ފަށައިވާހަކަ ޚަބަރެއްގައި ކިޔާ އިރު، އެ ދެ ރަށުގެ ދުރުމިނާއި ބޮޑުމިނާއި އާބާދީ ފަދަ އިތުރު "މަޢުލޫމާތު" ގެނެސްދިނުމަކީ، އެ ޚަބަރެއް ޚަބަރަކަށް ހެދުމަށްޓަކައި ވަރަށް މުހިއްމު ކަމެކެވެ.

އާ، އާދަޔާ ޚިލާފު، ތާޒާ އެއްޗަކަށްވުމަކީ "ޚަބަރު"ގެ ޝަރުޠެކެވެ. ހިނގާ ކޮންމެ ކަމަކީ ޚަބަރަކަށް ނުވާނެ އެވެ. ކޮންމެ ރެޔަކު މުޅި މާލެ އިލެކްޓްރިކް އަލީން ޒީނޒނަތްތެރިކުރެވެއެވެ. އެއީ މިހާރު ޚަބަރެއް ނޫނެވެ. ޚަބަރެއް ނޫނެވެ. މަޢުލޫމާތެކެވެ. ޚަބަރަކަށް ނުވަނީ އެއީ އާ ކަމަކަށް ނުވާތީ އެވެ. އެންމެނަށް އެނގި ޢާއްމުވެފައިވާ ކަމަކަށްވާތީ އެވެ. އަޑުއަހަން ޝައުޤުވެރިވާ ކަމަކަށް ނުވާތީ އެވެ. އެކަމަކު މުޅި މާލެއިން ކަރަންޓް ކެނޑި އަނދިރިވެއްޖެ ނަމަ އެއީ ވަރަށް މުހިންމު ޚަބަރަކަށްވާނެ އެވެ. ކޮންމެ ދުވަހަކު މީހުން އުފަންވެއެވެ. އެކަމަކު އެއީ ޚަބަރަކަށް ނުވެއެވެ. މީހުން ސަމާލުކަން ނުދޭ ޝައުޤުވެރިކަން ނުދޭ ކަމަކަށްވާތީ އެވެ. އެކަމަކު މިހާރު ވެސް  ރައީސުލްޖުމްހޫރިއްޔާއަށް ބޭފުޅަކު ލިބިވަޑައިގެންފި ނަމަ އެއީ ޚަބަރަކަށް ވާނެ އެވެ. އާކަމަކަށްވާތީއެއް ވަކި ނޫނެވެ. މީހުން ޝައުޤުވެރިވާނޭ މަޢުލޫމާތަކަށްވާތީ އެވެ.

އާދޭހެވެ! ޚުލާޞާ ގޮތެއްގައި ދަންނަވާ ނަމަ ކޮންމެ ޚަބަރަކީ މަޢުލޫމާތެކެވެ. އެކަމަކު ކޮންމެ މައުލޫމާތަކީ ޚަބަރެއް ނޫވެ. އެހެންކަމަށްވާނަމަ ޚަބަރަށްވުރެ މަޢުލޫމާތުގެ ދާއިރާ މާ ފުޅާކަމުގައި ނިންމިދާނެ އެވެ. ދިވެހިރަދީފު ބުނާ ގޮތުން ޚަބަރަކީ ކަމެއް ހިނގި ގޮތެވެ.